ހަބަރު

ޔާމީން ބަލިކުރާނީ 12 މެންބަރުން ނިކުމެ: މެންބަރުން

މިއަހަރުގެ ރިޔާސީ އިންތިހާބު ރައީިސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބަލި ކުރާނީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުން ނުކުމެކަން ދައްކައިދޭނެ ކަމަށް އެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މެންބަރުންގެ ފަރާތުން ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު އަމީތު ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބަކަަށް ރައްޔިތުން މަޖިލިސް މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި ދުނިޔެ ގަބޫލުކުރާ މިނިވަން އިންސާފުވެރި ދެ ފުށްފެންނަ އިންތިހާބެއް ބޭއްވޭނީ، 12 މެންބަރުންނާއި ޖަލަށް ލެވިފައިވާ ހުރިހާ މެންބަރުން މަޖިލީހަށް ވަދެވޭގޮތް ވެގެން ކަމަށެވެ.

"އެ މަޖިލީހުގެ ތެރޭގައި 80،000 ރައްޔިތުންގެ ހައްގުތައް އިއާދަ ކުރެވިގެންނޫނީ އެ ރައްޔިތުންގެ ހައްގުގައި ވާހަަކަ ދެއްކުމުގެ ފުރުސަތު މަޖިލީހުގެ ތެރޭގައި ތަނަވަސް ވެގެން ނޫނީ މި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިގެން ނުދާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ، އިންތިހާބު މިނިވަން ކުރުމަށްޓަކައި ސަރުކާރުން 12 މެންބަރުންނަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްދޭން ޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ސިޔާސީ ފަރާތްތަކުން 12 މެންބަރުންގެ ހައްގުތައް ނިގުޅައިގަތުމަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުމަކަށް ގެނެސް، ވީހާވެސް އަވަސް މުސްތަގުބަލެއްގައި އިންސާފުވެރި ހުކުމެއް ކޮށްދިނުމަށްވެސް އަމީތު ގޮވާލާފައި ވެއެވެ.

"ދާއިރާތައް އޮތީ ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓާއެކީގަ، ޔާމީނަށް ދައްކާނަން މި އިންތިހާބުން ޔާމީން ބަލި ކުރާނީ 12 މެންބަރުން ނުކުމެގެންކަން، ހަގީގަތުގައި ޔާމީން ބަލިވެގެންދާނީ އަޅުގަނޑުމެން 12 މެންބަރުންނާއި ވާދަކޮށްގެން، މި އިންތިހާބުގައި މި 12 މެންބަރުންގެ ދާއިރާއިން ރިވެތި ގޮތުގައި ޔާމީން ބަލިވެގެންދާނެ،" އަމީތު ވިދާޅުވި އެވެ.

މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ، 23 ސެޕްޓެމްބަރުގައި ސަރުކާރު ބަދަލުުކޮށްލަން ހަމައެކަނި ލިބޭ ފުރުސަތު އިސްރާފް ނުކުރުމަށް 12 މެންބަރުންގެ ފަރާތުން ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންނަށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ފުރުސަތު ނަގާ ނުލުމަށްވެސް ސައުދު ގޮވާލާފައި ވެއެވެ.

"ރައީސް ޔާމީނާއި ޝަހީމާ ވަރަށް ތަފާތު ބޮޑު ދެމީހުން، ރަނގަޅާއި ނުބައި އެއްތަނެއްގައި ނޯންނާނެ، އެކަކު އަނެކަކުގެ މައްޗަށް ގަދަވުމަށް މަސައްކަތް ކުރާނެ، މިއީ އެދެބޭފުޅުންގެ ތަފާތަކީ، ވޭތުވެދިޔަ ހަތަރު އަހަރު ހުރިހާ ނައިބްރައީސުންނާއި ދޭތެރޭ ކަންތައްވެގެން ދިޔަ ގޮތާމެދު ކަންބޮޑުވަން،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ކައިރީގައި ދައްކާނެ އިތުރު ވާހަކަތަކެއް ނެތް ކަމަށާއި މި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. މި ސަރުކާރު ދުވަނީ އެއަށްވުރެ ބޮޑު ކޮރަޕްޓް އަދި އަނިޔާވެރި ވެެރިއެއްގެ ފަހަތުން ކަމަށާއި މުޅި ދައުލަތް އޮތީ ބޭއިންސާފުގެ ތެރެއަށް ވެއްޓިފަ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

"12 މެންބަރުންގެ ދާއިރާތަކުގެ އެއްވެސް ވޯޓް ފޮއްޓަކުން ރައީިސް ޔާމީނަށް މެޖޯރިޓީއެއް ނުލިބޭނެ، އަޅުގަނޑުމެން ރިޔާސީ ކެނޑިޑޭޓާއެކީގައި ގުޅިފައިވާ އިއްތިހާދުން ސްޓާޓް މިކުރަނީ 145،000 ވޯޓް ޔަގީން ކޮށްގެން، ބާކީ ހުރި ވޯޓަކީ ރައްޔިތުން ހެޔޮ ވިސްނާފަ ނިންމަން ޖެހޭ ވޯޓް،" ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ، އިންސާފުވެރި އިންތިހާބަކަށް ގޮސްފިނަމަ އިއްތިހާދުގެ ކެނޑިޑޭޓަށް ރައްޔިތުން އާބަސް ބުނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މި އިންތިހާބުގައި ރައީސް ޔާމީިނަށް 20 ޕަސެންޓްވެސް ނުލިބޭނެ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.