ކުޅިވަރު

ކްރޮއޭޝިއާގެ ދަތުރު ފެށީ ޑިސިޕްލިންއާ ހަމައިން!

އިންގްލެންޑް ބަލިކޮށް، ކްރޮއޭޝިއާ ފައިނަލަށް ދަތުރު ކުރުމުން ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް ކްރޮއޭޝިއާގެ ޕީޓާ ޝެގަޓް، މެޗު ބަލަން އިން ބޮޑްސްކްރީން ދޮށުގައި ދިވެހިންނާއެކު އުފާފާޅު ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް، އޭނާގެ ފޭސްބުކް ޕޭޖުގައި އާންމު ކުރި އެވެ. ކްރޮއޭޝިއާ ފައިނަލަށް ދިއުމުން ރާއްޖެއިން އެންމެ އުފާ ކުރާނެ އެކަކީ އޭނާ އެވެ.

"[މާރިއޯ] މަންޒޫކިޗް ލަނޑު ޖެހީމަ، މެޗު ބަލަން ތިބި ދިވެހިން ވެސް އުފާފާޅުކުރަން ފެށި، އަހަންނަށް ހީވަނީ ދިވެހިންވެސް ސަޕޯޓް ކުރީ، ކްރޮއޭޝިއާއަށް ހެން،" މިއީ އޭނާގެ އަމިއްލަ ގައުމު ފައިނަލަށް ދިއުމުން، އަވަސްއަށް ދިން އިންޓަވިއުގައި އޭނާ ފެށި ފުރަތަމަ ވާހަކަ އެވެ. "ފައިނަލުގައިވެސް ދިވެހިން ކްރޮއޭޝިއާއަށް ސަޕޯޓް ކުރާނެ ކަމަށް އަހަރެން އުންމީދު ކުރަނީ."

މިފަހަރުގެ ވޯލްޑްކަޕު ފައިނަލަށް ކޮރޭޝިއާ ދަތުރު ކުރީ، މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަ ކުރެވުނު ވަރުގަދަ ބާރުތައް ފަހަތައް ޖައްސާލުމަށް ފަހު އެވެ. ޝެގަޓް ބުނީ ކޮރޭޝިއާއަށް ފައިނަލާ ހަމަޔަށް ދެވުނީ މުބާރާތުގައި އެ ޓީމުން ހިފެހެއްޓި ޓެކްޓިކަލް ޑިސިޕްލިންގެ ސަބަބުން ކަމަށެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި މުބާރާތުގެ ގުރޫޕް ސްޓޭޖު ފަހަނައަޅައި ކޮރޭޝިއާއަށް ނުދެވުނެވެ. އެ އަހަރު ކްރޮއޭޝިއާ ޓީމުން ޑިސިޕްލިންގެ ޑިސިޕްލިން މައްސަލަ ފެންމަތިވި އެވެ. އެ ވާހަކަތައް އޭރު މީޑިއާތަކުން ވެސް ތިލަ ކުރި އެވެ.

"މިފަހަރު މުބާރާތަށް ކްރޮއޭޝިއާ ގޮސްފައި އެއޮތީ ވަރަށް ގިނަ ކަންކަން ރަނގަޅު ކޮށްގެން، އެންމެ ބޮޑު އެއްކަމަކީ ޑިސިޕްލިން އަދި ކުޅުންތެރިން 100 ޕަސަންޓް ދޭތަން ފެނިގެން ދޭ، ފަހަތުގައި އޮންނައިރު ވެސް އެއްވަރުކޮށްގެން ނަތީޖާ ބަދަލު ކޮށްލަނީ ކުޅުންތެރިން ހިފަހައްޓާ ޓެކްޓިކަލް ޑިސިޕްލިންއާއެކު ކުރާ މަސައްކަތުން."

ކްރޮއޭޝިއާ ފައިނަލަށް ދާނެ ކަމަކަށް އެއްވެސް މީހަކު ހީކޮށްފައެއް ނެތް، ކިހިނެއް ކާމިޔާބާ ބެހޭގޮތުން ދެކެނީ؟

"ތެދެއް ކްރޮއޭޝިއާއަކީ މުބާރާތުގެ ފޭވަރިޓެއް ނޫން، ނަމަވެސް އަހަރެމެން [ކްރޮއޭޝިއާ] ފައިނަލާ ހަމަޔަށް ދިޔައީ ފޭވަރިޓުން ބަލި ކުރުމަށް ފަހު، ކާކު ހީކުރާނީ އަހަރެމެން އާޖެންޓީނާ ބަލި ކުރާނެއޭ، އާޖެންޓީނާ މެޗު ކުޅުނުއިރު އަހަރެން ހުރީ ޗުއްޓީގައި ކްރޮއޭޝިއާއަށް ގޮސް، މެޗުގެ ކުރިން އަހަރެން ހިތަށް އެރި އަހަރެމެންނަށް [ކްރޮއޭޝިއާ އަށް] އާޖެންޓީނާ ބަލި ކުރެވިދާނެއޭ ކްރޮއޭޝިއާގެ އެންމެ ބޮޑު މީޑިއާއިން އަހަރެންގެ އިންޓަވިއުއަކަށް އެދުމުންވެސް އިންޓަވިއުގައިވެސް އަހަރެން ބުނިން، އަހަރެން ގަބޫލު ކުރަމޭ ކްރޮއޭޝިއާ އަށް އާޖެންޓީނާ ބަލި ކުރެވޭނެ ކަމަށް، އަހަންނަށް ވަރަށް ބޮޑު އުންމީދެއް ލިބުނު."

ދެ ވަނަ ބުރާއި ހަމައިން މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނުނު ގިނަ ޓީމުތައް މުބާރާތުން ވަކިވާން ޖެހުނު، މެސީގެ އާޖެންޓީނާ އާއި ރޮނާލްޑޯގެ ޕޯޗްގަލްވެސް ދެ ވަނަ ބުރުން ވަކިވާން ޖެހުނު، އޭގެ ކުރިން ޗެމްޕިއަން ޖަރުމަންވެސް މުބާރާތުން ވަކިވާން ޖެހުނު، އެ ޓީމުތަކަށް ދިމާވި މައްސަލައަކީ ކޮބާ؟

ސުވާލެއްވެސް ނެތް މެސީ އާއި ރޮނާލްޑޯއަކީ އެންމެ މޮޅު ދެ ކުޅުންތެރިން، ނަމަވެސް ކިތަންމެ ބޮޑު ނަމެއް އެ ޓީމެއްގައި ހުރި ނަމަވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނަމަ ފުޓްބޯޅައިގައި ކާމިޔާބެއް ނުހޯދޭނެ. އަހަންނަށް ހީވާ ގޮތުގައި އާޖެންޓީނާ އާއި ޕޯޗްގަލްއަށް ދިމާވި ގޮތަކީ މީ، މެސީ ނުވަތަ ރޮނާލްޑޯ އެކަނި ކުރާ މަސައްކަތަކުން ކާމިޔާބެ ނުހޯދޭނެ މުޅި ޓީމު އެއްވަރެއްގައި މަސައްކަތް ކުރަން ޖެހޭނެ، ކްރޮއޭޝިއާއަކީ ވަރަށް ކުޑަ އާބަދީއެއް، އަހަރެން ގަބޫލު ކުރާގޮތުގައި އަހަރެމެންނަށް ފައިނަލަށް ދެވުނީ މުޅި ޓީމުން ޑިސިޕްލިން ހިފަހައްޓައިގެން އެއްވަރެއްގައި ކުރި މަސައްކަތުން.

އަހަރެން ފާހަގަ ކުރާނަން މި ކުޅުންތެރިން، ރޮނާލްޑޯ މުބާރާތުން ވަކިވެއްޖެ، މެސީވެސް މުބާރާތުން ވަކި ވެއްޖެ، އަދި އަހަރެން ފާހަގަ ކުރާ ކުޅުންތެރިޔެއް [އަންޑްރެސް] އިނިއެސްޓާވެސް، ސްޕެއިންވެސް މުބާރާތުން ވަކިވެއްޖެ، ޓޯނީ ކްރޫޒްގެ ޖަރުމަންވެސް މުބާރާތުން ވަކިވެއްޖެ، އަހަރެމެންގެ [ކްރޮއޭޝިއާގެ] މި ހުރީ ލުކަ މޮޑްރިޗް، އީވާން ރެކިޓިޗް، މަންޒޫކިޗް، ޕެރިސިޗް، ކޮވަސިޗް، ވަސެލޯކޯ، ކަރެސްކޯ، މި ކުޅުންތެރިންގެ ވަކިވަކި ކުޅުމަށް ވުރެ މުޅި ޓީމެއްގެ ގޮތުގައި ކުޅޭތަން ފެނިގެން ދޭ.

ކަލޭގެ ގާތް އެކުވެރިޔާ، ޖަރުމަންގެ ކޯޗް ޔޯގީލޯފް [ޔޯކިމް ލޯ] އަށް މިފަހަރު މިދިމާވީ ވަރަށް ދެރަ ގޮތެއް، ޗެމްޕިއަނުންގެ ގޮތުގައި އައިސް ގުރޫޕް ސްޓޭޖު ފަހަނައަޅައިވެސް ނުދެވުނު، އޭނާއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކޮބާ؟

ވޭތުވެދިޔަ ތިން ވޯލްޑްކަޕުގައި ވެސް، ޗެމްޕިއަން ޓީމަށް މި ދިމާވީ އެއްކަހަލަ ގޮތްތަކެއް، 2014 ގައި ސްޕެއިން، އޭގެ ކުރިން 2010 ގައި އިޓަލީއަށް ވެސް، މިފަހަރު މި ދިމާވީ ޖަރުމަނަށް، އަހަންނަށް ހީވަނީ، ވޯލްޑްކަޕު ކާމިޔާބު ކުރުމަށް ފަހު ކޮންމެ ކޯޗެއްގެވެސް އިތުބާރު އެ ސްކޮޑަކަށް ވަރަށް ބޮޑަށް އޮވޭ، ނަމަވެސް އެ ޓީމަށް ބަދަލެއް އަންނަން ޖެހޭ، ޒުވާން ކުޅުންތެރިން އެ ސްކޮޑްގައި ހިމަނަން ޖެހޭ ދެ ވަނަ މުބާރާތަކަށް ދާއިރު، ޖަރުމަންގައި ވެސް އެކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ.

ކިހިނެއް ޔޯގީލޯފް އާ އޮންނަ ގުޅުން، ނާކާމިޔާބު ވުމުންވެސް އޭނަ ޓީމުގައި މަޑުކުރަން ނިންމި އޭނާގެ އެ ނިންމުމާދު ކީކޭ ބުނާނީ؟

އަހަންނާ ޔޯގީލޯފްއާ ދެ މީހުންގެ ރަހުމަތްތެރިކަމަށް 20 އަހަރަށް ވުރެވެސް ގިނަ ދުވަސް ވެއްޖެ، އަހަރެން ވަރަށް ފަހުރުވެރިވޭ އެ ވަރުގެ ރައްޓެސަކު ލިބުނީތީ، ވޯލްޑްކަޕުގެ ކުރިންވެސް އަހަރެން އޭނާ އާ ވާހަކަ ދެއްކިން، އަދި މުބާރާތުގެ ތެރޭގައި މަދު މީހަކާ ނުނީ އޭނާ ކޮންޓެކްޓް ނުކުރާނެ، ވޯލްޑްކަޕު ތެރޭގައިވެސް އަހަރެން އޭނާއާ ވާހަކަ ދެއްކިން، އަދި ޖަރުމަނަށް ވޯލްޑްކަޕު ނިމުމަށް ފަހުވެސް އޭނާއާ ވާހަކަ ދެއްކިން މިހާރުގެ ހަލާތާ ބެހޭގޮތުން.

ޕްރޮފެޝަނަލީ ޔޯގީލޯފް ނިންމާ ކޮންމެ ނިންމުމަކާ މެދު އަހަރެން އިހްތިރާމު ކުރާނަން، ބައެއް މީހުން ބުނޭ މިފަހަރު އޭނަ އެހެދީ ކިހިނެއްހޭ، ނަމަވެސް އޭނާ ވަނީ ވޭތުވެދިޔަ 14 އަހަރުތެރޭ ޖަރުމަންގެ ފުޓްބޯޅަ ބަދަލުކޮށްލާފަ، ޖަރުމަނަކީ އެޓޭކިން ގޭމަކާއެކު ރީތި ގޭމެއް ވެސް ކުޅޭ ޓީމަކަށް ޔޯގީލޯފް އެ ޓީމު ހެދި، އޭނާ އާއެކު ޖަރުމަން ވަނީ މިހާތަނަށް ހުރިހާ މުބާރާތެއްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިފަ، މިފަހަރު އެ އެކަނި އޭނާއަށް ކާމިޔާބު ނުލިބުނީ،

ވަރަށް ޕްރޮފެޝަނަލް މީހެއް، އަހަންނަށް ޔަގީން ވޯލްޑްކަޕުގައި ޖަރުމަން ޓީމަށް ހެދުނު ހުރިހާ މިސްޓޭކުތަކެއް އޭނަ ރިވިއުކޮށް އެކަމަށް ހައްލު ގެންނާނެ ކަން، އެއީ އޭނާގެ ކިބައިގައި އެބަހުރި ޖަރުމަނަކީ އަނެއްކާވެސް ވަރުގަދަ ޓީމަކަށް ހެދުމުގެ ގާބިލުކަން.

އާޖެންޓީނާގެ ކޯޗް ސަމްޕައޮލީ ވަނީ ޗިލީ ގައި އަދި ސެވިއްޔާގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ، އޭނާ ވަނީ އެ ޓީމުތަކުގައި ކާމިޔާބުވެސް ހޯދާފަ، ނަމަވެސް އާޖެންޓީނާގައި އޭނާއަށް ކާމިޔާބެއް ނުލިބުނު ކަލޭ ދެކޭގޮތުގައި އާޖެންޓީނާގައި ސަމްޕައޮލީއަށް ދިމާވި މައްސަލައަކީ ކޮބާ؟

އަހަރެންވެސް ހައިރާންވި އާޖެންޓީނާއަށް ދިމާވި ގޮތުން، ތިބުނިހެން ސަމްޕައޮލީއަކީ ވަރަށް މޮޅު ކޯޗެއް ޗިލީ އާއި ސްޕެއިންގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް އޭނާ ކުރި، އަހަންނަށް ހީވަނީ ތައްޔާރީތަކުގައި މައްސަލައެއް އުޅޭހެން، ސަމްޕައޮލީ ބޭނުން ކުރިތަން ފެނުނީ ޕްލޭން އޭ، އޭނާ އަތުގައި ޕްލޭން ބީ ނެތް ކަން އެނގޭ، މުބާރާތަކަށް ތައްޔާރުވާއިރު ވަރަށް މުހިންމު ކަމެއް ޕްލޭން އޭ އަކާއި ޕްލޭން ބީ އެއްވެސް އޮތުން، އާޖެންޓީނާގެ ޕްލޭން އޭ ގައި މުޅި ގޭމް ބަރޯސާވީ މެސީއަށް، އެ ޕްލޭން މަސައްކަތް ނުކުރީމަ، ޕްލޭން ބީ އަށް ސްވިޗް ކޮށްލެވޭނެ ގޮތެއްވެސް އޮންނަން ޖެހޭނެ، ނަމަވެސް އެކަމެއް ނުފެނުނު، ކުލަބުގައި ވަރަށް މޮޅަށް ކުޅޭ [ޕައުލޯ] ޑިބާލާ މެން ފަދަ ކުޅުންތެރިންގެ ބޭނުމެއް އާޖެންޓީނާއަކަށް ނުހިފުނު.

މީހުން ބުނޭ އާޖެންޓީނާގެ އެޓޭކިން ޑިޕާޓްމެންޓަށް ކުޅުންތެރިން ނަގަނީ މެސީ ބޭނުންވާ ގޮތަށޭ، އޭނާ ބޭނުންވާ ކުޅުންތެރިންނޭ ޓީމުގެ ފުރަތަމަ 11 އަށާއި ސްކޮޑަށް ނަގަނީ، މީޑީއާތަކުގައިވެސް މިވާހަކަ ދެކެވުނު އެފަދަ ކަމެއް ހިނގައިފާނެ ކަމަށް ގަބޫލު ކުރެވޭތަ؟

ތީ މުޅިން ތުހުމަތުތަކެއް، ތި ވާހަކަތައް މީޑިއާގައި އައިސްފައި ހުރީވެސް ތުހުމަތުތަކެއް ގޮތަށް، އަހަންނަކަށް ހީއެއް ނުވޭ ސަމްޕައޮލީ އެކަން އެގޮތަށް ކުރާނެ ހެނެއް، އޭނާ އެގޮތަށް ކަންތައް ކުރި ނަމަ އެއީ އެއީ ވަރަށް ބޮޑު ގޯހެއް،

ހަމަގައިމުވެސް އަހަރެން ކޯޗަކަށް ހުރެގެން ވަކި ކުޅުންތެރިޔަކު ބޭނުންވާ ގޮތަށް ޓީމެއް ނުނަގާނަން، ފެޑްރޭޝަން ބުނާގޮތަކަށް ޓީމެއް ނުނަގާނަން، ހަމަ ޔަގީން ކުޅުންތެރިޔާއަކީ ޓީމުގެ އެންމެ މުހިންމު އަސާސް، ނަމަވެސް ވަކި ކުޅުންތެރިޔަކު ބޭނުންވާ ގޮތަށް ޓީމު ނަގުމަކީ ފުޓްބޯޅައިގައި އޮންނަ ކަމެއް ނޫން، އެއީ އަހަރެން ގަބޫލު ކުރާނެ ކަމެއް ނޫން، އަހަންނަކަށް ހީއެއް ނުވޭ މެސީވެސް ވަކި ކުޅުންތެރިޔަކަށް ފުރުސަތު ދޭށޭ ބުނާނެހެނެއް،

ގައުމީ ޓީމާއި ކުލަބާ ތަފާތު ވާނެ، ކުލަބުގައި ކުޅޭނީ އެ ކުޅުންތެރިޔަކަށާއި އެ ޓީމެއްގެ ސަޕޯޓަރުންނަށް، އަދި ކުލަބުން ދޭ މުސާރައަށް، ނަމަވެސް ގައުމީ ޓީމު މުޅިން ތަފާތު، މާބޮޑު އާންމުދަނީއެއްވެސް ނުލިބޭނެ، ކޮންމެ ކުޅުންތެރިޔަކުވެސް ކުޅެން ޖެހޭނީ އެ ގައުމެއްގެ އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ މަތީ މީހާއަށް ޓަކައި، އަދި ހިތުގެ އަޑިން ގަބޫލު ކުރަން ޖެހޭނެ އަހަރެން މި ކުޅެނީ ގައުމަށްޓަކައިކަން، މުޅި ގައުމު އަހަރެންގެ ފަހަތުގައި އެބައޮތް ކަމާ ގައުމު ތަމްސީލު ކުރަން ލިބޭ އެންމެ ހަނި ފުރުސަތުވެސް އަހަރެން ބޭނުން ކުރާނެކަން، ގައުމީ ޓީމަށް ކުޅެން ޖެހޭނީ އެ ގައުމެއްގެ ދިދަ އަށްޓަކައި ދިދަ އަށް ކުރާ އިހްތިރާމަށްޓަކައި.

ކްރޮއޭޝިއާ ވޯލްޑްކަޕުގައި ކުޅުނު ފުރަތަމަ މެޗަށް ފަހު، ޓީމުގެ ސްޓައިކަރު ނިކޮލާ ކަލިނިޗް ރަށަށް ފޮނުވާލި، އޭނާ ޓީމުގައި ބެހެއްޓިނަމަ އެހެން ކުޅުންތެރިންނަށް ރެސްޓް ދޭންވެސް އޭނާ ބޭނުން ކުރެވުނީސް ނޫންތަ؟

ކަލިނިޗްއަކީ އަހަރެންވެސް ވަރަށް ގާޔާވާ ކުޅުންތެރިޔެއް، އޭނާއަކީ ވަރަށް މޮޅު ސެންޓާ ފޯވަޑެއް، ނަމަވެސް ކަލިނިޗްވެސް ވިސްނަން ޖެހޭނެ އޭނާ ހުރީ ޓީމެއްގައިކަން، ހުރިހާ ނިންމުމެއް ނިންމާނީ ކޯޗުކަން، އޭނާ [ކަލިނިޗް] އަށް ވާހަކަ ދެއްކިދާނެ، ނަމަވެސް އޭނާ އަމިއްލައަކަށް ވަކިގޮތެއް ނުނިންމޭނެ ކުޅޭނީތޯ ނުވަތަ ނުކުޅެ ހުންނާނީތޯ، ޓީމެއްގައި ނަމަ ނިންމުންތައް ނިންމާނީ ކޯޗު، އޭނާވެސް ޖެހޭނެ ފުޓްބޯޅައިގެ އެ ޑިސިޕްލިން ގަބޫލު ކުރަން.

އަހަންނަށް ހީވަނީ ކޯޗް [ޒަލްޓަކޯ ޑަލިޗް] ނިންމުން ރަނގަޅު ހެން، އޭގެ ސަބަބުން ދެންތިބި ކުޅުންތެރިން އިތުރަށް ސީރިއަސްކޮށް ކޯޗުގެ ނިންމުންތަކާމެދު ވިސްނަން މަޖުބޫރުވި، އަހަރެމެންގެ [ކްރޮއޭޝިއާގެ] ދެ ވަނަ މެޗު އާޖެންޓީނާއާ ދެކޮޅަށް ކުޅެން ޖެހުނުއިރު ކުޅުންތެރިންގެ ވިސްނުން ބަދަލުވެގެން ދިޔަ، މުޅި މުބާރާތުގައި ވެސް ކޮރޭޝިއާ ކުޅުނު އެންމެ މޮޅު މެޗަށް އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ވާނެ، މުބާރާތުގައި މިހާދުރަށް ކޮރޭޝިއާއަށް ދެވުނީ ކުޅުންތެރިން އެއް ރޫހެއްގައި މަސައްކަތް ކުރުމުން، ޓީމަށް ހުސްވެ ތިބޭ ވަގުތު އުޅެން ޖެހޭނީ ޓީމެއްގެ ގޮތުގައި، ޓީމުގައި ހިފަހައްޓާ ކަންކަމަށް އަމަލުކުރަން ޖެހޭނެ، އެކަންކަން ދެމެހެއްޓުމަށް ކުޅުންތެރިޔާވެސް އެއްބާރުލުން ދޭން ޖެހޭނެ އެއީ ޓީމެއްގެ ގޮތަކީ.

މިހާރު ކްރޮއޭޝިއާ މިއޮތީ ވޯލްޑްކަޕުގެ ފައިނަލުގައި، ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކުރި، ދެކޮޅަށް ނިކުންނަނީ ދުނިޔޭގެ ޗެމްޕިއަނެއް ކޮބާ ކްރޮއޭޝިއާއަށް އޮތް ފުރުސަތަކީ؟

މިއީ ކްރޮއޭޝިއާގެ ފުޓްބޯޅަ ހަޔާތުގައި ކުރިމަތިލާ އެންމެ މުހިންމު މެޗު، ކްރޮއޭޝިއާ ފައިނަލަށް ދިޔައީ ތިން މެޗުގައި އިތުރު ވަގުތަށްގޮސް ނަތީޖާ ނެރެގެން، މާނައަކީ ފްރާންސަށް ވުރެ އިތުރަށް އަހަރެމެން [ކްރޮއޭޝިއާ] އެއް މެޗު ކުޅެފިއޭ، މި ބުނީ އެކްސްޓްރާ ޓައިމް އާއި ޕެނަލްޓީ ޝޫޓް އައުޓަށް ހޭދަވި ވަގުތައް ހިމަނައިގެން މެޗުގެ ވަގުތަށް ފެތޭވަރުގެ ވަގުތުގައި އަހަރެމެން [ކޮރޭޝިއާއިން] ކުޅެފީމޭ، ރެސްޓް ކުރަންވެސް ފްރާންސަށް އެއްދުވަސް އިތުރަށް ލިބެނެ، އެހުރިހާ ކަންކަމަކަށް ބަލާއިރު ފްރާންސަށް އެޑްވާންޓޭޖެއް އެބައޮތް، ނަމަވެސް ފުޓްބޯޅައިގައި ކޮންމެ ކަމެއްވެސް ވެދާނެ، ކޮންމެ ހާލަތެއްވެސް ބަދަލު ކުރެވިދާނެ،

ކްރޮއޭޝިއާ އަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ޓީމެއްގައި ހުންނަން ޖެހޭ ހުރިހާ ކޮލިޓީއެއްވެސް ހުރިކަން، ޔޫރަޕްގެ އެންމެ ބޮޑެތި ކުލަބުތައް ކަމަށްވާ، ރެއާލް މެޑްރިޑް ބާސެލޯނާ، ޔުވެންޓަސް، އިންޓަ މިލާން، ލިވަޕޫލް، އެތުލެޓިކޯ މެޑްރިޑް މި ކުލަބުތަކަށް ކުޅެމުންދާ ކުޅުންތެރިން ކްރޮއޭޝިއާގެ ޓީމުގައި އެބަތިބި، ލުކަ މޮޑްރިޗް ފަދަ ވަރުގަދަ ލީޑަރެއް އެބަހުރި، މުޅި ޓީމު ޑިސިޕްލިން ހިފަހައްޓާ ތަން ފެނެ. ރީތީ ގޭމެއް އެބަކުޅޭ، ޓީމު ބަލިވެފައި އޮންނަ ވަގުތުވެސް މުޅި ޓީމު ހިތްވަރު އެލުވާ ނުލާ މަސައްކަތްކޮށްގެން ކުރި އެބަހޯދާ ، އެއީ އަހަރެމެންނަށް އޮތް ފުރުސަތުތަކަކީ. އެ ފުރުސަތުތަކާ އެކުގައި ނަސީބަކީވެސް ފުޓްބޯޅައިގެ މުހިންމު ކަމަކަށް ވާނެ.

ވޯލްޑްކަޕުން ދިވެހިރާއްޖޭގެ ފުޓްބޯޅައަށް ހޯދޭނެ ފިލާވަޅުތަކަކީ ކޮބާ؟

ވޯލްޑްކަޕުން ރާއްޖޭގެ ފުޓްބޯޅައަށް ނެގޭނެ ބައިވަރު ފިލާވަޅުތައް އެބަހުރި އެންމެ ފުރަތަމަ ކަމަކަށްވެސް އަހަރެން ފާހަގަ ކުރާނީ ޑިސިޕްލިން، އަހަރެމެން އެންމެންވެސް އެބަބުނޭ މިވެނި ޓީމެއް ވަރަށް ރީތި ފުޓްބޯޅައެއް ކުޅެޔޭ، ވަރަށް މޮޅު އެޓޭކިން ގޭމެއް މިވެނި ގައުމެއްގެ ޓީމަކުން އެބަ ކުޅެޔޭ، އެއީ އެކަމަށް ކޮމިޓްމެންޓް ދީގެން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ކޮށްފައި ހުރި މަސައްކަތުން އެގޭމް އެ ސްޓައިލްގައި ކުޅެވެނީ، ޕްރެކްޓިހުގައިވެސް އެ ޑިސިޕްލިން ހިފަހައްޓާނެ ދެން ދަނޑުމަތިންވެސް އެ ފެންނަނީ އެ ޑިސިޕްލިން ހިފަހައްޓައިގެން ކުޅޭތަން.

ދެން އެންމެ ފާހަގަ ކުރާނީ ކޮންމެ ކުޅުންތެރިޔަކީވެސް ޓީމުގެ ކުޅުންތެރިޔަކަށް ވުން، ޓީމު ބަލިވެގެން ދާއިރުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރިތަން ފެނުނު، އަނެއް ކަމަކީ ޒުވާން ކުޅުންތެރިންނަށް ދޭ ފުރުސަތު،

ރާއްޖޭގެ ފުޓްބޯޅަ ވޭތުވެދިޔަ 10 އަހަރު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި، ރާއްޖޭގެ ފުޓްބޯޅައަށް އާ ޖީލެއް ނެރެންޖެހޭ، ޒުވާން ގިނަ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭން ޖެހޭ، އަހަރެން ގަބޫލު ކުރާގޮތުގައި ރާއްޖޭގެ ކޯޗުކަމަށް އަހަރެން ހަމަޖެއްސީވެސް ގައުމީ ޓީމަށް އާ ޖީލެއް ތައްޔާރު ކުރުމަށްޓަކައި، ވޯލްޑްކަޕުން އަހަރެމެންނަށް ފިލާވަޅު ހޯދޭނެ، އެ ބަދަލުތައް އަށަގަންނެވުމުގައި ރާއްޖެއަށް ވަގުތުތަކެއް ހޭދަ ވާނެ، ނަމަވެސް އޭގެ ބޭރުންވެސް ގިނަ ކަންކަމެއް ރަނގަޅު ކުރަން ޖެހޭ، ވަރަށް ބައިވަރު ކަންކަމެއް ގުޅި ލާމެހިގެން، މި ބުނި [ވޯލްޑްކަޕުން މި ފާހަގަ ކުރި] ބަދަލުތަކަށް ރާއްޖޭގެ ފުޓްބޯޅަ ހާނުވާ ލެވޭނީ.

ރާއްޖޭގެ ކޯޗު ކަމުގައި މިހާރު ހަ މަސް ހޭދަ ކޮށްފިން، އެފްއޭއެމްގެ މަސައްކަތްތަކާ މެދު ކީކޭ ބުނާނީ؟

އަހަރެން ގަބޫލު ކުރާގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރަުފަތަކަށް ގެންދިއުމަށް ފެޑްރޭޝަން [އެފްއޭއެމް] އޮތީ ރަނގަޅު މިސްރާބެއްގައި، ފުޓްބޯޅައިގެ އާ ޖީލެއް ބިނާ ކުރުމަށް ކެތްތެރި ކަމާއެކު ފެޑްރޭޝަނުން ދަނީ މަސައްކަތްތަކެއް ކުރަމުން، މިދިޔަ ހަފުތާ ތެރޭގައި ވަރަށް ބޮޑު ދެ ޕްރޮޖެކްޓެއް ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި އަހަރެން ބައިވެރިވިން، ފުޓްބޯޅަ ސްކޫލް [ގައުމީ ފުޓްބޯޅަ އެކެޑެމީ] އަދި 13 އަހަރުން ދަށުގެ ލީގް،

އަހަރެން ވަރަށް އުފާވޭ މި މަސައްކަތްތަށް ފެށިއިރު އަހަންނަށް ރާއްޖޭގެ ކޯޗު ކަމުގެ މަގާމުގައި ހުރެވޭތީ، އެ ޕްރޮޖެކްޓްތަކަކީ އެފްއޭއެމްގެ ހިޔާލެއް، އަހަރުތަކެއް ފަހުން އެ ޕްރޮޖެކްޓްތަކުގެ ނަތީޖާ ފެންނަން ފަށާއިރު އަހަރެން ނުހުރެދާނެ، ނަމަވެސް އަހަރެންވެސް ބުނާނަން އެކަން ފެށީ އަހަރެންވެސް ރާއްޖޭގެ ހުރި އިރު އޭ.