ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން ތާށިވެފައިތިބި 12 ކުދިންގެ ފުޓުބޯޅަ ޓީމުގެ ހުރިހާ ކުދިން ސަލާމަތްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ހާދިސާ ވެގެން ދިޔައީ މުޅި ދުނިޔޭގެ ނަޒަރު އެ ދިމާލަކަށް ހުއްޓުނު ހާދިސާއަކަށެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން މި ކުދިން ތާށިވެފައި ތިބި ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅަ މިއުޒިއަމްއަކަށް ހަދަން މިހާރު ވަނީ ނިންމާފަ އެވެ. އަދި މި ކުދިން ސަލާމަތްކުރި ހާދިސާއަށް ފިލްމެއް ހަދަން ވެސް ހޮލީވުޑްގެ ފިލްމު ސްޓޫޑިއޯއަކުން ވަނީ ނިންމާފަ އެވެ.
މިދިޔަ މަހު 23 ގައި ގެއްލިގެން ހޯދަމުން ދަނިކޮށް މި ކުދިން ފެނުނީ، ނުވަ ދުވަސް ފަހުން މި ހޮހޮޅައިގެ ހަތަރު ކިލޯމީޓަރުން އެތެރޭގައި ތިއްބަ އެވެ. މި ހޮހޮޅައިން ހުރިހާ ކުދިން ސަލާމަތް ކުރުމަށް ދެ ހަފްތާއެއްހާ ދުވަސް ހޭދަވި އެވެ.
މި ހާދިސާ ހިނގައި ދިޔަ ގޮތް ދައްކުވައިދޭ މިއުޒިއަމްއެއް މި ހޮހޮޅައިގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް މި ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގުމާއި އިސްވެގެން ހުންނެވި އޮފިޝަލު ރޮއިޓާސްއަށް ވަނީ ވިދާޅުވެފަ އެވެ. މި ހޮހަޅައަކީ އެ ގައުމަށް އަންނަ ފަތުރުވެރިންނަށް ހާއްސަ މަންޒަލަކަށް ހަނދަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
ތައިލެންޑުގެ ބޮޑު ވަޒީރު ޕްރަޔުތް ޗަންކޯއާ ވިދާޅުވީ، މި ހޮހޮޅަ ހުންނަ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަކައި ހޮހޮޅައިގެ އެތެރެއާއި ބޭރުގައި ސެކިިއުރިޓީ ސިސްޓަމްތައް ގާއިމްކުރާނެ ކަމަށެވެ.
މި ހޮހޮޅަ ހުންނަ ސަރަހައްދަކީ މިހާރުވެސް ފަތުރުވެރިން ގޮސް އުޅޭ ސަރަހައްދެކެވެ. ނަމަވެސް ވިއްސާރަ މޫސުމުގައި މި ސަރަހައްދުގައި ފެންބޮޑުވާތީ ފަތުރުވެރިންނަށް ވެސް ނުވަދެވޭ ގޮތަށް މުޅި ސަރަހައްދު ބަންދުކުރެ އެވެ.
މި ކުދިން ސަލާމަތްކުރި ހާދިސާއަށް ފިލްމެއް ހަދަނީ ހޮލީވުޑްގެ ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ ޕިއޯ ފްލިކްސް އެންޓަޓެއިންމަންޓުންނެވެ. އެ ސްޓޫޑިއޯއާއެކު ކެއޯސް އެންޓަޓެއިންމަންޓުން ވެސް މި ފިލްމު ޕްރޮޑިއުސްކުރާނެ އެވެ. މި ފިލްމު އުފައްދަނީ 80 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ހޮލީވުޑް ރިޕޯޓާއިން ހާމަކުރި ގޮތުގައި ޕިއޯ ފްލިކްސްގެ ސީއީއޯ އަދި ކޯ ފައުންޑާ މައިކަލް ސްކޮޓް ވަނީ މި ހާދިސާ ހިނގި ދުވަސްތަކުގައި އެ ސަރަހައްދުގައި ވަރަށް ގާތުން މަންޒަރުތައް ބަލާފަ އެވެ. އެ ކުދިން ސަލާމަތް ކުރުމުގެ ހަތަރު ދުވަސް ކުރިން ސްކޮޓް އެ ސަރަހައްދަށް ގޮސް އެކުދިން ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްވެސް ބުނެފައިވެ އެވެ.
"އަހަންނަށް ފެނުނީ ވަރަށް ހިތްވަރުގަދަ އަދި ޖެހިލުންކުޑަ މަންޒަރުތަކެއް. އެތަށް އިބުރަތެއް ހާސިލުވާ މަންޒަރުތަކެއް. މި ހާދިސާއަށް ކޮންމެހެންވެސް ފިލްމެއް ހަދަންޖެހޭ." ތައިލެންޑުގައި ދިރިއުޅެމުން އަންނަ ސްކޮޓް ބުންޏެވެ.