ތައިލެންޑުގެ ތަމް ލުއާން ހޮހޮޅައިގެ ތެރޭގައި ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވަންދެން ތާށިވެފައިތިބި 12 ކުދިންގެ މައްޗަށް އޮތް ފުޓުބޯޅަ ޓީމުގެ ހުރިހާ ކުދިން ސަލާމަތްކުރި ހާދިސާ ވެގެން ދިޔައީ މުޅި ދުނިޔޭގެ ނަޒަރު އެ ދިމާލަކަށް ހުއްޓިފައި އޮތް ހާދިސާއަކަށެވެ. މި ހާދިސާގައި ހޮހޮޅައިގައި ތާށިވީ ހުރިހާ ކުދިންނަށާއި ކޯޗަށް ބިނާކޮށް ފިލްމެއް ހެދުމަށް އެތައް ބަޔަކު ޝާއުގުވެރިކަން ފާޅު ކުރި އެވެ.
ތައި-އައިރިޝް ޕްރޮޑިއުސަރު ޓޮމް ވެލާ ލިޔެ، ޑައިރެކްޓްކުރާ "ދަ ކޭވް" ފިލްމުގެ ޝޫޓިން މިދިޔަ ނޮވެމްބަރު މަހު ވަނީ ފަށާފަ އެވެ. އަދި ބީބީސީއިން "ދަ ކޭވް" ގެ ސެޓްގައި ނަގާފައިވާ ބައެއް ފޮޓޯތައްވެސް މިދިޔަ މަހު ދައްކާލި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި "ދަ ކޭވް" ފިލްމަށް ތައިލެންޑުގައި ޝޫޓު ކުރަންޖެހޭ ހުރިހާ ބައެއް ޝޫޓު ކޮށް ނިމިއްޖެ އެވެ. މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ. ފިލްމުގެ ބައެއް މަންޒަރުތައް އެ ހާދިސާ ހިނގި ހޮހޮޅައިގައި ނަގާފައިވާއިރު، ތައިލެންޑުގެ އިތުރުން އަޔަލެންޑް، ވޭލްސް، ޗައިނާ، ޖަޕާން އަދި ހަވާއީގަ ވެސް ނެގި އެވެ. އަދި މި ފިލްމު ރިލީޒް ކުރާނީ އެ ހާދިސާއަށް އެއް އަހަރު ފުރޭ މަހުގައި ކަމަށް ވެސް ފިލްމުގެ ޓީމުން ބުނެ އެވެ.
މި ފިލްމުގައި ޑައިރެކްޓަރު ބޭނުންވަނީ ވީހާވެސް އަސްލާ އެއްގޮތަކަށް ބެލުންތެރިންނާ ހަމައަށް އެ ހާދިސާ ގެނެސް ދެވޭތޯ އެވެ. އެގޮތުން އެ ހޮހޮޅައިގައި ހާދިސާ ހިނގި އިރު ތިބި ކުދިންތައް ސަލާމަތް ކުރަން އުޅުނު އަސްލު ޑައިވަރުންގެ ތެރެއިން ބައެއް ޑައިވަރުން ފިލްމުގައި ވެސް ފެންނާނެ އެވެ. އެގޮތުން، "ދަ ކޭވް" ބެލްޖިއަމްގެ ޖިމް ވާނީ، ކެނެޑާގެ އެރިކް ބްރައުން އަދި ޗައިނާގެ ޓަން ޒިއާއޯލޯންގް ހިމެނެ އެވެ.
ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި 17 ދުވަސް ވަންދެން ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކޮށް ކުރީ މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައި އޮތް ބޮޑު އަދި ނުރައްކާތެރި އޮޕަރޭޝަނެއްގަ އެވެ. މި ހާދިސާއަށް ފިލްމެއް އުފައްދަން އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އެންމެ ފުރަތަމަ ރިލީޒް ކުރާނީ "ދަ ކޭވް" އެވެ. މިއީ މިދިޔަ އަހަރު ހިިިނގި އެންމެ ބޮޑު އެއް ހާދިސާ އެވެ.