ދުނިޔެ

އެކައުންޓު ފްރީޒްކުރުމުން ނަޖީބަށް ބިލްތައް ވެސް ނުދެއްކިފައި

Jul 12, 2018

ކުއަލަލަމްޕޫރު (ޖުލައި 12) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ހިޔާނާތް، ވަންއެމްޑީޕީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާކޮށް އެކައުންޓުތައް ފްރީޒް ކޮށްފައިވާތީ، ބިލްތައް ވެސް ދެއްކުމަށް ދަތިވެފައިވާ ކަމުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (ވަން އެމްޑީބީ) ގެ ތެރެއިން ނަޖީބު ހިންގި އެތަކެއް ބިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލާގައި އޭނާއަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި އަމިއްލަ ފައިދާއަށް ބޭނުން ކުރުމާއެކު އިތުރު ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ.

ހުރިހާ ދައުވާތަކަށް އިންކާރުކުރައްވާފައިވާ ނަޖީބު މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުންނެވި ނަމަވެސް، ގައުމުން ބޭރަށް ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.

ތަހުގީގާއި ގުޅިގެން، މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ނަޖީބާއި އާއިލާގެ މެމްބަރުން ހިމެނޭ ގޮތަށް 400 ވުރެ ގިނަ އެކައުންޓު ފްރީޒްކޮށްފަ އެވެ.

ދަރިންނާއި ކާފަ ދަރިންގެ އެކައުންޓުތައް މިހާރު ދޫކޮށްލާފައި ވީނަމަވެސް، އޭނާގެ އެކައުންޓު އަދިވެސް ފްރީޒްކޮށްފައިވާ ކަމަށް ނަޖީބުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

އެ އެކައުންޓަކީ އޭނާގެ މުސާރަ އާއި ޕެންޝަން ޖަމާވާ އެކައުންޓު ކަމަށާއި، ހިޔާނާތުގެ ތަހުގީގާއި އެއްވެސް ގުޅުމެއްނެތް އެކައުންޓެއް ކަމަށް ވެސް ނަޖީބު ވަނީ ވިދާޅުވެފަ އެވެ.

ނަޖީބު އިތުރަށް ވިދާޅުވީ، ކޯޓުގެ ނިންމުންތަކަށް އޭނާ އިހުތިރާމު ކުރަމުން ގެންދާއިރު، އޭނާގެ އެކައުންޓު ފްރީޒްކޮށްފައި ބެހެއްޓުމަކީ އޭނާގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.

އާއިލާގެ އެންމެ އިސް މީހާގެ ހައިސިއްޔަތުން، ބިލްތައް ދެއްކުން ފަދަ ކަންތައްތަކަށް ވެސް ހަރަދު ކުރަން ދަތިވެފައިވާ ކަމަށް ނަޖީބު ވިދާޅުވެފައިވެ އެވެ.

މެލޭޝިއާގެ ގާނޫނުގައިވާ ގޮތުން، 64 އަހަރުގެ ނަޖީބަށް ކޮށްފައިވާ ކޮންމެ ދައުވާއެއްގެ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމެކެވެ.

އޭނާ އަކީ މެލޭޝިއާގެ ތާރީހުގައި ވެސް ޖިނާއީ ދައުވާއެއް ކުރެވުނު ފުރަތަމަ ބޮޑު ވަޒީރެވެ.

ގޭގައި ހުންނަވަނިކޮށް ނަޖީބު ހައްޔަރު ކުރެވުމާއި ގުޅިގެން، އޭނާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ނަޖީބަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި، އެކަމާއި ދެކޮޅަށް ކޯޓު މަރުހަލާތަކުގައި ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މި ތުހުމަތުތަކާއި ގުޅިގެން، ނަޖީބާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

ދާދި ފަހުން، ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.