ކުޅިވަރު

ސާރީ ޗެލްސީއާ ހަވާލުވުމުގެ ކަންކަން ވަނީ ހަމަޖެހިފައި

ނަޕޯލީގެ މިޑްފީލްޑާ ޖޯޖީނިއޯ ޗެލްސީއަށް ބަދަލުވުމާ ވަރަށް ގާތަށް އަތުވެއްޖެ އެވެ. ހަމަ އެއާއެކު، މިދިޔަ ހަތަރު ސީޒަންގައި ނަޕޯލީއަށް ކޯޗުކޮށްދިން މައުރީޒިއޯ ސާރީވެސް ޗެލްސީއަށް ބަދަލުވުމާމެދު ދެ ކުލަބުގެ ދެމެދުގައި ވަނީ އެއްބަސްވުމަކާ ހަމަޔަށް އާދެވިފަ އެވެ.

ނަޕޯލީގެ ކޯޗު ކަމާ، އިޓަލީގެ ކާލޯ އަންޗެލޯޓީ ވަނީ ހަވާލުވެފަ އެވެ. ނަމަވެސް، ސާރީ އަދިވެސް ހުރީ ނަޕޯލީގެ އެއްބަސްވުމުގަ އެވެ. ނަޕޯލީގެ ރައީސް އައުރެލިއޯ ޑި ލައުރެންޓިސް ވިދާޅުވީ ނަޕޯލީން ފުރިހަމަ ކުރަން ޖެހޭ ކަންކަން ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށެވެ.

"އަހަރެމެން މިހާރު ވަނީ އެއްބަސްވުން ނިމުމަކާ ހަމަޔަށް ގޮސްފަ، މިހާރު އެކަން އޮތީ ސާރީ އާއި ޗެލްސީ އާ ދެމެދުގައި، ސާރީއާ ގުޅޭ ކަންކަން މިހާރު ވަނީ ގާތްގަނޑަކަށް ނިމުމާ ހަމަޔަށް ގޮސްފައި،" ޑި ލައުރެންޓިސް ވިދާޅުވި އެވެ. "މިހާރު އެކަން އޮތީ އޭނާގެ އަތުގައި އަހަރެންގެ ލޯޔަރު ވަނީ އޭނާއާ ގުޅުންހުރި ޑޮކިޔުމެންޓްތައް އޭނާގެ ވަކީލާ ހަވާލު ކޮށްފައި."

ޗެލްސީގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބެލުމުގެ ދަށުން އެ ޓީމުގެ ފަރިތަކުންތައް ފަށާފަ އެވެ. ސާރީގެ ޓްރާންސްފާ މުޅިން ހަމަޖެހުމުން ކޮންޓޭ ދޫކޮށްލާނެ އެވެ.

ބްރެޒިލަށް އުފަން ޖޯޖީނިއޯ ނަޕޯލީ ދޫކޮށްލާނެ ކަން މިހާރު ވަނީ ޔަގަީންވެފަ އެވެ. އޭނާ ހޯދަން މެންޗެސްޓާ ސިޓީން ވެސް މަސައްކަތް ކުރި އެވެ. އިޓަލީގެ މީޑިއާތަކުން ބުނީ، މިހާރު އޭނާ ބަދަލުވާ ގޮތަސް ހަމަޖެހިފައި ވަނީ ޗެލްސީއަށް ކަމަށެވެ.