ޗެލްސީގެ ކޯޗް ކަމަށް، ނަޕޯލީގެ ކުރީގެ ކޯޗް އިޓަލީގެ މައުރީޒިއޯ ސާރީ ރަސްމީކޮށް ހަމަޖައްސައިފި އެވެ.
މައުރީޒިއޯ ސާރީ ވަނީ، ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ޗެލްސީއާއެކު ސޮއި ކޮށްފަ އެވެ. ޗެލްސީގެ ކޯޗު ކަމަށް އޭނާ ހަމަޖެއްސީ، މިދިޔަ ދެ ސީޒަންގައި އެ ޓީމަށް ކޯޗް ކޮށްދިން އިޓަލީގެ އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކި ކުރުމަށް ފަހު އެވެ.
ކޮންޓޭގެ ފުރަތަމަ ސީޒަންގައި، އޭނާ ވަނީ އިނިގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ޗެލްސީއަށް ހޯދައިދީފަ އެވެ. މިދިޔަ ސީޒަންގައި އެފްއޭ ކަޕު ހޯދައިދިން ނަމަވެސް، ލީގްގައި ޓީމުން ހޯދީ ދަށް ނަތީޖާ ތަކަކެކެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ޖާގަ ވެސް ޗެލްސީއަށް ނުލިބުނެވެ.
ކޮންޓޭ މަގާމުން ވަކި ކުރީ، އަންނަ ސީޒަނަށް ތައްޔާރު ވުމަށް، ޗެލްސީން ޕްރެކްޓިސް ވެސް ފެށި ފަހުންނެވެ. ޓީމުގެ ޕްރެކްޓިހަށް ވެސް އޭނާ ނިކުތެވެ. އޭނާގެ ބަދަލުގައި އާ ކޯޗަކު ހަމަޖައްސާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފަ އެވެ. ޗެލްސީން ދިޔައީ ސާރީގެ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އޭނާއާއެކު އެއްބަސްވުމަކަށް ދާން މިހާ ލަސްވެގެން ދިޔައީ، ނަޕޯލީއާއެކު އެއްބަސްވުމަށް އައުމަށް ގިނަ ވަގުތުތަކެއް ހޭދަ ވުމުންނެވެ. އަންނަ ސީޒަންގައި ނަޕޯލީއަށް ކޯޗު ކޮށްދޭނީ، ޗެލްސީ އަށް ކުރިން ކޯޗުކޮށްދިން ކާލޯ އަންޗެލޯޓީ އެވެ.
"ޗެލްސީގެ ކުޅުންތެރިންނާއެކު މަސައްކަތް ކުރުމަށް އަހަރެން މިހުރީ ކެތް މަދުވެފައި،" ޗެލްސީގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ސާރީ ބުންޏެވެ. "އަހަރެން ކުޅުންތެރިންނާ ބައްދަލު ވާނީ ހޯމަ ދުވަހު، އެއަށްފަހު އޮސްޓްރޭލިއާގައި ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ ޕްރީ ސީޒަން ޓްރެއިނިން ކޭމްޕަށް ދިއުމަށް ތައްޔާރު ވާނަން."
"އަހަރެން އުންމީދު ކުރަން ޗެލްސީގެ ސަޕޯޓަރުން ބަލާ ހިތްވާ ކަހަލަ ރީތި ފުޓްބޯޅައެއް އަހަރެމެންނަށް ދެއްކޭނެ ކަމަށް، ތަށި ހޯދަން އަހަރެމެން ވާދަ ކުރާނީ ރީތި ފުޓްބޯޅައެއް ކުޅެގެން."
ސާރީ، 59 ގެ ކޯޗިން ފިލޯސަފީގައި އެޓޭކިން ފުޓްބޯޅައަކާއެކު ރީތި ގޭމެއް ވެސް ކުޅެން އޭނާ އިސްކަން ދެ އެވެ.