ފްރާންސްގެ ރެން އެފްސީގެ ކީޕަރު އެޑްއާޑް މެންޑީ ޗެލްސީއަށް ސޮއި ކޮށްފި އެވެ.
މެންޑީ، 28 ޗެލްސީއަށް ސޮއި ކުރުމާއެކު އޭނާ ވެފައި ވަނީ، މި ސީޒަނަށް ޗެލްސީން ސޮއި ކުރުވި ހަތް ވަނަ ކުޅުންތެރިޔާ އަށެވެ. ޗެލްސީން މިގެ ކުރިން ވަނީ ހަކީމް ޒިޔެޝް، ޓީމޯ ވާނާ، ބެން ޗެލްވިލް، މެލަންގް ސާ، ތިއާގޯ ސިލްވާ އަދި ކައި ހަވަޓްޒް ލައްވައި ސޮއި ކުރުވާފަ އެވެ. މިއަހަރު ޓްރާންސްފާ ޕީރިއަޑްގައި ޔޫރަޕްގެ ކުލަބުތަކުގެ ތެރެއިން އެންމެ ގިނައިން ހޭދަ ކުރި ކުލަބަކީ ޗެލްސީ އެވެ. އެ ޓީމުގެ ޓްރާންސްފާގެ ހޭދަތައް އުޅޭނީ 200 މިލިއަން ޕައުންޑަށް ވުރެ މަތީގަ އެވެ.
މެންޑީ ޓްރާންސްފާ އަށް ޗެލްސީ ވަނީ 22 މިލިއަން ޕައުންޑް، ރެން އަށް ދޭން އެއްބަސް ވެފަ އެވެ. އޭނާ ވަނީ ޗެލްސީ އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. ސެނެގާލްގެ ކީޕަރު ޗެލްސީއަށް ބަދަލު ވުމުން ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ހުރި ޗެލްސީގެ މިހާރުގެ ނަންބަރު އެކެއް، ކެޕާ އަރީޒަބަލަގާއަށް ޖާގަ ގެއްލުމުގެ ފުރުސަތު ބޮޑެވެ.
ޕްރިމިއާ ލީގްގައި ކުޅުނު ދެ މެޗުގައިވެސް ކެޕާ އަތުން ވަނީ ފީކަޅާ ގޯލްތަކެއް ވަދެފަ އެވެ. ހާއްސަކޮށް އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ސެޑިއޯ މާނޭ ޖެހި ދެ ވަނަ ގޯލަކީ ކެޕާއަށް ހެދުނު ބޮޑު ގޯހެއްގެ ސަބަބުން މާނޭއަށް ތަނަވަސްވި ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ.
ކެޕާ އަތުން ގޯސް ހެދުނު ނަމަވެސް ޗެލްސީގެ ކޯޗް ފްރޭންކް ލަޕްމާޑް ވަނީ ކެޕާ ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން ޗެލްސީން ދަނީ ކެޕާ އެހެން ކުލަބަކަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ.
ޗެލްސީއަށް ސޮއި ކުރުމަށް ފަހު މެންޑީ ބުނީ، ޗެލްސީ ފައި ފްރޭންކް ލަމްޕާޑްއާ އެކު މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.