ޓްރާންސްފާ މާކެޓް

ޗެލްސީއިން ނޯޔާ ގެންދަން މަސައްކަތް ކުރަނީ

ބަޔާން މިޔުނިކްގެ ކެޕްޓަން އަދި ގޯލްކީޕަރު މެނައުލް ނޯޔާ ގެންދަން ޗެލްސީން މަސައްކަތް ކުރަމުންދާ ކަމަށް ޖަރުމަންގެ މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ޖަރުމަންގެ ކުޅިވަރު ނޫސް "ސްޕޯޓްސް ބިލްޑް" އިން ބުނެފައި ވަނީ، އަންނަ ސީޒަންގައި ނޯޔާ ޗެލްސީއަށް ގެންދިއުމަށް، އެ ޓީމުގެ ކޯޗް ފްރޭންކް ލަމްޕާޑް ޝައުގުވެރިކަން ފާޅު ކޮށްފަ އިވާ ކަމަށެވެ. ޗެލްސީން ވަނީ 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި އެތުލެޓިކް ބިލްބާއޯއަށް އޭރު ކުޅެމުން ދިޔަ ކީޕަރު ކެޕާ އަރައިޒަބަލަގާ ގެންގޮސްފަ އެވެ.

މި ސީޒަންގައި ޗެލްސީގެ ކޯޗް ކަމާ ހަވާލުވި ލަމްޕާޑްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ކެޕާ އެއް ނުހިމެނެ އެވެ. ޗެލްސީގެ ފުރަތަމަ 11 އިން ލީގް މެޗުތަކުގައި ލަމްޕާޑް ފުރުސަތު ދެނީ ކުރިން އެ ޓީމުގެ ދެ ވަނަ ކީޕަރެއްގެ ގޮތުގައި އާޖެންޓީނާގެ ވިލީ ކަބެޔޭރޯ އަށެވެ. އެހެންވެ ޗެލްސީގައި ކެޕާގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ބަޔާން މިޔުނިކާއެކު އޮތް ނޯޔާ،34 ގެ އެއް ބަސްވުން ހަމަވާނީ އަންނަ ސީޒަންގަ އެވެ. އެއްބަސް ވުން އާ ކުރުމާ ބެހޭގޮތުން މިހާތަނަށް އޭނާ ވާހަކަ ދައްކާފަ އެއް ނުވެ އެވެ. ދުނިޔޭގެ އެއް ވަނަ ކީޕަރުގެ މަގާމު ހޯދާފައިވާ ނޯޔާއަށް މީގެ ދެ އަހަރު ކުރިން ކުރިމތިވި އަނިޔާ އާ ގުޅިގެން އޭނާ ފޯމު ގެއްލުނެވެ. އެހެން ނަމަވެސް މި ސީޒަންގައި އަލުން އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ބަޔާންއިން، ނޯޔާ ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ އަންނަ ސީޒަންގައި ޝާލެކޭގެ މިހާރުގެ ކީޕަރު އެލެގްޒެންޑާ ނުބެލް ބަޔާންއަށް ބަދަލު ވާނެ ތީއެވެ. ޖަނަވަރީ މަހު ނުބެލް ވަނީ ބަޔާން އާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފަ އެވެ.