އޮފްބީޓް

މިޔަރުތަކާއެކު ފޮޓޯނަގަން އުޅުނު މޮޑެލްއަށް ލަނޑެއް!

ބަހާމަސްގެ "ދަ އެގްޒޫމާ އައިލެންޑްސް" ރަށްތަކަކީ ރާއްޖެ އާއި އެއްފަދައިން ދޮންވެލި ގޮނޑުދޮށްތަކާއި ހިތްގައިމު މޫދުގެ ރީތި ކަމަށް މަޝްހޫރު ރަށްތަތަކެވެ. ފޮޓޯ ނަގަން ލޯބިކުރާ މީހުނަށް އެ ރަށްތަކަކީ މަރެކެވެ. އެ ރަށްތަކަކީ އިންސްޓަގުރާމް މޮޑެލުންގެ މެދުގައިވެސް މަގުބޫލު މަންޒިލުތަކުގެ ތެރޭގައި ހިމެނޭ މަންޒިލެކެވެ.

އެމެރިކާގެ އިންސްޓަގްރާމް މޮޑަލެއް ކަމަށްވާ، ކެޓަރީނާ ޒަރުޓްސްކީ 19، ދާދިފަހުން ވަނީ އޭނާގެ ލޯބިވެރިޔާ އާއި އާއިލާގެ މީހުންނާއެކު ދަ އެގްޒިމާ އައިލެންޑްސްއަށް ގޮސްފަ އެވެ. އޭނާ ބޭނުންވީ އެ ރަށުގެ އެންމެ ރީތި ތަންތަނުގައި މޮޅު ފޮޓޯތައް ނަގާށެވެ. ރީތި ފޮޓޯތައް ނަގަން އުޅެނިކޮށް އޭނާއަށް ބޮޑު ލަނޑެއްވެސް ލިބުނެވެ.

އެއްދުވަހެއްގެ މެންދުރު އާއިލާގެ އެންމެނާއެކު ގޮނޑުދޮށް ކައިރީގައި މެންދުރުގެ ކެއުމަށް އިންސާފުކުރަން އިންދާ ކެޓަރީނާއަށް ފެނުނީ އެ ރަށުގެ ގޮނޑުދޮށް ކައިރީގައި މިޔަރުތަކެއް ކައިރިއަށް ސްނޯކްލިންއަށް ގޮސް ބަޔަކު އުޅޭ ތަނެވެ. މި މަންޒަރު ފެނި އޭނާވެސް ބޭނުންވީ އެތަނަށް ގޮސް މިޔަރުތަކާއެކު ފޮޓޯ ނަގާށެވެ.

މޫދުގައި އެ ވަގުތު ގިނަ އަދެދެއްގެ މިޔަރުތައް އޮތެވެ. އެ މިޔަރުތަކާއެކު ފޮޓޯ ނަގަން ކެޓަރީނާ މޫދަށް އެރެމުންދިޔަ ވަގުތު އޭނާގެ ލޯބިވެރިޔާ އާއި އާއިލާގެ މީހުންވެސް އޭނާ ގާތުގައި މޫދަށް ނުފޭބުމަށް އެދުނެވެ. ނަމަވެސް މޫދަށް އެރި ތަފާތު ގޮތްގޮތަށް ފޮޓޯ ނަގަން އޭނާ މޮޑެލް ކުރަމުންދިޔަ އެވެ.

އެތަނުން މިޔަރެއް އޭނާގެ އަތުގައި ދަތް އެޅީ މި ބުނާ ތަފާތު ގޮތަކަށް ފޮޓޯއެއް ނަގަންވެގެން ފެނުގެ މަތީގައި ދެމިލައިގެން އޮއްވަ އެވެ. ދަތް އެޅި ވަގުތު ސިއްސައިގެން ގޮސް މޫދުގެ އަޑިއަށްވެސް އޭނާ ދިޔަ އެވެ. އެވަގުތު އެ ސަރަހައްދުގައި ތިބި ބައެއް މީހުންނާއި ކެޓަރީނާގެ ލޯބިވެރިޔާއާއި އޭނާގެ ބައްޕަގެ ކެމެރާއަށްވެސް މި ހުރިހާ މަންޒަރުތަކެއް އެރި އެވެ.

"އަހަންނަށް ކުރިން އެނގިފައި ވާގޮތުގައި އެވައްތަރުގެ މިޔަރު އެހާ ނުރައްކާތެރި އެއްޗެއް ނޫން. ވަރަށް ގިނަ މީހުން އެ ވައްތަރުގެ މިޔަރާއެކު ފޮޓޯ ނަގާފައި ހުންނަތަން ވެސް ފެނޭ. އެ ދަތް އެޅި ގަޑީގައި އަހަރެން ތެޅިގަނެގެނެއްވެސް ނޫޅެން. އެހެންވެ ކަންގޭނެ އެހާ ބޮޑުވަރު ނުވީ." ކެޓަރީނާ ބުންޏެވެ.

ކެޓަރީނާ އަތުގައި މިޔަރު ދަތް އެޅިތަން ޖެހުނީ ފަހާށެވެ. އޭނާއަށް އިތުރު މާ ބޮޑު ހާނިކައެއް ނުވެ އެވެ.

މި ހާދިސާގެ ފޮޓޯއާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދައުރުވަމުންދާއިރު، މިކަމާއި ގުޅިގެން ގިނަ ބައެއް މަލާމަތްވެސް ކެޓަރީނާއަށް ވަނީ ރައްދުވެފަ އެވެ. އޭނާގެ އިންސްޓަގުރާމަށް ފޯލޯކޮށް ކޮމެންޓުކުރާ މީހުން ގިނަވެގެން އެންމެފަހުން އެނާ ވާނީ އެކައުންޓުވެސް ޕްރައިވެޓްކޮށްފަ އެވެ.