ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް އިއްވާފައިވާ ޖަލު ހުކުމައީ ބޭއިންސާފުންނާއި ނުހައްގުން އިއްވާފައިވާ ޖަލު ހުކުމެއް ކަމަށާއި އޭނާ ވަގުތުން މިނިވަން ކުރުމަށް މްނެސްޓީ އިންޓަނޭޝަނަލުން ބުނެފި އެވެ.
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ރޭ ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވަނީ ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ.
އެކަމާ ގުޅިގެން އެމްނެސްޓީން ނެރުނު ބަޔާނެއްގައި ވަނީ، ފާރިސް އަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ މައްޗަށް އިތުރު ފަސް ދައުވާ އެއްކޮށް ޝަރީއަތް ކުރިއަށް ގެންދާ ކަމަށާއި އެއީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ. އަދި ނުހައްގުން ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސް ބަހައްޓާފައިވާ ކަމަށާއި މިކަމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް އެމްނެސްޓީން ބުންޏެވެ.
ބަޔާނުގައި ވަނީ، ފާރިސްގެ މައްސަލާގައި ހެކިބަސް ނަގަން ނުޖެހޭ ސިއްރު ހެކިވެރީންގެ ހެކިބަސް ނަގާފައިވާ ކަމަށާއި ބައެއް ޑޮކިއުމެންޓްތައް ދިފާއީ ވަކީލުންނާއި ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ފާރިސްގެ ފަރާތުން 47 ހެއްކެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ހެކިބަސް ނަގާފައިވަނީ އެންމެ 10 ފަރާތުގެ ކަމަށްވެސް އެމްނެސްޓީގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
އެމްނެސްޓީން ބުނީ، އެއްވެސް ޝަރުތަކާނުލައި ފާރިސް މައުމޫން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށާއި އެއީ އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާފައިވަނީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ހިންގަމުންދަނިކޮށް ކަމަށެވެ. އަދި އަދުލު އިންސާފު ހަމަހަމަ ކަމާއެކު ގާއިމްކޮށް ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތައް ޓާގެޓް ނުކުރުމަށްވެސް ގޮވާލާފައި ވެއެވެ.
ކުރިއަށް އޮތީ އިލެކްޝަންގެ ދުވަސްވަރު ކަމަށްވާތީ ރާއްޖޭގައި ހަމަހަމަ އުސޫލުން ކެމްޕެއިން ކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ދިނުމަށް ވެސް އެމްނެސްޓީން ގޮވާލާފައި ވެއެވެ.
އެމްނެސްޓީން އިތުރަށް ބުނީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަމާ ހަވާލުވިފަހުން ރާއްޖޭގައި އިންސާނީ ހައްގުތައް ނިގުޅައިގަނެ ބަސްބުނުމުގެ ހައްގު ގެއްލިފައިވާ ކަމަށާއި ހައްގު ބަސް ބުނާ ފަރާތްތަކަށް ނުހައްގުން ޝަރީއަތް ހިންގައި ޖަލަށް ލަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިހާބު އެއްވެސް ހުރަހަކާ ނުލައި ކާމިޔާބު ކުރުމަށް އިދިކޮޅު ސިޔާސީ ލީޑަރުން އިންސާފުން ބޭރުން ޖަލަށް ލާފައިވާ ކަަމަށްވެސް އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.