ހަބަރު

ސީލައިފުން ބުކްކުރި ފްލެޓްތަކަށް ވީގޮތް ނޭނގި ކަންބޮޑުވެއްޖެ

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅަން ނިންމާފައިވާ ފްލެޓްތަކަށް ވީގޮތް ނޭނގޭތީ އެ ފްލެޓް ގަންނަން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ދައްކައި އިންތިޒާރުގައި ތިބި މީހުން މާޔޫސްވެ އެކަމުގެ ޝަކުވާތައް އޮއްސަން ފަށައިފި އެވެ.

ސީލައިފް އިން ހުޅުމާލޭގައި ތިން ފިޔަވައްސެއްގެ ދަށުން 3000 ފްލެޓް އަޅަން ނިންމައި 2014 ވަނަ އަހަރު އިފްތިތާހު ކުރި މަޝްރޫއުގެ ދަށުން ފުރަތަމަ އަޅާ 1000 ފްލެޓް ބުކް ކުރަން ހުޅުވާލި ފުރުސަތުގައި 280 މީހުން ބުކިން ހަދައި ފައިސާދެއްކި އެވެ. އެއިން ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000 ރުފިޔާ ނެގި އެވެ. ބައެއް މީހުން މިފަހުން ވަނީ ސީލައިފް އޮފީހަށް ފައިސާ ހޯދަން ގޮސްފަ އެވެ.

ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް ތިން އަހަރުވެފައިވާއިރު ފްލެޓްގެ ބުކިން ފައިސާ ދައްކާފައި މީހުންނަށް ވެސް އެ ކުންފުނިން އެކަމުގެ މައުލޫމާތު ދީފައި ނުވާ ކަމަށް އެ ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތަކުން އަވަސްއަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި އެ ފްލެޓްތަކުގެ ބުކިން އަށް ނެގި ފައިސާ އަނބުރާ ހޯދަން ތަކުރާރުކޮށް ގުޅުމުން ވެސް އެ ފައިސާ ވެސް އަދިވެސް ރީފަންޑްކޮށްދީފައެއް ނުވެ އެވެ.

ސީ ލައިފްއިން ތިން ކޮޓަރީގެ ފްލެޓެއް ބުކް ކުރި މީހަކު ނަން ނުޖަހަން އެދި "އަވަސް" އާ ވާހަކަދައްކަމުން ބުނީ، ފްލެޓްތަކުގެ މަސައްކަތް ކުރިއަށްނުދާތީ ބުކިން އަށް ދެއްކި ފައިސާ އަނބުރާ ހޯދަން މަސައްކަތް އެ އޮފީހަށް ގުޅައިގެން މަސައްކަތް ކުރާތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުމުން ސީލައިފް އޮފީހަށް ދިޔަކަމަށާއި އެ ނަމަވެސް އެތަނުގައި ތިބި މުވައްޒަފުން އެދެވޭ ޖަވާބެއް ދީފައި ނެތް ކަމަށް އޭނާ ބުންޏެވެ.

ސީލައިފުން 2014 ވަނަ އަހަރު އިއުލާންކުރި ސީލައިފް ރެޒިޑެންސް މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. ނަމަވެސް އެ މަޝްރޫއުގެ ދަށުން ފްލެޓް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 2016 ވަނަ
އަހަރު އެވެ.

އެ ސޮއިކުރި ރަސްމިއްޔާތުގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް ފެށުން ލަސްވީ ލިބެން ޖެހޭ ބައެއް ހުއްދަތައް ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި މި އަހަރު، 2016 ވަނަ އަހަރު ނިމުމުގެ ކުރިން ފްލެޓްތައް އަޅައި ވެރި ފަރާތްތަކާ ހަވާލުކުރާނެ ކަމަށެވެ.

ފްލެޓް އަޅަން ސީލައިފް އަށް ދިން ބިމުގައި ބައެއް މަސައްކަތްތައް ކުރިއެވެ. ނަމަވެސް އެ މަސައްކަތްތައް ވެސް މިހާރު އޮތީ ހުއްޓާލާފަ އެވެ. ސީލައިފަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 2019 ގައި ނިންމާ ގޮތަށެވެ.

ސީލައިފް އިން ހުޅުމާލޭގައި އަޅަން ނިންމީ 3000 ހައުސިން ޔުނިޓެވެ. އޭގެ ތެރެއިން ފުރަތަމަ އަޅަން ނިންމި 1000 ހައުސިން ޔުނިޓް ހަދަން ނިންމާފައި ވަނީ އެއްކޮޓަރިއާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކާއި ޕެންޓް ހައުސްއެކެވެ. އަދި ހަ ޓަވަރު އިމާރާތް ކުރާ އިރު އޭގެ އެއްވަނަ އަދި ދެވަނަ ފްލޯގައި ހިމެނެނީ ޝޮޕިން ކޮމްޕްލެކްސްއާ ރެސްޓޫރަންޓާ ޕާކިންއަކާއި ޖިމް އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކޮންމެ ބްލޮކެއްގެ ތިންވަނަ ފްލޯގައި ސުއިމިން ޕޫލެއް ހިމެނުމަށް ވެސް ވަނީ ރާވާފަ އެވެ.