ހަބަރު

ސީލައިފަށް ދައުވާކުރި މީހުންނަށް ބަދަލު ދިނުން މަޑުޖައްސަން އަންގައިފި

Jul 17, 2019
15

މައްސަލަ ބޮޑުވެފައިވާ ސީލައިފް ގްލޯބަލްއިން އަޅާ ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުން މަޑުޖައްސާލަން އެސެޓް ރިކަވަރީ ކޮމިޝަނުން އެޗްޑީސީއަށް އަންގައިފި އެވެ.

އެޗްޑީސީއިން މި އެންގުން އެންގީ ސީލައިފް މައްސަލާގައި އެ ކުންފުންޏާއި ސަރުކާރާއި އެޗްޑީސީއަށް ދައުވާކުރި ފަރާތްތަކާއެކު ކޯޓުން ބޭރުން ސެޓެލްމެންޓް އެގްރިމެންޓަކަށް އައިސްފައިވަނިކޮށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ސީލައިފް މައްސަލާގައި ބަދަލު ދިނުން މަޑު ޖައްސާލަން އެންގީ، އެކަމާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާތީ އެވެ. އެ ކޮމިޝަންގެ އިތުރުން ސީލައިފްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ. އެ މައްސަލަތައް ހުށަހެޅީ ވެސް ސީލައިފުން ގެއްލުންވި މީހުންނެވެ.

ސީ ލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެއްސި 3000 ހައުސިން ޔުނިޓްތައް ގަތުމަށްޓަކައި 203 މީހުނަށްވުރެ ގިނަ މީހުން ބުކިން ފީއާއި ޑައުންޕޭމަންޓް ފައިސާ ދައްކި އެވެ. ނަމަވެސް މިހާތަނަށް އެ މަޝްރޫއު ކުރިއަށް ގޮސްފައިނުވެ އެވެ. އަދި ފައިސާ ދައްކާފައިވާ ފަރާތްތަކުން އެ ފައިސާ އަނބުރާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ އަނބުރާ ލިބިފައެއްވެސް ނުވެ އެވެ. އެހެންވެ ސިވިލް ކޯޓުގައި އެ ފަރާތްތަކުން ވަނީ އެޗްޑީސީއިން ވެސް ހިމެނޭ ގޮތަށް ދައުވާ އުފުލާފަ އެވެ.

ކޯޓުން ބޭރު ސެޓްލްމަންޓް އެގްރީމެންޓަކަށް ދިޔައީ އެހެންވެ އެވެ. އެ އެއްބަސްވުމަށް އާދެވިފައި ވާތީ ސިވިލް ކޯޓުން ވަނީ މައްސަލަ އިތުރަށް ކުރިއަށް ނުގެން ގޮސް ނިންމާލާފަ އެވެ. ހުކުމުގައި ވާގޮތުން ސެޓުލްމެންޓް އެގްރީމެންޓް ހަދާފައިވަނީ އެޗްޑީސީއާ ސަރުކާރާއި ސީލައިފް މައްސަލާގައި ދައުވާ ކުރާ މީހުންނާއެކު މަޝްވަރާ ކުރުމަށްފަހު އެވެ.

އެއްބަސްވުމުގެ ދަށުން ސީ ލައިފް ގްލޯބަލްއިން އިމާރާތް ކުރުމަށް ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެ ފަރާތަކުން ދައްކާފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް ދިނުމަށް އެޗްޑީސީގެ ފަރާތުން އެއްބަސްވެފައިވެ އެވެ. އަދި، ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއް ދަށުން ހައުސިން ޔުނިޓު ދިނުމަށް އެއްބަސްވެފައިވެ އެވެ. އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފް ގްލޯބަލްގެ ފަރާތުން ހޯދުމަށް މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ވަނީ، ފްލެޓަށް ދެއްކި ފައިސާ އަކީ ބަދަލު ދޭންޖެހޭ އެއްޗެއްގެ ގޮތުގައި ސީ ލައިފުން އިއުތިރާފުވެފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ފަރުދީ ގޮތުން ޒިންމާ ނަގަން ނުޖެހޭ ކަމަށްވެސް ހުކުމުގައިވެ އެވެ.

ސީލައިފް ކުންފުނިން 300 އެޕާޓްމަންޓް ގަންނަން ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000 ރުފިޔާ ނެގި އެވެ. ބައެއް ފަރާތްތަކުން އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ. ގާތްގަނޑަކަށް ޖުމްލަ 14 މިލިއަން ރުފިޔާ މީހުންގެ އަތުން ނެގި އެވެ.

އެމައްސަލައާއި ގުޅިގެން ސީލައިފްގެ އެމްޑީ އަންމަޓީ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑް ނޯޓިސްވެސް ނެރެފައެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށްވެސް އޭނާ ފިލައިގެން އުޅޭތަން ހޯދިފައެއް ނުވެއެވެ.