ކުޅިވަރު

އޭޝިއަން ގޭމްސްގައި ރާއްޖެއިން އެންމެ އިސްކޮށް ނާހިދު

އޯގަސްޓް މަހު އިންޑޮނޭޝިއާގެ ޖާކާޓާގައި ބާއްވާ، އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ކޮންޓިންޖެޓްގެ ޗީފް ޑި މިޝަނަކަށް، ގައުމީ ބާސެކެޓް ބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އިބްރާހިމް ނާހިދު ހަމަޖައްސައިފި އެވެ.

ގައުމީ ކެޕްޓަން ކުރުމުގެ އިތުރަށް، ނާހިދު ވަނީ ގައުމީ ކޯޗުކަންވެސް ކޮށްފަ އެވެ. ނާހިދު ވަނީ 2004 ވަނަ އަހަރު ދެކުނު ކޮރެއާގައި ބޭއްވި އޭޝިން ގޭމްސްގައި ގައުމީ ބާސެކްޓްބޯޅަ ޓީމުގެ ކޯޗުގެ ގޮތުގައި މުބާރާތަށް ގޮސްފަ އެވެ.

ބާސެކްޓް ކުޅުންތެރިޔެއްގެ ގޮތުގައި، ވިކްޓަރީ ސްޕޯޓްސް ކުލަބަށް ގިނާ ކާމިޔާބުތަކެއް ހޯދައިދީފައިވާ، ނާހިދު ވަނީ ޓީރެކްސްގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އިންޑިއާގެ އައްސާމްގައި 2002 ވަނަ އަހަރު ބޭއްވި ސަބާ ޗެމްޕިއަންޝިޕްގައި ނާހިދު ވަނީ ގައުމީ ޓީމަށް ކުޅެފަ އެވެ. އެ ޓީމުގެ ވައިސް ކެޕްޓަނަކީ ވެސް އޭނާ އެވެ.

އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަ ކުރާ ކޮންޓިންޖެންޓާ ބެހޭގޮތުން ނާހިދު ބުނީ ވީހާވެސް ގިނަ އަންހެން އެތުލީޓުންނަށް ފުރުސަތު ދިނުމަށް ރާއްޖެއިން އިސްކަން ދޭ ކަމަށެވެ. އެގޮތުން އަންހެން އެތުލީތުންގެ ނިސްބަތް 40 ޕަސަންޓަށް ވުރެ މަތިވާނެ ކަމަށް އޭނާ ބުންޏެވެ.

މިއީ ރާއްޖެއިން އޭޝިއަން ގޭމްސްގައި ވާދަ ކުރާ ނުވަ ވަނަ ފަހަރެވެ. ރާއްޖެއިން އެންމެ ފުރަތަމަ ވާދަ ކުރީ ނިއުދިއްލީގައި 1982 ވަނަ އަހަރު ބޭއްވި ގޭމްސްގައެވެ.