ކުޅިވަރުގެ ގޭމްސްތަކުން މެޑައްޔާއި ރަން ވަނަ ގެންނަނީ އެތުލީޓުންނެވެ. މުޅި ގައުމު އެ އުފަލުގައި ބައިވެރިވެ ކާމިޔާބަށް އަތް ޖަހަ އެވެ. އެހެންނަމަވެސް ކުޅިވަރުގެ ސިޔާސަތު ކަނޑައެޅުމާ ނިންމުންތައް ނިންމުމާއި ބަސްކިއުމުގައި ރަސްމީ ހައިސިއްޔަތުން ފުރުސަތެއް ނުލިބެ އެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް އެކީ ތަމްސީލު ކުރާ މަޖިލިސްތަކާއި އެސްމެބްލީތަކުގައި އަގުވަޒަން ކުރުމުގެ ގޮތުން އައްޑަނަ އާއި ސެޓްފިކެޓް އެތުލީޓުންނަށް ދިނުން ފިޔައި، އެތުލީޓުން ތަމްސީލު ކުރެވޭނެ އެއްވެސް ގޮތެއް ނޯވެ އެވެ. އިއްޔަ އާ ހަމަށް އެކަން އޮތީ އެގޮތަށެވެ.
އޮންލައިންކޮށް އިއްޔަ ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއަކީ، ތާރީހީ ބަދަލެއްގެ ފެށުމެވެ. ދުވުންތެރިޔާ ހަސަން ސާއިދު އާއި ފެތުންތެރިޔާ އާމިނަތު ސަޖަން އެމްއޯސީގެ ޖެނަރަލް އެސްމްބުލީގައި ބައިވެރިވެ އެތުލީޓްސް ކޮމިޝަން ތަމްސީލު ކުރި އެވެ. މިއީ ކުޅިވަރުގެ އެންމެ ބޮޑު އެސްމްބްލީގައި ރަސްމީ ހައިސިއްޔަތުން އެތުލީޓުން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ސާއިދު އަކީ، ސައުތު އޭޝިއަން ގޭމްސް އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން އެތުލީޓެވެ. މިދިޔަ އަހަރު ނޭޕާލްގައި ބޭއްވި އެސްއޭ ގޭމްސްގައި 100 މިޓަރު ދުވުމުން ސާއިދު ވަނީ ރަން މެޑަލް ހޯދާފަ އެވެ. އިންޑިއާގެ ގުވަހަޓީގައި 2016 ވަނަ ބޭއްވި އެސްއޭ ގޭމްސްގައި ސަޖަން ވަނީ ފްރީ ސްޓައިލް 800 މީޓަރު އިވެންޓުން ބްރޯންޒް މެޑަލް ހޯދާފަ އެވެ.
އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް ފާހަގަ ކުރެއްވި ގޮތުގައި އެމްއޯސީގެ އޭޖީއެމް އަކީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރުގެ ސިޔާސަތުތައް ކަނޑައަޅައި ބަސްކިޔަން ތިބޭ އެންމެން އެއްފުރާޅެއްގެ ދަށަށް ކޮންމެ އަހަރަކު ގެންނަ ހަމައެކަނި ޕްލެޓްފޯމް ކަމަށެވެ. އެކަން މެދުކެނޑުމެއްނެތި ނުވަ އަހަރު އެގޮތަށް ހިނގަމުން ގޮސް މިއަހަރުގެ އާންމު އެސެމްބްލީ މިދިޔައީ މާ ހާއްސަ ގޮތަކަށެވެ.
"އެތުލީޓުންގެ ވާހަކަ ޕޮލިސީ މޭކިން ލެވަލްގައި އަޑު އިއްވަން ލިބިގެން ދިޔަ ވަރަށް ރަނގަޅު ޕްލެޓްފޯމްއެއްގެ ގޮތުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ފާހަގަ ކުރެއްވި." އޭޖީއެމްގައި އެތުލީޓުން ތަމްސީލު ކުރި ކުރުން ފާހަގަ ކޮށް ޝަވީދުއާ ހަވާލާ ދެއްވައި މަރުޒޫގް ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ މިއަހަރުގެ ބަޖެޓަކީ، މި ފަހުގެ ތާރީހްގައި ފާސް ކުރި އެންމެ ކުޑަ ބަޖެޓެވެ. ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުތަކުގެ އެއްވެސް ހަރަކާތްތަކެއް ނެތް އަހަރެކެވެ. މިއަހަރު ބާއްވަން އޮތް އޮލިމްޕިކް ގޭމްސް އަންނަ އަހަރަށް ފަސް ކުރުމުން ގޭމްސްތަކަށް ކުރަން ޖެހުނު ހަރަދެއް ނެތެވެ. މިއަހަރުގެ ބަޖެޓްގެ ގޮތުގައި ފާސް ކޮށްފައި ވަނީ 3.5 މިލިއަން ރުފިޔާ އެވެ.
"އެހެން ފަހަރުފަހަރު ތަކުގައި އަޅުގަނޑުމެން ފާސް ކުރަން ކުރެވިދާނެ ކަމަށް ނުވަތަ ބޭއްވިދާނެ ކަމަށް ބަލައި ފޯކާސްޓް ބަޖެޓެއް،" ޓްރެޜަރާ ހުސައިން ރަޝީދު ވިދާޅުވި އެވެ. "އެހެންނަމަވެސް މިފަހަރު ގައުމުގެ ހާލަތު އަދި ދުނިޔޭގެ ހާލަތު އޮތްގޮތަށް ބަލާފައި ކުރެވުނު ހަރަދު އަދި ބާކީ އޮތް ދުވަސްކޮޅަށް ކުރެވޭނެ ކަމަށް ލަފާ ކޮށްފަ ބަޖެޓެއް ފާސް ކުރެވިފަ މިއިނީ."
ހުސައިން ވިދާޅުވީ ބަޖެޓް ބޮޑު ވަނީ ގޭމްސްތަކަށް ކަމަށާއި މިއަހަރު ދުނިޔޭގެ އެއްވެސް ހިސާބެއްގައި ގޭމްސްއެއް ނެތުމުން މިވަރުގެ ބަޖެޓެއް ފާސް ކުރީ ކަމަށެވެ.
ބަޖެޓާ ބެހޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މަރުޒޫގް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް އާންމު ހާލަތުގައި ފާސް ކުރާ ބަޖަޓަށް އެނބުރި އޮންނާނެ ކަމަށެވެ.
"މިދިމާވާ ކަމަކީ ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު އޮލިމްޕިކް ނިމުނީމަ މިއަންނަނީ ޕްލޭނެއް އެއަށް ބަލާފަ ބަޖެޓް މިއަންނަނީ. އެހެންނަމަވެސް މިއަހަރުގެ އޮލިމްޕިކް އަންނަ އަހަރަށް ބަދަލުވީ. އަންނަ އަހަރުގެ ބަޖެޓް ހުށަހެޅޭއިރު އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުން ކުރިއަށް އޮތް ހަތަރު އަހަރު ކްއަޑްރަލް ޕްލޭން ލިބިގެންދާނެ،" މަރުޒޫގް ވިދާޅުވި އެވެ.
އެހެންވީމަ އަންނަ އަހަރުގެ ބަޖެޓް ނޯމަލް ފްލޯއަކަށް އެޅިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ އަދި އޭގެ އިތުރުން އޯއެސް [އޮލިމްޕިކް ސޮލިޑާރިޓީ] އިންވެސް އެބަ މަސައްކަތް ކުރޭ ޕްރޮޖެކްޓްތަކެއް އިތުރު ކޮށް ބަޖެޓް ބޮޑު ކޮށްގެން ގެންދާނ. އެހެންވެއްޖެއްޔާމު ކްއަޑްރަލް ޕްލޭން ނިމުމާއެކު އަޅުގަނޑުމެންނަށް އެނގިގެންދާނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓަށް ލަފާ ކުރެވޭ ގޮތް."