ކޮވިޑް-19 އާ ގުޅިގެން، ދިމާވި ކަންތައްތަކުގެ ސަބަބުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލުނަސް، ވަކިވަކި ކުޅިވަރުތަކުގެ އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، މިހާރުވެސް ތިން ކުޅިވަރަކުން އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވުމަށް ރާއްޖެއަށް ބިޑް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕް، ބޮޑީ ބިއުލްޑިންގެ އޭޝިއަން ޗެމްޕިއަންޝިޕާއި ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ބިޑް ރާއްޖެއަށް ކާމިޔާބު ވެފައިވާ ކަމަށް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ އިތުރު އެހެން ކުޅިވަރުތަކުންވެސް އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ބިޑް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޓީޓީގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕް ނުވަތަ ކޮމަންވެލްތުގެ ޖޫނީއާ ޓީޓީ ޗެމްޕިއަންޝިޕް ބިޑް ކުރުމަށް ޓީޓީ އެސޯސިއޭޝަނާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅިގެން ބެޑްމިންޓަންގެ އިންޓަނޭޝަނަލް މުބާރާތްވެސް ބިޑް ކުރުމަށް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެތުލީޓުންނަށް ރާއްޖޭގައި ސަޕޯޓަރުންގެ ކުރިމަތީގައި އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަ ކުރުމުގެ ޖާގަ ހޯދުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އޮލިމްޕިކް ކޮމީޓީ އާއި އެސޯސިއޭޝަންތަކާއެކު މަޝްވަރާ ކުރުމަށް ފަހު ކެބިނެޓަށް ހުށަހަޅައިގެން ނިންމީ 2025 ށް ގޭމްސް ލަސްކޮށް ދިނުމަށް ހުށަހަޅަން ކަމަށެވެ. ރާއްޖެއިން އެގޮތަށް ހުށަހެޅުމުން މަޑަގަސްކަރައިން 2013 ގެ ގޭމްސް ބާއްވަން ތައްޔާރަށް އޮތް ކަމަށް ހާމަ ކުރުމުން އައިއޯއައިޖީގެ ގޭމްސް ކައުންސިލުން ފާސް ކުރީ މަޑަގަސްކަރައަށް ގޭމްސް ބަދަލު ކުރުމަށެވެ.
މިނިސްޓަރު ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރާއްޖޭގައި ނުބޭއްވުނަސް، އެފަދަ އެހެން ފުރުސަތުތައް ހޯދުމަށް ކުރިއަށް އޮތްތާންގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އިންޓަނޭޝަނަލް ސްޓޭންޑަޑަށް ހަދާ އިންޑޯ ކުޅިވަރު ހޯލްތަކެއްގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ތައްޔާރު ވަމުންދާކަމަށް ވިދާޅުވި އެވެ. އެގޮތުން، ޓީޓީގެ ހޯލް އާއި ނެޓްބޯޅައަށް ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ އިްނޑޯ ހޯލް އާއި ބެސްކެޓަށް ހާއްސަކޮށް ހަދާ އިންޑޯ ހޯލްގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.