އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާގެ ރައީސް ކުވޭތުގެ ޝައިހް އަހުމަދު އަލް ފަހުދު އަލް އަހުމަދު އަލްސަބާހުގެ ހާއްސަ މުޝީރަކަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ހަމަޖައްސަވައިފި އެވެ.
މަޝްހޫރު ވީބީ ސްޕޯޓްސްގެ ރަންދުވަސްވަރު އެކުލަބު ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ޝަވީދަކީ އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ އެކްސްކޯގެ ވެސް މެމްބަރެކެވެ. އަދި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ އެފްއޭއެމަށް އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންވެސްމެ އެވެ. އަދި ނުބޭއްވި ހުއްޓިފައިވާ އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ވެސް އޭނާ އެވެ.
ކުވޭތުގެ ޝާހީއާއިލާ އަށް ނިސްބަތްވެ ވަޑައިގަންނަވާ ޝައިހް ސަބާހަކީ ދުނިޔޭގެ އޮލިމްޕިކް ކޮމިޓީ އާއި ފީފާގެ އެކްސްކޯގެ ވެސް މެމްބަރެކެވެ. އޭނާއަކީ 2012 ވަނަ އަހަރާ ހަމައަށް ކުވޭތުގެ އޮލިމްޕިކް ކޮމިޓީގެ ވެސް ޗެއާމަނެވެ. އަދ ކުރިއަށް އޮތް ފީފާގެ އިންތިހާބުގައި އެ ޖަމާއަތަށް އާ ރައީސަކު ހޮވުމުގައި އޭޝިޔާގެ ގައުމުތަކުގެ ވޯޓުތައް އެންމެ ބޮޑަށް ކޮންޓްރޯލް ކުރައްވާ އޭޝިޔާ އާއި ދުނިޔޭގެ ކުޅިވަރުގެ އެންމެ ބާރުގަދަ އެއް ބޭފުޅަކީ ވެސް ޝައިހް ސޮބާހެވެ.