ރާއްޖެ ކުޅިވަރު

އެފްއޭއެމްގެ އިންތިހާބު މިމަހު 31ގައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާ ހިންގުމަށް ފީފާއިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ބުނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިންތިހާބަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ކެނޑިޑޭޓުން ކުރިމަތިލުމަށް އެފްއޭއެމަށް ސިޓީ ފޮނުވަންވާނީ ސިޓީ އުރާގައި ބަންދުކޮށް، ކުލަބުގެ ތައްގަނޑު ޖަހާފައި ކަމަށެވެ.

އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަލުން މިހުޅުވާލީ ކުރިން ބާއްވަން އުޅުނު އިންތިހާބު ތިން ފަހަރެއްގެމަތީން ފަސްވެފައިވަނިކޮށެވެ. އެއީ ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން ބޭނުންވާ ގޮތަށް އަސާސީ ގަވާއިދު ބަދަލުނުވާތީވެ، އެ ދެއިދާރާއިން އެއްބާރުލުން ނުދިނުމުންނެވެ.

ނަމަވެސް ދުނިޔާގެ ފުޓްބޯޅަ ޖަމިއްޔާއިން މިހާރު ވަނީ މި މަހުގެ 31ގެ ކުރިން އިންތިހާބު ނުބާއްވައިފިނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްވާނެ ކަމަށް ނިންމައި އެންމެ ފަހުގެ އިންޒާރުދީފަ އެެވެ.

އެފްއޭއެމުގެ އިންތިހާބު އަލުން ހުޅުވާލީ ހާއްސަ ހާލަތެއްގެ ގޮތުގައި ބަލައިގެން ކަމަސް ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ބުނެފަ އެވެ.

އިންތިހާބަށް މީގެ ކުރިން ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓަކީ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ރައީސްކަން ކުރެއްވި އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އޭއެފްސީ އެކްސްކޯގެ މެމްބަރު މުހައްދު ޝަވީދެވެ. މިފަހަރު ވެސް އޭނާ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ބެލެވެ އެވެ. މި އިންތިހާބުގައި ދެން ވާދަކުރައްވާނެ ކަމަށް ބެލެވެނީ ކުރީގެ ގައުމީ ފޯވަޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދު ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. ނިއުރޭޑިއަންޓާއި ވެެލެންސިއާ އަދި ވީބީގެ ކުރީގެ ފޯވަޑަކީ މިހާރު އީގަލްސްގެ ވައިސް ޗެއާމަން އެވެ.