ރާއްޖެ ކުޅިވަރު

ސިޔާސީ މީހަކު އަޔަނުދޭނަން، އެކަނި ވާދަނުކުރާނަން: ޝަވީދު

އެފްއޭއެމް ރައީސްކަން ސިޔާސީ ބޭފުޅަކަށް ލިބުނަނުދޭން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އަދި އެކަނިމާއެކަނި އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު ވިދާޅުވީ ފީފާއިން ގަބޫލުކުރާ ކޮންގްރެސްއަކީ ސެޕްޓެމްބަރު މަހު ބެއްވި ކޮންގްރެސް ކަމަށާއި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު އޮތީ އޭނާ އަށް އެކަނި ކަމަށެވެ.

"އެކަމަކު އަޅުގަނޑު ބޭނުން ވާދަވެރި އިންތިހާބެއް ބާއްވަން. އަޅުގަނޑު އެކަނި ކުރިމަތިނުލާނަން. އަޅުގަނޑު ފީފާ އަށް ހުށަހަޅައިފިން އަލުން ކެނޑިޑެސީ އަށް ހުޅުވާލަން. ފީފާއިން ގަބޫލުކުރާ ކޮންގްރެސްގައި ނިންމިގޮތަށް އިންތިހާބަށް ކުރިމަތިލީ ހަމައެކަނި މީހަކީ އަޅުގަނޑު. ފީފާއިން ބޭނުމެއްނުވޭ އަލުން ކެނޑިޑެސީ އަށް ހުޅުވާލަން. އެކަމަކު އެގޮތަކީ އަޅުގަނޑު ބޭނުންވާ ގޮތް ކަމަށްވަންޏާ ހުޅުވާލާނެ. އަޅުގަނޑު ބޭނުންވަނީ އެންމެނަށް ވެސް ފުރުސަތުދޭން. އެކަމަކު އަލުން ހުޅުވާލަން ވެސް ފާސްކުރަންޖެހޭނީ ކޮންގްރެސްއަކުން. އެއީ ކޮންގްރެސްގައި ނިންމި ކަމެއް ބަދަލު ކުރެވޭނީ ކޮންގްރެސްއެއްގައި ކަމަށްވާތީވެ،" ޝަވީދު ވިދާޅުވި އެވެ.

ކުރިން ވީބީ ސްޕޯޓްސް ހިންގެވުމުގައި އިސްކޮށް އުޅުއްވި ޝަވީދު ވިދާޅުވީ އެފްއޭއެމުގެ އިންތިހާބުގައި ވާދަކުރަން އޭނާ ނުކުންނާނީ ސިޔާސީ މީހަކަށް އެ މަގާމު ލިބުނަ ނުދޭން ކަމަށެވެ.

"މިވަގުތު އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުމެއްނެތް. އެކަމަކު ސިޔާސީ މީހަކު އެފްއޭއެމަށް އަޔަނުދޭން އަޅުގަނޑަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން. އެއީ ފީފާ، އޭއެފްސީން ބޭނުމެއްނުވޭ ސިޔާސީ މީހަކު އަންނާކަށް. އަދި މިތަން ސިޔާސީ ވާކަށް. އެހެންވީމަ ނުކުންނަންޖެހިއްޖެނަމަ އަޅުގަނޑު އެކަން ކުރާނަން،" ޝަވީދު ވިދާޅުވި އެވެ.

އޭއެފްސީ އެކްސްކޯގެ ގޮނޑިއެއް ވެސް ފުރުއްވަމުން އަންނަ ޝަވީދު ވިދާޅުވީ އޭނާގެ ބެލުމުގެ ދަށުން ނޯމަލައިޒޭޝަން ކޮމިޓީން ކުލަބުތަކަށް ވަރަށް ގިނަ ކަންތައްތައް ކޮށްދީފައިވާ ކަމަށާއި އޭނާގެ ބޭނުމަކަށްވީ ކުލަބުތައް ފުދުންތެރިކުރުވައި، ފުޓްބޯޅައިގެ ވާދަވެރި މާހައުލެއް އުފެއްދުން ކަމަށެވެ.

"އެކަން ކާމިޔާބު ކުރެވިއްޖެ. ދެން މަޖިލިސް މެމްބަރުން ވެސް އަދި (މަޖިލީހުގެ މަހިބަދު ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް) ޓޮމް ވެސް ނުކުމެ މިބުނަނީ ތިމަންނައަކީ ރައީސް ޔާމީންގެ ކެނޑިޑޭޓޭ. އަޅުގަނޑު ވަރަށް ސާފުކޮށް މިބުނަނީ ރައީސް ވަކި މީހަކަށް ތާއިދެއް ނުކުރައްވާނެ. ރައީސް އަކީ ކުޅިވަރު ދެނެލައްވާ ބޭފުޅެއް. ރައީސް ބޭނުންފުޅުވަނީ ނަތީޖާ ހާސިލްކުރެވޭނެ، މީހަކު އެފްއޭއެމަށް އަންނަން. ކުޅިވަރުގެ އެސޯސިއޭޝަންތަކުގެ ބެލެނެވެރި ފަރާތްކަމަށް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު މިއަދު ބުނަނީ މިއަދު ތިމަންނައަކީ ރައީސްގެ ކެނޑިޑޭޓޭ އެންމެން ނުކުމެ މިބުނަނީ ކުޅިވަރުގެ އެންމެން ރައީސްގެ ފަހަތުގައި ތިބީމަ. އެއީ އޮލިމްޕިކް ކޮމިޓީ އަށް ކޮށްދެވުނު ވަރަށް ރަނގަޅު ކަމެއް. ރައީސް ބޭނުމެއްނުވޭ ކުޅިވަރު ސިޔާސީ ކުރާކަށް،" ޝަވީދު ވިދާޅުވި އެވެ.