އެފްއޭއެމްގެ އިންތިހާބު

އޭއެފްސީއިން ލަފާ ދިނީ ކޮންގްރެސް ފަސްކުރަން

އޭޝިއަން ފުޓްބޯލް ކޮންފެޑްރޭޝަން، އޭއެފްސީ ން އެފްއޭއެމްއަށް ލަފާ ދިނީ ރޭ ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް ފަސް ކުރުމަށް ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު، އިއުލާން ކޮށްފައި ވަނީ، މާޗް ވިހި ވަނަ ދުވަހު (އިއްޔަ) އިންތިހާބީ ކޮންގްރެސް ބޭއްވުމަށެވެ. އެހެންނަމަވެސް ކޮންގްރެސް އާ ހަމައަށް އައިރު ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖެ އާއި އޭޝިއާގެ އެހެން ގައުމުތަކަށްވެސް ވަނީ ކުރިމަތި ވެފަ އެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިންތިހާބީ ދައުރު ހަމަވާނީ މިއަހަަރު ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. އޭގެ ކުރިން އިންތިހާބު ބާއްވަން އެފްއޭއެމުން ނިންމީ، އެފްއޭއެމްގެ އެކްސްކޯއަށް ބައްސްމް ހުށަހެޅުމުންނެވެ. އިންތިހާބަކަށް ދިއުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމި ހިސާބުން ފެށިގެން އޭއެފްސީން ދިޔައީ އިންތިހާބީ މަރުހަލާތައް މޮނިޓާ ކުރަމުންނެވެ.

ރޭ، ބާއްވަން ތާވަލު ކުރި ކޮންގްރެސް ފަސް ކުރުމަށް ފަހު އެފްއޭއެމުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިހާރުގެ ހާލަތު ހުރި ގޮތުން ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އޭއެފްސީ އާއި ފީފާއިންވެސް ލަފާ ދީފައިވާ ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލާން ދިން މުއްދަތުގައި، އިންތިހާބަށް ކުރިމަތި ލެއްވީ ބައްސާމް އެކަންޏެވެ. އިންތިހާބުގައި ބައްސާމް ވާދަ ކުރެއްވުމަށް ފުރަތަމަ ޑިވިޝަންގެ ހަ ކުލަބަކާއި ދެ ވަނަ ޑިވިޝަނެއްގެ ތިން ކުލަބަކުން ވަނީ އެންޑޯޒްމެންޓް ދީފަ އެވެ.

އާ އިންތިހާބުގައި ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ސީނިއާ ނައިބު ރައީސް އަކީ، އެފްއޭއެގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީގެ މަގާމުގައި އަދާ ކުރައްވަމުން އަންނަ، ކުރީގެ ފޯވަޑް އަލީ އުމަރު، ދެ ވަނަ ނައިބު ރައީސް އަކީ މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ)، އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، މިހާރުގެ ސީނިއާ ނައިބު ރައީސް އަހްމަދު ޝަކީބު، މިހާރުވެސް އެކްސްކޯ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ މިހާރުވެސް އެފްއޭއެމްގެ އިސް މަގާމެއް ފުރަމުން އަންނަ އާމިނަތު ޝާނީޒް (ޝާނީ) އެވެ.

ބައްސާމް އާއި އޭނާގެ އާ އެކްސްކޯއަށް އެންޑޯޒްމެންޓް ދީފައި ވަނީ ފުރަތަމަ ޑިވިޝަންގައި މިވަގުތު އެކްޓިވް ކޮށް އޮތް ހަ ކުލަބުގެ އިތުރުން ދެ ވަނަ ޑިވިޝަންގެ ފައިނަލިސްޓް ކުލަބު ވެލެންސިއާ އާއި ޖޭޖޭ ސްޕޯޓްސް އާއި ކުލަބު ޕީކޭ އެވެ.