މި މަހިގެ 28 ވަނަ ދުވަހު އެފްއޭއެމުގެ އިންތިހާބު ބާއްވަން ގަސްތުކޮށް، އެތަނުގެ އަސާސީ ގަވާއިދު މިއަދު ފާސްކޮށްފި އެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ކޮންގްރެސްގައި ބައިވެރިވި 13 ކުލަބުގެ އިއްތިފާގުން އަސާސީ ގާވައިދު ފާސްކުރީ ތިން އިސްލާހާއެކުގަ އެވެ.
މި ތިން އިސްލާހުގެ ތެރެއިން ފުރަތަމަ އިސްލާހަކީ އެފްއޭއެމު އުވާލާ ހާލަތެއްގައި އެތަނުގެ މުދަލާއި ފައިސާ ސްޕޯޓްސް ކޮމިޝަން ނުވަތަ އޮލިްޕިކް ކޮމިޓީ ނުވަތަ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއާ ހަވާލުކުރުމެވެ. ދެ ވަނަ ކަމަކީ މާދަމާއިން ފެށިގެން 20 ދުވަސް ތެރޭގައި އިންތިހާބު ބާއްވަން ގަވާއިދަށް ބަދަލު ގެނައުމެވެ. ފަހު އިސްލާހަކީ މިއަދުން ފެށިގެން އަސާސީ ގަވާއިދަށް އަމަލުކުރަން ނިންމުމެވެ.
މިއަދުގެ ކޮންގްރެސްގައި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަސާސީ ގަވާއިދު ފާސްކުރާތާ 20 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވައިދޭން އެދުނީ މި މަހުގެ 30ގެ ކުރިން އިންތިހާބު ނުބާއްވައިފިނަމަ ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ފީފާއިން އަންގާފައިވާތީ ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް އަސާސީ ގަވާއިދުގައި މިއޮންނަނީ އަސާސީ ގަވާއިދު ފާސްކުރާތާ 30 ދުވަސްތެރޭގައި އިންތިހާބު ބާއްވަން. އެކަމަކު މި ފަހަރު މިއީ ހާއްސަ ހާލަތެއް. އެމުއްދަތު ދެވޭކަށްނެތް. އެހެންވީމާ މިފަހަރު އެކަނި 20 ދުވަސްތެރޭގައި އިންތިހާބު ބާއްވަން ނިންމަން މިއެދުނީ،" ބައްސާމް ވިދާޅުވި އެވެ.
އިންތިހާބު 15 ދުވަސްތެރޭގައި ބާއްވައިދޭން އީގަލްސްގެ ވައިސް ޗެއާމަން އަހުމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި އެވެ. ނަމަވެސް ބައްސާމް ވިދާޅުވީ އިންތިހާބު 20 ދުވަސްތެރޭގައި ބޭއްވުމަކީ ފީފާއިން އެދިފައިވާ ގޮތް ކަމަށާއި އެޕީލް ކުރުމާއި އެނޫން އިޖުރާއަތްތައް ފުރިހަމަކުރަން ފީފާއިން ބޭނުންވާ ވަގުތުދޭން ޖެހޭ ކަމަށެވެ.
އެފްއޭއެމުގެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ. ނަމަވެސް ސަރުކާރުން އެއްބާރުލުން ނުދިނުމުން އިންތިހާބު ވަނީ ތިން ފަހަރު މަތިން ފަސްވެފަ އެވެ. މިހެންވެ ފީފާއިން މިހާރު ވަނީ މިމަހުގެ ނިޔަލަށް އިންތިހާބު ބާއްވަން ޝަރުތުކޮށްފަ އެވެ. އެހެންނޫނީ ފުޓްބޯޅައިގެ އެއްވެސް އިނާޔަތެއްނުލިބޭ ގޮތަށް މުއްދަތެއްނެތި ރާއްޖެ ސަސްޕެންޑްވާނެ އެވެ.