އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ވަކިކޮށްފައިހުރި ނަމަވެސް ބައްސާމް އަދީލް ޖަލީލަށް އަންގާރަ ދުވަހު ބާއްވާ އޭއެފްސީގެ ކޮންގްރެސް އަށް އެޖަމާއަތުގެ ޖެނެރަލް ސެކްރެޓަރީ ހާއްސަ ދައުވަތެއް ދެއްވައިފި އެވެ.
އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ދާތޯ ވިންސޯ ޖޯން ބައްސާމަށް ހާއްސަ ދައުވަތެއް ދެއްވައި ސިޓީ ފޮނުވާފައިވަނީ އިއްޔެ އެވެ.
މި ކޮންގްރެސް އޮންނާނީ އަންގާރަ ދުވަހު އިންޑިޔާގެ ގޯއާގަ އެވެ.
ބައްސާމަކީ އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ރައީސްވެސްމެ އެވެ.
އޭނާ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް އެއިދާރާއިން މިދިޔަ ހަފުތާގައި އިސްތިއުފާދިން އެކްސްކޯގެ ފަސް މެމްބަރުން ވަނީ ބުނެފަ އެވެ. އަދި މިކަން އޮޅުވިލުވުމަށް، ފީފާއިން ވަނީ ބައްސާމް މަގާމުން ވަކިކުރި އެކްސްކޯ ޖަލްސާގެ ޔައުމިއްޔާ ފޮނުވަން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އަށް އަންގާފަ އެވެ. އަދި މިއީ ގަވާއިދާ ހިލާފަށް ކޮށްފައިވާކަމެއްނަމަ އޭނާގެ މަގާމު އިއާދަކުރާނެ ކަމަށް ވެސް ފީފާގެ ސިޓީގައިވެ އެވެ.