ރާއްޖެ ކުޅިވަރު

އެފްއޭއެމުގެ އިންތިހާބަށް އަނެއްކާ ވެސް ޝަވީދު

އެފްއޭއެމުގެ އިންތިހާބުގައި ވާދަކުރައްވަން އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ނިންމަވައިފި އެވެ.

ޝަވީދަކީ މިދިޔަ ސެޕްޓެމްބަރު މަހު އިންތިހާބަށް ހުޅުވާލުމުން ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓްވެސްމެ އެވެ. ނަމަވެސް އިންތިހާބު ނުބޭއްވި ދިއުލައިދިއުމުން އޭނާ ވަނީ ވިސްނުން ބަދަލު ކުރައްވައި އެފްއޭއެމާ ދުރަށް ވަޑައިގެންފަ އެވެ. މި ގޮތުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމުން އިސްތިއުފާދެއްވި އެވެ.

ނަމަވެސް އަނެއްކާ ވެސް ގައުމީ ފުޓްބޯޅަ އިދާރާގެ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވަމުން އޭނާ ވިދާޅުވީ އޭނާގެ ނިންމުމަކީ ކުލަބުތަކުގެ އެދުމުގެ މަތީން ނިންމެވި ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ތާއީދުކުރާ ކުލަބުތަކެއް ވެސް އެބަތިބި. ގިނަ ކުލަބުތަކެއް ބޭނުންވޭ އަޅުގަނޑު ވާދަކުރަން. ދެން ފުޓްބޯޅަ އަށް ހެޔޮ ބަދަލެއް، ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކާ ވެސް އަޅުގަނޑު ބޭނުން ވާދަކުރަން،" ޝަވީދު ވިދާޅުވި އެވެ.

ޝަވީދު އިންތިހާބުގައި ވާދަކުރައްވާނަމަ ބޮޑު މައްސަލައެއް ކުރިމަތިވާނެ އެވެ. އެއީ ކުޅިވަރުގެ ގައުމީ މަޖިލީހުން ނެރެފައިވާ ގަރާރުގެ ސަބަބުންނެވެ. އެ ގަރާރުގައި ބުނަނީ އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ އެކްސްކޯގައި ހިމެނޭ ބޭފުޅަކަށް އެހެން އެސޯސިއޭޝަނަކަށް ކުރިމަތިނުލެއްވޭނެ ކަމަށެވެ. ނަމަވެސް ޝަވީދު ވިދާޅުވީ މިއީ ދުނިޔޭގެ އޮލިމްޕިކް ޗާޓަރާ ހިލާފު ނިންމުމެއް ކަމަށާއި އެގަރާރު ބަލައިނުގަންނަ ކަމަށެވެ. މިގަރާރާ ވިދިގެން އޭނާ ވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އަސާސީ ގަވާއިދާއި ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެފްއޭއެމުގެ އިންތިހާބު ނުބޭއްވި ފަސްވެފައިވާއިރު އިންތިހާބުގައި ވާދަކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވެސް ދަނީ ތައްޔާރުވަމުންނެވެ.

ގައުމީ ޓީމާއި ނިއު، ވެލެންސިއާ އަދި ވީބީގެ ކުރީގެ ފޯވަޑް މި ވަގުތު ހުންނެވީ އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމުގަ އެވެ.

އެފްއޭއެމުގެ އިންތިހާބު ބާއްވަން ފީފާއިން މިހާރު ދީފައިވާ އެންމެ ފަހު މުއްދަތަކީ އަންނަ މަހުގެ 31 ވަނަ ދުވަހެ އެވެ. އެހިސާބަށް އިންތިހާބު ނުބޭއްވިއްޖެނަމަ ރާއްޖެ އޮޓެމެޓިކުން ފުޓްބޯޅައިން ސަސްޕެންޑްވާނެ އެވެ. މިހެންވެ އިންތިހާބުގެ އަސާސީ ގަވާއިދު ފާސްކުރާ ކޮންގްރެސް އަންނަ މަހުގެ ހަތެއްގައި ބާއްވަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.