ރާއްޖެ ކުޅިވަރު

ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ޔޫތު މިނިސްޓަރާ ބައްދަލުކޮށްފި

ސަރުކާރާއި އެފްއޭއެމް މައްސަލަޖެހިގެން ބާއްވާނެކަމުގެ ޔަގީންކަން ނެތް އެފްއޭއެމުގެ އިންތިހާބަށް ފީފާ އާއި އޭއެފްސީގެ އޮފިޝަލުން މާލެ އަތުވެއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ ބޭފުޅުން އިންތިހާބަށް މާލެ ވަޑައިގެންނެވިއިރު އިންތިހާބު ނުބާއްވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި މައްސަލާގައި ފީފާ އާއި އޭއެފްސީގެ މަންދޫބުން މިއަދު ހަވީރު ވަނީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާ ވެސް ބައްދަލުކޮށްފަ އެވެ.

އެންމެ ފުރަތަމަ އިންތިހާބު ނުބާއްވަން އެދި ފީފާ އާއި އެފްއޭއެމަށް ސިޓީ ފޮނުވީ ޔޫތު މިނިސްޓްރީންނެވެ. އެއަށް ފަހު އެފްއޭއެމުގެ އަސާސީ ގަވާއިދު ބަލައިނުގަނެ ހޯމް މިނިސްޓްރީން ވަނީ އިންތިހާބު ބާއްވަން ހަމަޖައްސައިފައިވާ ކުރުނބާ މޯލްޑިވްސް އަށް އިންތިހާބު ނުބާއްވަން އަންގައިފަ އެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ އެފްއޭއެމުގެ އިންތިހާބު ގާނޫނާ ހިލާފު ކަމަށެވެ.

ނަމަވެސް ސަރުކާރުން އެފްއޭއެމަށް ނުފޫޒު ފޯރުވާނަމަ ރާއްޖެ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ފީފާ އާއި އޭއެފްސީން ވަނީ ދީފަ އެވެ. އެއީ މި މަހުގެ 30 ގެ ކުރިން އިންތިހާބު ބާއްވަން ދެ ވަނަ ފަހަރަށް ފުރުސަތުދީ އެކަން ނިންމުމަށް ފީފާގެ ހިންގާ ކޮމިޓީން މިދިޔަ މަހު ނިންމާފައިވާތީ އެވެ. މީގެ އިތުރުން ފީފާގެ މެމްބަރު އެސޯސިއޭޝަންތަކަކީ މިނިވަންކަމާއެކު ހިންގަންޖެހޭ އިދާރާތައް ކަމަށް ބުނެ އެ ޖަމާއަތުން ވަނީ އެކަން ހަނދާންވެސް ކޮށްދީފަ އެވެ.

އޭއެމުގެ އިންތިހާބުގައި ވާދަކުރައްވަނީ ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަންޏެވެ. އޭނާ އަކީ ގައުމީ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި އޭއެފްސީގެ އެކްސްކޯ މެމްބަރެކެވެ. އިންތިހާބުގައި އޭނާ އެކަނި ވާދަކުރައްވާތީވެ އޮންނާނީ ޝަވީދާއި އޭނާގެ ޓީމަށް ފެންނަ ނުފެންނަ ވޯޓު ނެގުމެވެ.

އަނެއްކޮޅުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން އޭއެފްސީން ވަނީ އެ ޖަމާއަތުގެ މެޗު ކޮމިޝަނަރުކަމުން ޔޫތު މިނިސްޓްރީގެ ނައިބަކަށް ހުންނެވި ކުރީގެ ގައުމީ ފޯވަޑް ޝާހު އިސްމާއީލް ސަސްޕެންޑްކޮށްފަ އެވެ.