ރާއްޖެ ކުޅިވަރު

ފުރުސަތު ދިނަސް ނޯމަލައިޒޭޝަން ކޮމިޓީގައި ދެން ނުހުންނާނަން: ޝަވީދު

Mar 14, 2016

އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ފީފާއިން އިތުރުކޮށްދިން ނަމަވެސް ދެން އެ ކޮމިޓީގައި ނުހުންނާނެ ކަމަށް ފީފާ އަށް އަންގާފައިވާ ކަމަށް ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަވީދު ވިދާޅުވީ ފީފާއިން ބޭނުންނުވާ ގޮތަށް އެފްއޭއެމުގެ އަސާސީ ގަވާއިދު މިދިޔަ ހަފުތާގައި އަނެއްކާ ވެސް ފާސްކުރުމުން އެ އަސާސީ ގަވައިދު ފިފާއިން ގަބޫލުނުކުރާ ކަމަށެވެ. ސަބަބަކީ ފީފާގެ ރިޕޯމް އެޖެންޑާއާ ހިލާފު ގިން ކަންތައްތަކެއް ހުރުމެވެ. އަދި މި މައްސަލާގައި ފީފާގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖެ ސަސްޕެންޑްކުރުމާމެދު ވަކިގޮތެއް ނިންމާނެ ކަމަށާއި މާދަމާ އެގޮތަކަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

"އެބޭފުޅުން ދެން އިތުރު ފުރުސަތެއް ދިނަސް އަޅުގަނޑު ނޯމަލައިޒޭޝަން ކޮމިޓީގައި ނުހުންނާނަން. އެއީ އަޅުގަނޑު ހުރީމަ ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގައި ތިއްބަވާ ވަކިބަޔަކަށް މި މައްސަލަ ހައްލުކުރަން އެއްބާރުލުންދޭން މައްސަލައަކަށްމިވަނީ. އެކަން ފީފާ އަށް ވެސް ވާނީ އަންގާފައި،" ޝަވީދު ވިދާޅުވި އެވެ.

"ސަސްޕެންޑްވިޔަ ނުދޭން އަޅުގަނޑަށް ވި ހުރިހާ ކަމެއް ކުރާނަން. އެކަމަކު ޑައިރެކްޓް ސަސްޕެންޝަނެއް އަތުވެދާނެ. ދެން އޮތް ގޮތަކީ ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރުކުރުން. ނޫނީ އިލެކްޓޯރަލް ކޮމިޓީއެއް ނަގައިގެން ފީފާގެ ސީދާ ބެލުމުގެ ދަށުން އިންތިހާބު ކުރިއަށް ގެންދިއުން. އަލުން ފުރުސަތު ދިނަސް އަޅުގަނޑު ނުހުންނާނަން ދެން ކޮމިޓީގައި،" ޝަވީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމުގެ އިންތިހާބުގެ މައްސަލާގައި އޭނާ ބައްދަލުކުރި ސަރުކާރުގެ ތިން ވަޒީރުން އަސާސީ ގަވާއިދު އެއްފަރާތުގައި ބާއްވާފައި އޭނާ އިންތިހާބަށް ކުރިމަތިނުލާން އެދިފައިވާ ކަމަށެވެ.

"އެހެންވީމަ މިއުޅެނީ ސީދާ އަޅުގަނޑާއި އެފްއޭއެމުގެ މިހާރުގެ ލީޑަރޝިޕާ ދެމެދު ހިތްހަމަނުޖެހޭ ބައެއްގެ މައްސަލައެއް. ވަރަށް ފަހުން އެފްއޭއެމުގައި ތިއްބެވި ބެޗެއްގެ ބަޔަކު ވެސް ޔޫތު މިނިސްޓްރީއާ ގުޅިއްޖެ. ޔޫތު މިނިސްޓްރީގައި ތިބި ބައެއް މީހުންނަކީ ސީދާ އެފްއޭއެމުގެ މިހާރުގެ މެނޭޖްމަންޓާ ދެކޮޅު ހިޔާލުގެ މީހުން. މިހެންވީމް ކުޅިވަރަކަށްނޫން މަސައްކަތް މިކުރަނީ. ވަކި މީހަކާ ޖައްސާލައިގެން. އަޅުގަނޑު އިންތިހާބަށް ކުރިމަތިލީމަ ސީދާ އަޅުގަނޑަށް ކޯޓު ފަހަނީ. އަޅުގަނޑަށް އަމާޒުކޮށް ގަވާއިދު ވެސް ހަދަނީ، އޭގައި ނޯންނަނީ އަޅުގަނޑުގެ ނަން އެކަނި،" ޝަވީދު ވިދާޅުވި އެވެ.