އެފްއޭއެމުގެ އިންތިހާބަށް އެންމެ ފުރަތަމަ ހުޅުވާލުމުން ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓަކީ މުހައްމަދު ޝަވީދެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމާއި އޭއެފްސީ އެކްސްކޯގެ ގޮނޑިއެއްގައި މިހާރު ވެސް އިންނެވި ބޭފުޅެކެވެ. އެފްއޭއެމަށް ޝަވީދު ކުރިމަތިލެއްވުމަކީ ޒާތީ ބައެއް ސަބަބުތަކާހުރެ އޭނާގެ ވާދަވެރިންނަށް ހަޖަމުކުރަން އުނދަގޫ ކަމަކަށްވި އެވެ. ރިއާސީ ލޯންޗުގެ ގޮވުމާއެކު ކުރިމަތިވި ވަރުގަދަ ސިޔާސީ ކާރިސާއިން ފައިދާ ނަގައި ވާދަވެރީން އެގޮތްމިގޮތުން އިންތިހާބު ހުއްޓުވި އެވެ. އެންމެފަހުން އޮލިމްޕިކް ކޮމިޓީގައި ހުރެފައި އެފްއޭއެމަށް ކުރިމަތިނުލެވޭގޮތް ވެސް ހެދީ އެވެ. މިހެންވެ މިހާރު އުފެދިފައި އޮތް އުވާލަކީ އަލުން އިންތިހާބަށް ހުޅުވާލުމުން ޝަވީދު އިހްތިޔާރު ކުރާނީ އެފްއޭއެމްތޯ އެވެ؟
ޔަގީނުން ވެސް އެނގޭ ކަމެއް އެބައޮތެވެ. ސަރުކާރުގެ ތާއީދާއެކު ނޫނީ އެފްއޭއެމުގެ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އެވެ. އެއީ މިހާތަނަށް ވެފައި އޮތް ކަމެއްނޫނެވެ. ސަރުކާރުގެ ތާއީދު ޝަވީދަށް އެބައޮތެވެ. އެކަން އިއުލާނުކުރެއްވީ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ. މިކަމަށް ބާރުލިބިދެނީ އޭގެ ދުވަސްކޮޅެއް ކުރިން ޔޫތު އެންޑް ސްޕޯޓްސް ކައުންސިލްގެ ޗެއާމަންކަން ވެސް ޝަވީދަށް ދިނުމެވެ. އޭނާ އަކީ ކުޅިވަރާއި ޒުވާނުންގެ ދާއިރާގައި ރައީސް ޔާމީންގެ ހާއްސަ މުޝީރެކެވެ. މިހެންވެ ސަރުކާރުގެ ތާއީދު ފިސާރި ރަނގަޅަށް އެބައޮތެވެ. އޭއެފްސީ އެކްސްކޯގެ މެމްބަރަކަށްވުމުން އެ ޖަމާއަތާއި ފީފާގެ ހިފެހެއްޓުމެއްނެތް ތާއީދު ވެސް އެބައޮތެވެ. އޮލިމްޕިކް ކޮމިޓީގެ ރައީސަށް ވެފައި އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާގެ ރައީސްގެ ހާއްސަ މުޝީރަކަށްވުމުން އޭޝިޔާ ސަރަހައްދުގެ ކުޅިވަރު މައިދާނުގައި އޭނާ ބާރު ވަރަށް ގަދަ އެވެ. އެހެންވިއްޔާ ކުރިމަތިނުލާންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟
މި ސުވާލަށް ވަކި ޖަވާބެއްދޭން ޝަވީދު މިވަގުތު ބޭނުމެއްނުވެ އެވެ. އެކަމަކު އޭނާގެ ގާތް މީހުން ބުނާގޮތުގައި އެފްއޭއެމަށް ކުރިމަތިލެއްވުމަކީ މިހާރު ފިފްޓީ ފިފްޓީ ޗާންސެކެވެ.
"އެއްގޮތަކުން ބުނަންޏާ އޮލިމްޕިކް ކޮމިޓީ މާ ފަސޭހަވާނެ. ފުޓްބޯޅަ އެސޯސިއޭޝަން މާ އުނދަގޫވާނެ. އެގޮތުން ބަލާއިރު އެފްއޭއެމް ދޫކޮށްލާފައި އޮލިމްޕިކް ކޮމިޓީގައި ހުރުމަކީ ވަކިދެރަގޮތެއްނޫން،" ޝަވީދުގެ ވަރަށް ގާތް މީހަކު ނަން ނުޖަހަން ޝަރުތުކޮށްފައި ބުންޏެވެ.
އޭނާގެ ވާހަކައިން އެނގުނީ ޝަވީދު ވާދަނުކުރައްވާނަމަ އޭނާގެ ތާއީދާއެކު އެހެން ކެނޑިޑޭޓަކު ނެރުއްވާނެ ކަމެވެ. އެހެންވިއްޔާ އެއީ ކޮން ބައެއް ހެއްޔެވެ؟ އެ ސީޓަށް ވާދަކުރާ ބަޔަކު ވެސް އުޅޭކަމަށްވެ އެވެ.
އަބުދުލް މުހުސިން ހަމީދު (ޖޭފޯ)
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި މިހާރު ޔޫތު މިނިސްޓްރީގެ އިސްވެރިއަކަށް ހުންނެވި ޖޭފޯ އަކީ އެފްއޭއެމުގެ އެކްސްކޯ ފީފާއިން އުވާލިއިރު އެތަނުގެ ނާއިބް ރައީސެކެވެ. ވިކްޓަރީގެ ޗެއާމަނަކަށް ހުރެފައި މިހާރު އޭނާ ހުންނެވީ އެކުލަބުގެ އެއް ވައިސް ޗެއާމަނަކަށެވެ. މި ނޫން ގިނަ ކުލަބުތަކެއްގައި ޖޭފޯ އުޅުއްވަ އެވެ. ކުޅިވަރަށް ޖޭފޯ އަބަދުވެސް މަރުހަބާކިޔަ އެވެ. އަމުދުން މިވަގުތު ސަރުކާރު ހިންގާ ޕާޓީގެ މެމްބަރަކަށްވެފައި ޔޫތު މިނިސްޓްރީ ހިންގުމުގައި އިސްދައުރެއް އަދާކުރައްވާތީވެ ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައި ޝަވީދުގެ ލިސްޓުގެ ކުރީގައި އޭނާ ނަން އެބައޮތެވެ.
އަހުމަދު ޝަކީބް:
ކުޅިވަރުގެ ބޭސްވެރިކަމުގެ ރޮނގުން އެފަދައެއްނެތް ޝަކީބަކީ މިހާރު ވެސް ނޯމަލައިޒޭޝަން ކޮމިޓީގެ ނާއިބް ރައީސެވެ. އޭނާ އަކީ ރައީސް ޔާމީންގެ ވެސް ހާއްސަ ޑޮކްޓަރެކެވެ. ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންގެ ދަންނަ އަދި އިތުބާރު ކުރައްވާ ބޭފުޅެކެވެ. ފުޓްބޯޅައިގެ ހާލަތު ދަންނަ އަދި ކުޅިވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވައި ގައުމީ އެވޯޑް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ނޯމަލައިޒޭޝަން ކޮމިޓީ އަށް ޝަކީބު އައްޔަންކުރީ ވެސް ސަރުކާރުގެ އެއްބާރުލުމަށް އެވަގުތު އެފްއޭއެމް ބޭނުންވެފައި އޮތްލެއް ބޮޑުކަމުންނެވެ. އަދި ފަހުން ވަރަށް އަވަދިނެތި އެފްއޭއެމުގެ މަސައްކަތުގައި އުޅުއްވި އެވެ. އެކަމަކު ޝަކީބު ވާދަކުރައްވާނަމަ އޭނާގެ ބޭސްވެރިކަން ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތްކަމަށްވެ އެވެ.
އަލީ އުމަރު:
ރާއްޖޭގެ އެންމެ މަތީ ފަންތީގައި އެތައް އަހަރެއް ވަންދެން ފުޓްބޯޅަ ކުޅުމަށްފަހު އަލީ އުމަރު މިހާރު މަސައްކަތް ކުރަނީ ފުޓްބޯޅަ ހިންގުމުގެ ދާއިރާގަ އެވެ. އޭނާ އަކީ އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެކެވެ. ޝަވީދުގެ ނާއިބަކަށްނުވިޔަސް އެރޯލު ކުޅުއްވާތަން ފެންނަނީ އޭނާ އެވެ. ނަމަވެސް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް އަދި އައިއެފްސީ އާއި ޔޫތުގެ ކުރީގެ ފޯވަޑަށް ކުލަބުގެ ތަކުގެ މާބޮޑު ތާއީދެއް އޮތްކަމަށް ނުފެނެ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ކަންކަމުގައި އިސްނަންގަވައިގެން، އުޅުއްވާލެއް މަދުވުމެވެ. މިހެންވެ އަލީ އުމަރަކީ އެންމެ ފަހު ޗޮއިސްކަމަށްވެ އެވެ.
ބައްސާމް އަދީލްޖަލީލް:
ޝަވީދު ވާދަނުކުރައްވާނަމަ ގިނަ ބައެއްގެ އެއްވަނަ ހޮވުމަކީ ބައްސާމެވެ. އޭނާ އަކީ އެފްއޭއެމުގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ އެވެ. ބައްސާމުގެ ނަން ލިސްޓުގެ ކުރިއަށް އަންނަ ސަބަބުތައް ގިނަ އެވެ. ފުރަތަމަ ސަބަބަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކަށްވެފައި އޭނާ އަށް ސަރުކާރުގެ ބޮޑު ތާއީދެއް އޮތުމެވެ. ދެ ވަނަ ކަމަކީ ވެލެންސިއާ ހިންގުމުގައި ގިނަ ދުވަސްތަކެއް އުޅުއްވައި އެކުލަބުގެ ވެއްޓިފައި ބޮޑު ވަޅުގަނޑުން ސަލާމަތްކުރުމެވެ. ފީފާ އަށް ދަރައި، ހިންގުން ދޯދިޔާވެ، ވިއްސިވިހާލިވަމުންދިޔަ ކުލަބު ނަގައި ކޮޅަށްޖަހައިދިނީ އޭނާ އެވެ. ތިން ވަނަ ސަބަބަކީ އެހެން ބޭފުޅުންނާ ހިލާފަށް، އެފްއޭއެމަށް ވަޑައިގެން ގިނަ ކުލަބުތަކެއްގެ އިތުބާރާއި ލޯބި ހޯދުމެވެ. ނާޒުކު ދަނޑިވަޅުތަކުގައި ވެސް ކުރިއަށް ނުކުމެ، ކުލަބުތަކާ ތެދުބަހުން މުއާމަލާތުކުރި އެވެ. ވަރަށް ރަނގަޅު ޑިޕްލޮމަސީއެއް ގެންގުޅުއްވަ އެވެ.