ހަބަރު

ތިން މިނެޓުން ބްރިޖް ހުރަސް ކުރެވޭ!

މާލެއިން ހުޅުލެއަށް ދާނަމަ މިހާރު ފެރީގައި ދިހަ ވަރަކަށް މިނެޓް ނަގަ އެވެ. ހުޅުމާލެއަށް ދާނަމަ އެއީ ވިއްސަކަށް މިނެޓެވެ. އެއީ އަދި ބޮޑު ކިއުއެއްގައި ޖެހި އެތައް ވަގުތުތަކެއް ހޭދަވެގެންދާ ފަހުންނެވެ. މި ހުރިހާ ލަސްވުމަކަށް އަންނަ ހައްލަކީ ހުޅުލެ އާއި މާލެ ގުޅުވައިދޭ ތާރީހީ ބްރިޖެވެ.

ޗައިނާ އާއި ރާއްޖޭގެ ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ބްރިޖްގެ އެންމެ ބޮޑު އަދި ބިޔަ މަސައްކަތްތައް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ބްރިޖްގެ ތަނބުތައް ގުޅާލައި ނިންމައި މިހާރު ހިނގާފައި ބްރިޖުން އެއްކޮޅުން އަނެއް ކޮޅަށް ދެވެ އެވެ. މިއަދު ވަނީ ނޫސްވެރިންނަށް ބްރިޖް ދައްކާލާފަ އެވެ. ހުރަސް ކުރަން ފުރުސަތުދީފަ އެވެ.

މިހާރު ވެސް ބްރިޖްގެ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދެ އެވެ. އެގޮތުގެ ބްރިޖްގައި ދުއްވުމަށް ހަދާ ހަތަރު ލޭންގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޖުމްލަ ހަތަރު ލޭން ހަދާނެ އެވެ. އެގޭ ތެރެއިން ދެ ލޭނެއްގެ ފުޅާ މިނަކީ 3.25 މީޓަރެވެ. އަނެއް ދެ ލޭންގެ ފުޅާ މިނަކީ 3.5 މީޓަރެވެ.

ލޭންތައް ނިމޭއިރު ހުންނާނީ ރަނގަޅު ފެންވަރުގައި ތާރު އަޅާފަ އެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ލޭންގައި ތާރު އެޅުމުގެ ކުރިން ވަރުގަދަކުރުމަށް އިތުރު ގްރައުންޑް ސްލަބެއް އެޅުމުގެ މަސައްކަތެވެ. ބައެއް ސަރަހައްދުތަކުގައި ސްލަބް އަޅާ ވަނީ ނިންމާފަ އެވެ. އެ ސްލަބްގެ މައްޗަށް ތާރު އަޅަނީ އެވެ.

އޭގެ އިތުރަށް ވަރަށް ހަނި ދެ ލޭން ބްރިޖްގެ ދެ ފަރާތުގައި ހަދަ އެވެ. އެއީ ޕޭމަންޓް ވޯކެކެވެ. ނަމަވެސް ސެކިއުރިޓީ އަދި ސޭފްޓީއަށް ބަލާފައި އެ ލޭން ހިނގަން ހުޅުވާނެކަން އަދި ކަށަވަރެއް ނޫނެވެ.

މިހާރު އޮތް ގޮތުން ވިއްޔާ ބްރިޖުގައި ދަތުރު ކުރެވޭނީ އުޅަނދެއްގަ އެވެ. ބްރިޖްގެ މަސައްކަތުގައި އުޅޭ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ބްރިޖް ޑިޒައިންކުރީ އެންމެ ބާރަށް ވެސް 60 ކިލޯމީޓަރު ޕާއަވާގައި ދުއްވާ ގޮތަށެވެ. ބްރިޖްގައި ދުއްވާނެ އާންމު ސްޕީޑަކީ 50 ކިލޯ މީޓަރުޕާ އަވާ އެވެ. އެ ސްޕީޑްގައި ދުއްވައިފިނަމަ ތިން މިނެޓުން ބްރިޖްގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރު ކުރެވޭނެ އެވެ.

އެއަށްވުރެ މަޑުން ދުއްވައިގެން ވިޔަސް ހަތަރު މިނެޓަށްވުރެ ދިގު ވަގުތެއް ހޭދަނުކޮށް އަންނަ މަހު ހުޅުވާ ބްރިޖް ހުރަސްކޮށް ލެވޭނެ ކަމަށް އޮފިޝަލް ބުންޏެވެ.

ބަންދެއް ނުކުރާނެ، ހުރަހެއް ނޯންނާނެ!

"ސިނަމާލެ"ގެ ނަން ދީފައިވާ ބްރިޖް އެއްވެސް ގަޑިއެއްގައި ބަންދު ކުރަން ނުޖެހޭނެ ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދެއްވަމުން ފާހަގަކުރެއްވި އެވެ. ހުރިހާ ވަގުތެއްގައި ބްރިޖް ހުޅުވާލާފައި ހުންނައިރު އެއްވެސް ހުރަހެއް ނެތި ބްރިޖް މަތީ އުޅަނދުތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.

ހުރަހެއް ނުހުންނާނެ ކަމަށް އޮފިޝަލް ބުނާ ބުނުމުގެ ތަފްސީލަކީ ބްރިޖް މަތީގައި އެއްވެސް ފޯލް ސްޓޭޝަނެއް ނުވަތަ ޗެކިން ޕޮއިންޓެއް ނުހުރުމެވެ. އޭގެ އިތުރަށް ސްޕީޑް ބްރޭކާއެއް ވެސް ބްރިޖް މަތީގައި ނުހުންނާނެ އެވެ.

ތިނެއް މިނެޓެއްހާ ކުރު ރާސްތާއެއް ކަމުން ބްރިޖަށް މާބޮޑު ލޯޑެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެއްވެސް ހުރަހެއް ނެތި ބްރިޖް މަތީ ކުޑަ ވަގުތު ކޮޅެއްގައި ދަތުރުކޮށްލެވޭއިރު އެތައް ބައެއްގެ ވަގުތައް ސަލާމަތްވެގެން ދާނެ އެވެ. ބްރިޖާ ގުޅޭ ގޮތަށް ހުޅުލެއިން ހުޅުމާލެއަށް ދިޔުމަށް ތާޅު އަޅައިގެން ހައިވޭއެއް މިހާރު ވަނީ ހަދާފަ އެވެ.

ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް!

ބްރިޖްގެ ހުރިހާ މިންގަނޑެއް ވެސް ނަގާފައިވަނީ ޗައިނާގެ ހަރުކަށި ސޭފްޓީ ސްޓޭންޑާޑާ އެއްގޮތަށެވެ. ބްރިޖްގައި ސްޕީޑް ބްރޭކާ ފަދަ ތަކެތި ނެތް ނަމަވެސް ބްރިޖްގައި ދުއްވާ މީހުންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޮފިޝަލް ބުންޏެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައްސާލުންފަދަ ކަންކަން ހުއްޓުވުމަށް ރެސިސްޓެންސްތައް ބަހައްޓާނެ އެވެ. ބްރިޖްގެ އަލިގަދަ ކުރަން ގިނަ އަދަދެއްގެ ބޮކި ވެސް ހަރުކުރާނެ ކަމަށެވެ. ކޮންމެ 20 މީޓަރަކުން މަގުބައްތި ވެސް ބަހައްޓާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ވެސް ބްރިޖްގެ ލޭންތަކުގައި ވަނީ ބަހައްޓާފަ އެވެ.

ބްރިޖްގެ އިތުރު ސަލާމަތީ ކަންކަމަށް ތަނުގެ ޓްރެފިކް ބަލައްޓާނެ ގޮތްތައް ޓްރެފިކް ފުލުހުން މިހާރު އެކުލަވާލަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ.