ރޭޕްގެ މައްސަލަތައް ބޮޑު އިންޑިއާގައި އަނެއްކާވެސް އަންހެނަކު ރޭޕްކޮށްގެން ބަޔަކު ހައްޔަރުކޮށްފި އެވެ. އުމުރުން 32 އަހަރުގެ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ކްރިސްޓިއަނު ދެ ފާދިރީންނެވެ. އެ ދެ ފާދިރީން ހައްޔަރުކުރީ އަމިއްލައަށް ފުލުހަށް ހާޒިރުވުމުންނެވެ.
އެ މައްސަލާގައި އަދި އިތުރު ދެ ފާދިރީއަކު ދަނީ ހޯދަމުންނެވެ. އޭގެ ތެރެއިން އެކަކު މިއަދު އަމިއްލައަށް ފުލުހަށް ހާޒިރުވާނެ ކަމަށް ބުނެފައިވާއިރު، އަނެއް މީހާ ވަނީ ފިލާފަކަމަށް މައުލޫމާތު ލިބެ އެވެ.
މި ރޭޕްގެ މައްސަލަ ފެންމަތިިވި އިންޑިއާގެ ސްޓޭޓް، ކެރެލާގެ ހައިކޯޓުން ވަނީ މިހާރު ހައްޔަރުގައި ތިބި ތިން ފާދިރީން ކަފާލާތުގެ ދަށުން ދޫކޮށް ނުލާނެ ކަމަށް ބުނެފަ އެވެ. އެ ތިން ފާދިރީންގެ މައްޗަށް ވަނީ އެ އަންހެން މިހާއަށް ބިރުދައްކާއި ބްލެކްމެއިލްކޮށްގެން ގަދަކަމުން އޭނާއާއެކު ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުކޮށްފަ އެވެ.
ފުލުހުންނާއި ހަމައަށް މި މައްސަލަ ދިޔައީ އެ އަންހެން މީހާގެ ފިރިމީހާއަށް އެ ފާދިރީންތައް އޭނާއަށް ބިރުދައްކާއި ބްލެކްމެއިލްކުރިކަން ފަޅާއެރުމުންނެވެ. އޭނާގެ ފިރިމީހާ ވަނީ މިކަން ފާޅާއެރުމުން މި ފާދިރީން މަސައްކަތްކުރާ ކްރިސްޓިއަނު ފައްޅީގެ އޮފިޝަލުންނަށްވެސް އެކަން އަންގާފަ އެވެ.
ނަމަވެސް އެ ފަރާތުން އެމީހުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވާކަމަށްވެ އެވެ. އެ އަންހެން މީހާގެ ފިރިމީހާއާއި ފައްޅީގެ އޮފިޝަލުން ވާހަކަދައްކާ އޯޑީއޯވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި ބުނާގޮތުން އެ ފާދިރީންތައް އެ އަންހެން މީހާއަށް ޖިންސީ ގޯނާކުރަން ފެށީ އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. އެނާއަށް ފުރަތަމަ ޖިންސީ ގޯނާ ކުރީ އެ ފައްޅީގައި މަސައްކަތްކުރާ އެއް ފާދިރީއަކު އެވެ. އެ ފާދިރީ މީހާ އޭނާއަށް ޖިންސީ ގޯނާކުރާ ވާހަކަ އެހެން ފާދިރީއެއް ގާތު ބުނުމުން އެ ފާދިރީ މިހާވެސް އެނާއަށް ބިރުދައްކާ ޖިންސީ ގޯނާކޮށްފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވެ އެވެ.
އެ އަންހެން މީހާ ބުނީ އޭނާ އެހީ ހޯދަން ކޮންމެ ފާދިރީއެއް ގާތަށް ދިއުމުންވެސް އެ ހުރިހާ މީހުންވެސް އޭނާއަށް ޖިންސީ ގޯނާކުރި ކަމަށެވެ. އަދި އެ ވާހަކަ އެހެން މީހެއް ގާތުގައި ދައްކައިފިނަމަ މުޖުތަމައުގެ ތެރެއަށް ފަލީހަތްކޮށްލާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށްވެސް ބުންޏެވެ.
އެ އަންހެން މީހާގެ ވާހަކަތަކުން ހާމަވާގޮތުގައި އެ ފާދިރީންތައް އޭނާއަށް ޖިންސީ ގޯނާ ކުރަމުން އަންނަތާ މިހާރު 16 އަހަރުވެއްޖެ އެވެ.