ހަބަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސާޗް ކޮންފަރެންސް މާދަމާ

Jul 13, 2018

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އިސްލާމީ ހޭލުންތެރިކަމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ 50 އަށް ވުރެ ގިނަ ދިރާސާ ކަރުދާހާއި އެކު މާދަމާ ފަށާނެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރީސާޗް ކޮންފަރަންސް ކުރިޔަށް ގެންދިޔުމަށް އައިޔޫއެމް އާއެކު އެމެރިކާގެ އިންޓާނޭޝަނަލް އިންސްޓިޓިއުފް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ) ވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އޭގެ އިތުރުން ޕާކިސްތާނުގެ ރިފާ އިންޓާނޭޝަނަލް ޔުނިވާސިޓީއާއި އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމް އާބާދު ވެސް މަހާސިންތާގައި ބައިވެރިވެ އެވެ. މާދަމާ އިން ފެށިގެން އާދީއްތަ ދުވަހާ ހަމަޔަށް ކުރިޔަށްް ގެންދާ އެ މަހާސިންތާގެ ޝިއާރަކީ "ތޯޓް، ކަލްޗާ އެންޑް ސިވިލައިޒޭޝަން އިން ބިލްޑިން ޕީސް، ހާމަނީ އެންޑް ޓޮލަރެންސް އިން ސައުތު އޭޝިޔާ" އެވެ.

އެ މަހާސިންތާއަކީ، ރާއްޖޭގައި ބާއްވާ އިލްމީ މަހާސިންތާތަކުގެ ތެރެއިން އެންމެ ގިނަ އިލްމީ ދިރާސާ ކަރުދާސް ހުށަހަޅާނެ މަހާސިންތާ އެވެ. އެގޮތުން، ޖުމްލަ 43 ދިރާސާ ކަރުދާހެއް ހުށަހަޅާ އިރު އޭގެ ތެރޭގައި ބޭރުގެ އެކި ގައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 37 ކަރުދަހަކާއި ރާއްޖޭގެ ހަ ބޭފުޅަކު ހުށަހަޅުއްވާ ކަރުދާސް ހިމެނެއެވެ.

"މިފަހަރުގެ ކޮންފަރެންސްގެ ވަރަށް ބޮޑު ކުރިއެރުމެއް މިއީ ބޭރުގެ މިހާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތުން،" އައިޔޫއެމްގެސެންޓަ ފޯ ރިސާޗް އެންޑް ބަޕްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވި އެވެ. "މިފަހަރު މިއޮތީ ވަރަށް ފުޅާޓޮޕިކެއް، ސައުތުއޭޝިޔާ ރީޖަންގައި ޕީސްއާއި، އިސްލާމީ ވިސްނުންތައް އިތުރު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަތުން. މީގައި ޓޮޕިކްގައިވާ ހުރިހާ ދާއިރާއަކުން ވެސް ޕޭޕަރު ހުށަހެޅޭނެ،"

ބޭރު ގައުމުތަކުން ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ދިރާސާ ކަރުދާސްތައް ހުށަހަޅުއްވައިދެއްވާ ބޭފުޅުންގެ އިތުރަށް ޕެނަލް މޮޑެރޭޓްކުރައްވާ ބޭފުޅުންނާއި، ހުޅުވުމުގެ ރަސްމިއްޔާތުގައި ކީނޯޓްދެއްވާ ބޭފުޅުންވެސް ވަޑައިގަންނަވަ އެވެ. އެގޮތުން ބޭރުގެ މައިގަނޑު 12 ގައުމުކުން މިފަހަރުގެ މަހާސިންތާއަށް ބޭފުޅުން ވަޑައިގަންނަވާނެ އެވެ.

މަހާސިންތާގައި ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ދާއިރާކުގެ ތެރޭގައި އިސްލާމީ ވިސްނުމާއި، ސަގާފަތާއި، ހަލޯރަތުގެ ދައުރާއި، ކުރިއަރަމުންދާ އިގްތިސާދީ އަދި މާލީ ނިޒާމާއި، ބަދަލުވަމުންދާ ސިޔާސީ ނިޒާމާއި ތައުލީމީ ދާއިރާ ބައްޓަންކުރުމާއި އިޖްތިމާއީ އިގްތިސާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަދި ދީންތަކުގެ މެދުގައި ހަމަޖެހުމާއި ސުލްހަވެރިކަން ހިފެހެއްޓުންފަދަ ދާއިރާތައް ހިމެނެ އެވެ.

މިފަހަރުގެ މަހާސިންތާގައި ރެކޯޑް އަދަދަކަށް މީހުންވަނީ ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައި އެވެ. އެގޮތުން މިހާރު ބަވެރިވުމުގެ ހުޅުވާލާފައިވާ ޖާގަ ވަނީ ފުރިފައެވެ. 2016 އިން ފެށިގެން ކޮންމެ އަހަރަކު އައިޔޫއެމްއިން ބާއްވަމުން އަންނަ އިސްލާމީ ހޭލުންތެރިކަމާއި ބެހޭ ބައިނަލްއަގުވާމީ މަހާސިންތާގެ މަގްސަދަކީ، ދިރާސާކުރުމުގެ ސަގާފަތެއް ތައުލީމީ ދާއިރާގައި އަށަގަނެވުމާއި ދިނީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމާއި ގުޅޭގޮތުން އިލްމީ ނަޒަރިއްޔާއިން ވިސްނާ ބަހުސްކުރުމުގެ ވެއްޓެއް ގާއިމު ކުރުމެވެ. އަދި ބޭރު ދުނިޔޭގެ އިސްލާމީ ޔުނިވާސިޓީތަކާއި ގުޅިގެން އިލްމީ ދިރާސާކުރުމުގެ މަސައްކަތް ފުޅާކުރުމަކީ ވެސް މި މަހާސިންތާގެ މަގްސަދެކެވެ.

ކޮންފަރެންސް ބޭއްވި ފުރަތަމަ އަހަރު 150 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވިއެވެ. އިސްލާމިކް ފައިނޭންސާއިބެހޭގޮތުން މިދިޔަ އަހަރު ބޭއްވި ކޮންފަރެންސްގައި 200 ވަރަކަށް ބޭފުޅުން ބައިވެރިއެވެ.