ރިޕޯޓް

12 ދާއިރާގެ ބަސްނެތި އަހަރު ދުވަސް!

ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ދިމާވި އަދި މިއަދާ ހަމަޔަށްވެސް އެކަމަކަށް ހައްލު ނުލިިބިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މެމްބަރު ކަމާމެދު ސުވާލު އުފެދިފައިވާ މައްސަލައެވެ. އެއް ބަޔަކަށް އެ ގޮނޑިތަކެއް ނުގެއްލެއެވެ. އަނެއް ބަޔަކަށް އެގޮނޑިތައް ގެއްލިއްޖެއެވެ. އެ 12 ދާއިރާގެ ރައްޔިތުން ތިބީ ވާނުވާގަ އެވެ. ސަރުކާރާއި، ބައެއް މުއައްސަސަތާތަކުން އެ ގޮނޑިތަށް ގެއްލިފައިވާ ކަަމަށް ބުނާރު، އެ މެމްބަރުންނާއި، އިދިކޮޅު ފަރާތްތަކުން، އަދި ބައިނަލް އަގުވާމީ މުޖުތަމައު ގަބޫލު ކުރާ ގޮތުގައި އެ ގޮނޑިތަކެއް ނުގެއްލެ އެވެ.

ގޮނޑި ގެއްލިފައިވާކަމަށް ބުނާ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނާއި، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި، ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.

މި މައްސަލަ ފެށިގެންއައި ހިސާބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެކަމަށް ތާއީދުކޮށް، މަޖިލީހަށް ހުށަހެޅި ގަރާރުގައި އެ 12 މެމްބަރުން ސޮއި ކުރި ހިސާބެވެ. އެ 12 މެމްބަރުން ސޮއި ކުރި އިރުވެސް އޭގެ ތެރެއިން އަމީތު އާއި، ސައުދު ހުސައިނާއި، މުހައްމަދު ވަހީދުގެ އިތުރުން އަބުދުއްލަތީފު ވަނީ ޕީޕީއެމްއިން ވަކިކޮށްފަ އެވެ. މަޖިލީހުގެ ރައީސްގެ މަގާމު ދިފާއު ކުރުމުގެ ގޮތުން މަޖިލީހުގެ ގަވައިދުވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ބަދަލު ކުރިއެވެ. އެގޮތުން ކުރިން 15 މެމްބަރުންގެ ސޮޔާއެކު ހުށަހެޅޭ އިތުބާރު ނެތްކަމުގެ މައްސަލަ ފަހުން 42 މެމްބަރުންގެ ސޮޔާއެކު ހުށަހެޅޭގޮތަށް ބަދަލު ކުރި އެވެ.

އެ 12 މެމްބަރުންނާއެކު، އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ފޮރޮޅުނެވެ. އެގޮތުން ޖުމްލަ 45 މެމްބަރުންގެ ސޮޔާއެކު އެ ޕެޓިޝަން ހުށަހެޅުމުން ސަރުކާރު ޕްރެޝަރަށް ވެއްޓުނެވެ. އަދި ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް، ފްލޯ ކޮރޮސްކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕުރީމްކޯޓަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ. އެމައްސަލަ ހަމަ އެދުވަހު ނިމިގެން އައި އިރު އޮތީ ސަރުކާރުން ބޭނުންވި ގޮތަށެވެ.

މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން 13 ޖުލައިގައި 2017 ގައި ހުކުމް ކުރިއެވެ.

އެ ހުކުމުގައި މާޒީގައި ހިނގާފައިވާ ކަމަކަށް ރިއާޔަތް ނުކުރެވޭނެ ކަމަށާއި، އެ ހުކުމް ހިނގާނީ 13 ޖުލައި 2017 އިގެ ފަހުން ހިނގާ ކަންކަމަށް ކަމަށް ބަޔާން ކޮށްފައިވެއެވެ. މި 12 މެމްބަރުންނަށް ބަލާލާއިރު، އެ 12 މެމްބަރުންނަކީ ވެސް 13 ޖުލައި 2017 ގެ ކުރިން ޕީޕީއެމްއިން ވަކިކޮށްފައިވާ ނުވަތަ ވަކިވާން ހުށަހަޅާފައިވާ މެމްބަރުންނެވެ. ޕީޕީއެމްގެ އަސާސީ ގަވައިދު އަދި ގާނޫނު އަސާސީ ބުނާ ގޮތުން، އެއްވެސް މެމްބަރަކު ޕާޓީގައި ގަދަކަމުން ނުބެހެއްޓޭނެއެވެ. އަދި ޕާޓީއިން ވަކިވާން އެދޭ ހިސާބުން އެ މެމްބަރަކު ޕާޓީން ވަކިވީއެވެ. ރައްޔިތުންގެ މަޖިލީހުން ފަހުން ވަނީ ސުޕުރީމްކޯޓުގެ ހުކުމުގައިވާ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

ރައީސް ޔާމީން ތަސްދީގު ކުރެއްވި އެ ގާނޫނަކީ ސައްޙަ ގާނޫނެއް ކަމަށް ސުޕުރީމްކޯޓުން ވެސް ވަނީ ނިންމާފައެވެ. މަޖިލީހަށް ވަތް މައްސަލައެއްގައި، ހައިސިއްޔަތު ނެތްތަނަކަށް ވަތް ކަމަށްބުނެ މީގެ ތެރެއިން ބައެއް މެމްބަރުންގެ މައްޗަށް ދައުވާވެސް ވަނީ އުފުލާފަ އެވެ.

އެ ގޮނޑިތައް ގެއްލުނަސް އަދި ނުގެއްލުނަސް ގާނޫނީ ބޮޑު ހުސްކަމެއްގެ ތެރޭގައި މަޖިލީސް އޮންނަތާ އަހަރުވީ އެވެ. އެ 12 މެމްބަރުންނަކަށް މަޖިލީހަކަށް ނުވަދެވެ އެވެ. އެ ދާއިރާތަކުގެ ރައްޔިތުންގެ ބަހެއް އިއްވާނެ ފަރާތެއް މަޖިލީހުގައިނެތި އަހަރު ދުވަސްވެގެން ދިޔަ އިރު، ބޮޑެތި ނިންމުންތަކެއް އަދިވެސް މަޖިލީހުން ދަނީ ނިންމަމުންނެވެ. އެ ދާއިރާތަކުގެ ރައްޔިތުންގެ އެތަކެއް ހައްގެއް ގެއްލިފައިވާއިރު، އެކަމަށް ދޭން ޖެހޭ ގާނޫނީ ފަރުވާ އަދިވެސް މިއޮތީ ނުދެވިއެވެ.

މި މައްސަލާގައި ދައުލަތުގެ ތިން ބާރުވެސް މިއޮތީ ފެއިލްވެފައެވެ. މި މައްސަލައަށް އަހަރުވެގެން ދިޔަ އިރުވެސް ގާނޫނުގައި ވާގޮތަށް، މި ދާއިރާތަކުގެ ބައި-އިލެކްޝަނެއް ބާއްވާފައެއް ވެސް ނުވެ އެވެ. އަހަރު ވެގެންދިޔައިރު އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާއަށް ސާފު ހުކުމެއް ނުނެރެ އެވެ.

ފެބްރުއަރީ 1 ގެ އަމުރުގައި ގޮނޑި ނުގެއްލޭ ކަމަށް ނިންމިއެވެ. އޭގެ ހަފުތާއެއް ނުވަނީސް އެ ބަޔަަށް އަމަލުކުރުން ފަސް ކުރިއެވެ. އަދިވެސް އެބަޔަކު ބޭނުން ގޮތަކަށް ހުކުމްތަށް މާނަ ކުރަނީއެވެ.

އެ މެމްބަރުން މިހާރުވެސް ގަބޫލު ކުރަނީ އެ 12 ގޮނޑީގެ ތެރެއިން އެއްވެސް ގޮނޑިއެއް ނުގެއްލޭ ކަމަށެވެ. ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރަނީ ގޮނޑިތަށް ގެއްލިފައިވާ ކަމަށެވެ. ގާނޫނީ ހުސް ކަމެއް ތެރޭ މަޖިލިސް އޮތް އިރު، އަދި އިލެކްޝަންސްއިން އެގޮތަށް ގަބޫލު ކުރާއިރު، އެ ދާއިރާތަކުގެ ބައި-އިލެކްޝަން ގާނޫނުން ލާޒިމް ކޮށްފައިވާއިރު ވެސް، ނުބާއްވަނީ ކީއްވެބާއެވެ؟

ގާނޫނު އަސާސީ ނެެގެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ސުޕުރީމްކޯޓަށް މި މައްސަލަ ހުށަހަޅާފައިވާއިރު، މިކަމުގައި ސާފު ނިންމުމެއް ނުނިންމާ ލަސްވަނީ ކީއްވެބާއެވެ؟

ދިވެހި ރާއްޖޭގެ އާބާދީގެ 20 ޕަސެންޓާ ގާތް ކުރާ އަދަދަކަށް ރައްޔިތުންގެ ބަހެއްނެތި، ރައްޔިތުންނާއި ގުޅުންހުރި ބޮޑެތިކަންކަން މަޖިލީހުގެ ތެރެއިން ނިންމަމުންދާއިރު، އެ ނިންމުންތަކުގެ ސައްޙަ ކަމާއިމެދުވެސް ގާނޫނީ ބޭފުޅުން ސުވާލު އުފައްދައެވެ. ގައުމުގެ ސިޔާސީ ހަމަޖެހުމާއި، ތަރައްގީއާއި، މުސްތަގުބަލަށް މި 12 ގޮނޑިތަކާ މެދު އަވަސް ނިންމުމެއް ނިންމުން ލާޒިމްވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެ 12 ދާއިރާގެ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި، ރައްޔިތުންވެސް އިންތިޒާރު ކުރަމުން މިދަނީ ސުުރީމްކޯޓުގެ ނިންމުމަށެވެ.