ގާނޫނުއަސާސީގެ 261 ވަނަ މާއްދާގައި ބުނަނީ، ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ ރައްޔިތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައި ކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސް ކުރާ ގާނޫނަކުންނެވެ. މިހާރުގެ މަޖިލީހުން ނަމަ 85 މެންބަރުންގެ ތެރެއިން 63 މެންބަރުން އެއްބަސްވެއްޖެ ނަމަ ގާނޫނު އަސާސީ ބަދަލު ކުރެވިދާނެ އެވެ.
އެ އަދަދަކީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ހޯދުނު އަދަދެއް ނޫނެވެ. ނަމަވެސް ތަފާތު ގޮތްގޮތަށް މެންބަރުން އުފުރާލައިގެން މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާނޫނު އަސާސީއަށް ބައެއް އިސްލާހުތައް ގެނަ އެވެ. އެއީ 63 މެންބަރުން ނުވަތަ އެއަށް ވުރެ ވެސް ގިނަ މެންބަރުންގެ އަގުލަބިއްޔަތުން ކަންކަން ފާސްކޮށްގެން އެވެ.
އެއް ގާނޫނަކީ މިހާރު އެންމެ މަޝްހޫރު އެއް މައްސަލައެއް ކަމަށްވާ ބޭރު ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހެވެ. އޭރު ރައްޔިތުންގެ މަޖިލީހުން ފެނިގެން ދިޔައީ ވެސް އާދަޔާ ހިލާފު މަންޒަރުތަކެކެވެ. ވާދަވެރިކަން ބޮޑު ޕީޕީއެމް އާއި އެމްޑީޕީ އެއް ގަލަކަށް އަރައި، 70 މެންބަރުންގެ އަގުލަބިއްޔަތާއެކު ގާނޫނު އަސާސީ އިސްލާހު ކުރީ އެވެ.
ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ އުމުރަކީ 30-60 ކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް އިސްލާހު ކުރުމަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ވެސް ތާއީދު ކުރި އެވެ. ޖޫން 24، 2015 ގައި ބޮޑު އަގުލަބިއްޔަތަކުން އެ އިސްލާހު ވެސް ފާސްވެގެން ދިޔަ އެވެ. އެކަމަކު މި ބަދަލުތައް ގާނޫނު އަސާސީއަށް ގެނައީ، ބަލަން ޖެހޭ ވަރަށް ނުބަލަ އެވެ. ގާނޫނު އަސާސީއާ ކުޅެލީ އެއްވެސް ފަރުވާލެއް ނެތި އެވެ.
މާޒީގައި ހިނގައިދިޔަ އެ ދުވަސްތަކުގެ ވާހަކަތައް މިއަދު އަލުން ހަނދާނަށް ގެންނަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ސަބަބުތައް ހާހުން ގުނާލެވެ އެވެ! ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު މެންބަރުންގެ އަތަށް އަރައިފަ އޮތުމުންނެވެ. އެއާއެކު އަނެއްކާ ވެސް ރައްޔިތުން މަޖިލީހުން ގާނޫނު އަސާސީއަށް އޭރު އެ ގެނައި ބަދަލުތައް ބަދަލުކުރުމަށް މެންބަރުން ތައްޔާރުވަމުން ދާތީ އެވެ. އޭގެ ކުރިން ރައްޔިތުންނަށް މެންބަރުން ޖަވާބު ދޭންވީ ބޮޑު ސުވާލަކީ، އެގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަން ޖެހުނީ ކީއްވެ ހެއްޔެވެ؟
ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމަށް އޭރު ވެސް މަޖިލީހުގައި ތިއްބެވި ބައެއް އެމްޑީޕީ މެންބަރުން ދެކޮޅު ހެއްދެވި އެވެ. ބޭރު ބަޔަކަށް ބިން ދޭނަމަ އޭގެން ރާއްޖޭގެ މިނިވަންކަމަށާއި އިންޑިޔާ ކަނޑުގެ ސަލާމަތަށް ހުރި ނުރައްކާ އޭރު ވެސް އެނގިވަޑައިގަންނަވަ އެވެ. ރައިސާއި ނައިބު ރައީސްގެ މަަގާމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރި އިރު އޭރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމާ ދެކޮޅު ހައްދަވާކަން ވެސް މެންބަރުންނަށް އެނގިވަޑައިގަންނަވަ އެވެ. އަދި އެއީ ސީދާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު އަދީބަށް ނައިބު ރައީސްކަން ދިނުމަށް ގެނެވުނު އިސްލާހެއްކަން އެނގިތިބެ، ޑީލު ހަދައިގެން އެމްޑީޕީ އަދި ޖޭޕީ އިން ވެސް ރުހިގެން ގާނޫނު އަސާސީއަށް ގެނައި ބަދަލެކެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތްތަކެވެ.
މިއަދާއި އެ ދުވަހަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ހަމަ އެއް މެންބަރުންތަކެކެވެ. ބަދަލުވީ ވަގުތާއި ހާލަތެވެ. ދެން ބަދަލުވާން އުޅެނީ ސަރުކާރެވެ. ސުވާލަކީ އެ ބަދަލުތަކާއެކު މެންބަރުންގެ ނިޔަތަށް މިއައީ ކޮން ބަދަލެއް ހެއްޔެވެ.
"ބަތަލުންގެ" ޝަރަފު ހޯއްދަވައިގެން ތިއްބެވި 12 މެންބަރުންނާ އެކު މަޖިލީހުގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުންނަށް މިއަދު މަޖިލީހުގައި އޮތީ އާދަޔާ ހިލާފު ބާރެކެވެ. ބައެއް މެންބަރުންނަށް މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ނުލިބުނު މިނިވަން ކަމެކެވެ. ހަގީގަތަކީ ވެސް މަޖިލީހުގެ ބާރުތައް ކަނޑުވާލައި ތަޅު އަޅުވާފައި އޮއްވާ މިއަދު މަޖިލީސް މިނިވަން ކުރެވުނީ ބޮޑު ހަނގުރާމައެއް އެ މެންބަރުން ކުރައްވައިގެންނެވެ.
ނަމަވެސް މަޖިލީސް ބާރުތައް އަލުން ގެނެސް މެންބަރުން "ކަސްތޮޅުތަކުން" ނެއްޓިގެން އުޅެން ފަށާފައިވާއިރު އުފެދޭ ސުވާލަކީ، މަޖިލިސްގެ ބާރުތައް އަލުން ލިބުމުން ކަންކަން ކުރާނީ ހެޔޮ ނިޔަތުގައި ހެއްޔެވެ؟ މަޖިލީހުގެ އަގު ވައްޓާލުމާއި ބާރުތައް ކެނޑިގެން ދިޔުމުގެ ފަހަތުގައި ތިބޭފުޅުންގެ ތެރެއިން އެތަށް މެންބަރުންނެއް އެބަ ތިއްބެވި އެވެ. މުޅި ގައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި ނިޒާމް ކިލަނބުވެގެން ދިޔައީ ތިޔަ މެންބަރުންގެ އަތް ދަށުންލައިފަ އެވެ.
ކުރިން ވެސް އިހުލާސްތެރިކަން އިސް ކުރި މެންބަރުންނާއި އަދި އަބަދުވެސް އަމިއްލަ ފައިދާ އިސް ކުރި ބައެއް މެންބަރުން މިހާރު ވެސް އެބަތިއްބެވި އެވެ. އަބުރުގެ ގާނޫނުން ނޫސްވެރިންގެ އަނގަމަތީ ޓޭޕު އަޅައި އެންޓި ޑިފެކްޝަނުން މެންބަރުންގެ ގޮނޑި ގެއްލުވާލާ، އެއްވެ އުޅުމުގެ ގާނޫނު ވެސް ބަދަލުކޮށް ޝުއޫރު ފާޅު ކުރުން ނިމުމަކަށް ގެނެސް ކުއްލި ނުރައްކަލުގެ ހާލަތު ވެސް ދަމަހައްޓަން ބަހުސްކޮށް ބޮޑުތަނުން އާނއެކޭ ބުނި މެންބަރުން ވެސް އަަދިވެސް މި މަޖިލީހުގައި އެބަތިއްބެވި އެވެ. އޭގެ ބައެއް މެންބަރުން މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި "ކޮނޑުގައި ފަސް ތަރި" ޖަހައިފި އެވެ. ނަމަވެސް އެ މެންބަރުންގެ މާޒީ އޮތީ ކިލަނބުކަން މަތީގަ އެވެ. މާފަށް ވުރެ ދުރުގަ އެވެ!
ގާނޫނީ މާހިރުން ބުނާ ގޮތުން ގާނޫނު އަސާސީ ބަދަލު ކުރުމަށް އެހާ ގިނަ އަދަދެއްގެ މެންބަރުންގެ އަގުލަބިއްޔަތު ބޭނުންވާ ގޮތަށް ގާނުނު އަސާސީ ފަރުމާ ކުރީ ތަފާތު ފިކުރުގެ ވީހާ ވެސް ގިނަ މެންބަރުންނަށް ވެސް އެއްބަސްވެވޭ ގޮތަކަށް ގާނޫނުތައް ބަދަލު ކުރުމަށެވެ. ވީހާ ވެސް ގިނަ ރައްޔިތުންގެ ހިޔާލާއި ފިކުރާއި ބަސް އެކަމުގައި ހިމެނޭ ގޮތަށް އިސްލާހު ކުރުމަށެވެ. އޭގެ ބޭނުމަކީ ސިޔާސީ ގޮތުން އަމިއްލަ މަންފާއެއް ހޯދުމަށް ވައި ހުރި ކޮޅަކަށް ހިތުހުރި ގޮތަކަށް
ގާނޫނު އަސާސީއާ ކުޅުމަށް ލިބޭ ގްރީން ކާޑެއް ނޫނެވެ.
މިއަދު ގާނޫނު އަސާސީ ބަދަލު ކުރެވޭހާ ބޮޑު ބާރެއް މެންބަރުންގެ އަތަށް ލިބިގެންދާއިރު އެ މެންބަރުންގެ ކޮނޑުގައި އެޅޭ ޒިންމާ ވަރަށް ބޮޑެވެ. މާޒީ ދެން ބާއްވަމާ ހިނގާށެވެ. ނަމަވެސް އިހުލާސްތެރިކަން ހުރި މިންވަރު މެންބަރުން ސާބިތުކޮށްދޭން އެބަ ޖެހެ އެވެ. އެކަން ކުރާނީ ބާރު އަތަށް ލިބުމުން އެއް މެންބަރެއް އަނެއް މެންބަރަކާ ބަދަލު ހިފުމާއި މަލާމާތާއި ފުރައްސާރަތައް ހިފައިގެން މަޖިލީހުގައި ސަކަރާތް ޖަހައިގެނެއް ނޫނެވެ. އިންސާފާއި ހަމަހަމަކަން އިސްކޮށްގެން ހެޔޮ ވެރިކަމެއް ޖާގަ ދިނުމާއި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިންނެވެ. ސިޔާސީ ތަޅާފޮޅުންތަކާ ދުރު، އެއްބައިވަންތަ ގައުމެއް ބިނާ ކުރަން އެހީވެގެންނެވެ. މިހުރިހާ ކަމެއްގައި ގައުމު އެދި ގޮތަނީ މަޖިލިސް މެންބަރުންގެ އެހީއަށެވެ.