ހަބަރު

ޔޫކޭ ވިސާ އަންނަ މަހު ރާއްޖޭން ދޫކުރަނީ

Jul 14, 2018

އިިނގިރޭސިވިލާތަށް ދިވެހިން ދިއުމުގެ ވިސާ އެޕްލިކޭޝަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލައިގަތުމުގެ ވަގުތީ އިންތިޒާމް ހަމަޖައްސައިފި އެވެ.

އިނގިރޭސި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއް ބުނެފައިވާ ގޮތުން އަންނަ މަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހުގެ ހެނދުނު 9.00 އިން ހަވީރު 5:30 އާ ހަމައަށް ވިސާ އެޕްލިކޭޝަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ އެގޮތަށް ހަމަޖެއްސީ އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިންނަށާއި އެ ގައުމުން ތައުލީމް ހާސިލްކުރަން ދާ ދަރިވަރުންނަށް ވިސާ ހޯދުމުގައި ލުއި ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި މި ވަގުތީ އިންތިޒާމުގެ ދަށުން، ވިސާ ހޯދުމަށް ހުށަހަޅާ ދިވެހި ދަރިވަރުންނަށް އިންޓިވިއުއަކާ ނުލާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ ކަމަށް އިނގިރޭސި ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އާންމު ގޮތެއްގައި ޔޫކޭ ވިސާ ޖެހުމަށް ދިވެހިން ދާން ޖެހެނީ ސްރީލަންކާގައި ހުންނަ އިނގިރޭސި އެމްބަސީއަށެވެ. މި ވަގުތީ ހިދުމަތް ކުރިއަށްދާ މުއްދަތުގައި ވެސް، ލަންކާއިން ވިސާ ޖައްސަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.