އިސްލާމީ އުންމަތަށް އޮތް ނުރައްކާތަކުން އަރައިގަތުމަށް އެންމެ މުހިންމީ އެއްބައިވަންތަވުން ކަމަށް ނައިބު ރައީސް އަބުދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
އިސްލާމީ ޔުނިވާސިޓީގައި މިއަދު ހެނދުނު ފެށި ތިންވަނަ އިސްލާމީ ހޭލުންތެރިކަމުގެ ބައިނަލްއަގްވާމީ މަހާސިންތާ ޝަރަފްވެރިކޮށްދެއްވައި، ނައިބު ރައީސް ޖިހާދު ވިދާޅުވީ، އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަނެ، އިސްލާމީ އުއްމަތުގެ ކުރިއެރުމާއި ލާބައަށް ނުހަނު މުހިންމުކަމެއް ކަމަށެވެ.
ތިންވަނަ އިސްލާމީ ހޭލުންތެރިކަމުގެ ބައިނަލްއަގްވާމީ މަހާސިންތާ އަކީ އިސްލާމީ ޔުނިވަސިޓީ އާއި އިސްލާމިކް އިންސްޓިޓިއުޓް ފޯ އިސްލާމިކް ތޯޓްސް ގުޅިގެން ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގެ މައުލޫއަކީ "ސުލްހައާ ހަމަޖެހުމާއި ތަހައްމަލުކުރުން ދެކެނު އޭޝިޔާގައި ގާއިމުކުރުމުގައި އިސްލާމީ ފިކުރާއި ސަގާފަތާއި ހަޟާރަތުގެ ދައުރު" އެވެ.
ނައިބު ރައީސް ޖިހާދު ވިދާޅުވީ، މި މަހާސިންތާގެ މައުލޫއަކީ މުޅި އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ހެދުމައްޓަކައި މަޝްވަރާކުރަން އެންމެ ރަނގަޅު އެއް މައުލޫ ކަމަށެވެ.
"އަދުގެ ދުނިޔޭގައި ދިމާވާ އެންމެ ނާޒުކު އެއް މައްސަލައަކީ ދޭދޭ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ތަހައްމަލުކުރުމުގެ ރިވެތި ސިފަ ނެތުމުގެ ސަބަބުން ދުނިޔޭގައި ސުލްހަވެރިކަން ގެއްލި ހަމަނުޖެހުން އާންމުވެފައިވުން،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖެ މިހާރު ގުނަމުން މިދަނީ ޒަމާނީ ޑިމޮކްރަސީގެ ދުވަސްތަކެއް ކަމަށާއި މިއަދު މި ފެށޭ މަހާސިންތާގައި މަޝްވަރާކުރެވޭ މައުލޫއަކީ ރާއްޖޭގެ މިހާރުގެ ހާލަތާ ވަރަށް ގުޅުން ހުރި މައުލޫއެއް ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ގާނޫނެއް ބިނާވެފައިވާނީ އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއަތުގެ މައްޗަށް ކަމަށެވެ.
"މިކަން އެންމެންވެސް ހަނދާނުގައި ބަހައްޓަންޖެހޭ، މިކަމުން ވެސް ދޭހަވަނީ ރާއްޖެއިން އިސްލާމްދީނަށް އަހައްމިއްޔަތުކަން ދޭ މިންވަރު" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޒިންމާދާރުކަމާއެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމަށާއި ހިޔާލުފާޅުކުރުމުގެ މަގުސަދަކީ އިހުތިރާމްކޮށްގެން ކެތްތެރިކަމާއެކު އެކަކު އަނެކަކު ގުޅިގެން އުޅޭ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.