ހަބަރު

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Jul 14, 2018

އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ ފަސް ވަނަ މާއްދާގައިވާ ގޮތުން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި އަށް ޝަރުތެއް ހަމަވާން ޖެހެ އެވެ. އެގޮތުން މުސްލިމެއް ކަމުގައިވުމާއި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި އުރުމުން 25 އަހަރު ވާން ޖެހެ އެވެ.

އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަހެއް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތެއް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމެވެ.

މީގެ އިތުރުން ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއް ކަމުގައިނުވުމާއި ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރު ވެފައިވާ މީހެއް ކަމުގައި ނުވުމެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުމެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރާއި ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމުގެ އިތުރުން ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ ހުށަހަޅަން ޖެހޭނެ ކަމަށް ރައީސް އޮފީހުގެ އިއުލާންގައި ވެއެވެ.

ރައީސް އޮފީހުން ބުނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ލިޔެކިޔުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ރައީސް އޮފީހުން ކަމަށެވެ. މިކަމާ ގުޅޭ ފޯމްތަކާއި އިގްރާރްތައް ރައީސް އޮފީސް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އިއުލާންގައި ވެއެވެ.