ޗެލްސީ

ޖޯޖީނިއޯ ޗެލްސީއަށް ސޮއިކޮށްފި

Jul 14, 2018

އިޓަލީގެ ނަޕޯލީގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ޖޯޖީނިއޯ ޗެލްސީއަށް ބަދަލުވެއްޖެ އެވެ. ޖޯޖީނިއޯ ހޯދަން އެންމެ ބޮޑަށް ފާރަލަމުން ދިޔައީ މެންޗެސްޓާ ސިޓީ އެވެ.

ބްރެޒިލްއަށް އުފަން ޖޯޖީނިއޯ ޗެލްސީއަށް ބަދަލުވި އިރު ނަޕޯލީގައި އޭނާއަށް އެހީވެދިން ކޯޗް މައުރީޒިއޯ ސާރީ ވަނީ ޗެލްސީގެ ހެޑް ކޯޗް ކަމާ ހަވާލުވެފަ އެވެ. އާ ކޯޗް ސާރީ އެންމެ ބޮޑަށް ބޭނުންވާ އެއްކުޅުންތެރިޔަކަށް ވެފައި ވަނީ ވެސް ޖޯޖީނިއޯ އެވެ. ޗެލްސީން ޖޯޖީނިއޯ ހޯދީ 50 މިލިއަން ޕައުންޑަށްވުރެ މަތީ އަގެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ޗެލްސީއަށް ސޮއި ކުރީ ފަސް އަހަރު ދުވަހަށެވެ. އޭނާ ޗެލްސީގައި ބޭނުން ކުރާނީ ކާޓް ޒޫމާ ބޭނުން ކުރަމުން އަންނަ ފަސް ނަމްބަރު ޖޯޒީ އެވެ.

ޗެލްސީއާ ގުޅުމަށް ފަހު އޭނާ ބުނެފައި ވަނީ ޗެލްސީ ފަދަ ޔޫރަޕްގެ ބޮޑު ޓީމަކަށް ބަދަލުވެ އޭނާގެ ހިއްސާ ދެވޭތީ ވަރަށް އުފަލުން ހުރި ކަމަށާއި ޓީމާ ގުޅި ކްލަބަށް ކާމިޔާބު ހޯދައިދޭން ކެތްމަދުވެފައި ހުރި ކަމަށެވެ.

ޖޯޖީނިއޯ ނަޕޯލީއާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ނަޕޯލީ އަށް 36 މެޗު ކުޅެދީ ދެ ލަނޑު ޖެހުމުގެ އިތުރު ގިނަ އެސިސްޓްތަކެއް ކޮށްދީފަ އެވެ.