ހަބަރު

މަޝްވަރާއަށް ދިން ދައުވަތު ގަބޫލުކުރަން ސަރުކާރުން ގޮވާލައިފި

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް އެކި ފަހަރުގެ މަތިން ދެމުން އަންނަ ދައުވަތު ގަބޫލު ކުރުމަށް ސަރުކާރުން އިދިކޮޅު ޕާޓީތަކަށް ގޮވާލައިފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓިތަކުގެ ރަނިން މޭޓު ކަމަށް ހޮވިވަޑައިގަތް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްއަށް މަރުހަބާ ދަންނަވަމުން ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ އިންތިހާބަށް ހުރިހާ ފަރާތްތަކުންވަމުންދާ ތައްޔާރިތަކާއި ކެމްޕެއިން ހަރަކާތްތައް ސުލްހަވެރިކަމާއި ހަމަޖެހުމާއެކު ކުރިއަށްދާކަން ފާހަގަ ކުރާ ކަމަށާއި ކެމްޕެއިން ހަރަކާތްތަކުގެ މަސްލަހަތު ނުގެއްލޭ ގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރެއްވުމަށާއި، އިންތިހާބުގެ ކަންކަމަށް ގެއްލުންނުވާނެ ގޮތަށް އަމަލުކުރެއްވުމަށް ސަރުކާރުގެ ފަރާތުން އިލްތިމާސްކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބު މިނިވަން، އިންސާފުވެރި އަދި ކާމިޔާބު އިންތިހާބަކަށް ހެދުމުގެ ބޭނުމުގަ އާއި ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އެއްބަސްވެވޭ ހައްލެއް ހޯދުމުގެ ގޮތުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ސަރުކާރުން ގޮވާލާ ކަމަށާއި އެ ދައުވަތު ގަބޫލު ކުރެއްވެވުމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށާއި ފައިސަލްއަށް ސަރުކާރުގެ ފަރާތުން ގޮވާލާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އެފަދަ އިންތިހާބެއް ބޭއްވުމަށް ބޭރުގެ ފަރާތްތަކުން އެއްބަރުލުން ދެއްވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ގޮވާލާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ދައުވަތަށް ޖަވާބު ދެއްވަމުން އިބޫ އަދި އެމްޑީޕީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެފައިވަނީ، ކޮންގްރެސްގައި އިބޫ ކެންޑިޑޭޓެއްގެ ގޮތުގައި ދެއްކުމުން މަރުހަބާ ކިޔައި މަޝްވަރާއަށް ގޮވާލުމަކީ ވެސް ހެޔޮ ނިޔަތެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށެވެ. މާރިޔާ ވިދާޅުވީ، މަޝްވަރާތަކަށް ދާނެ ގޮތް ޕާޓީތަކުން މީގެކުރިން ވެސް އޮންނާނީ ސަރުކާރަށް އަންގާފަ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ރަސްމީ ރިޔާސީ ކެމްޕެއިން މިއަދު ވަނީ ފަށާފަ އެވެ. އިބޫ އާއި ފައިސަލް ވެސް މިހާރު ތިއްބެވީ އައްޑޫ ސިޓީގަ އެވެ. ސަރުކާރުން ވެސް ގެންދަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރަމުންނެވެ.