ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކޯލިޝަންގެ ހަތަރު ލީޑަރުން ސޮއި ކުރައްވާފައިވާ އެއްބަސްވުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.
"އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ވިދާޅުވީ، މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ކަން ކުރާނެ ގޮތް ބަޔާންކޮށް ހަތަރު ލީޑަރުން ސޮއި ކުރައްވާފައިވާ ރަސްމީ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް ސަރުކާރު އެކުލަވާލެވިގެން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަމުން ދަނީ ކުރިން ވެފައިވާ "އެރޭންޖްމެންޓްތަކަކަށް" ބަލައިގެން ކަމަށް ހޫދު ވިދާޅުވި އެވެ. ކެބިނެޓަށް ވަޒީރުން ވެސް އައްޔަން ކޮށްފައިވަނީ ހަތަރު ޕާޓީގެ ބޭފުޅުން ހިމެނޭ ގޮތަށެވެ. އަދި ސްޓޭޓް މިނިސްޓަރުން ވެސް އައްޔަން ކުރަނީ ޕާޓީތަކުގެ ބޭފުޅުންނަށް ނިސްބަތް ބަހައިގެންނެވެ.
އެއްބަސްވުމެއް ނެތް ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވެފައިވާއިރު، ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އަނެއް ތިން ޕާޓީއިން ގެންދަނީ އެއްބަސްވުމެއް އޮންނާނެ ކަމަށް ވަކާލާތު ކުރައްވަމުންނެވެ. އަދި މަޖިލީހުގައި ވާދަ ކުރާނީ އެ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވިދާޅުވަމުންނެވެ.
"އަވަސް"އަށް ވަނީ ރައީސް ސޯލިހާއި ޕާޓީތަކުގެ މަންދޫބުން ސޮއި ކުރައްވާފައިވާ ކޯލިޝަން އެއްބަސްވުމުގެ ކޮޕީއެއް ވެސް ލިބިފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ. ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެއްބަސްވުމާ އޮތް ހަމައަށް ޕާޓީތަކުން އަމަލު ކުރާ ނަމަ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.
އެހެން ޕާޓީތަކުން ދައްކާ އެއްބަސްވުމަކީ އެއްބަސްވުމެއް ނޫން ކަމަށް ރޭ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ. ޖުލައި 12 ވަނަ ދުވަހު ކޯލިޝަންގެ ބައިވެރިން އެކުވެ މަޝްވަރާކޮށް ނިންމާފައި ވާނީ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ކުރިޔަށް ދާނެ ގޮތަކާ މެދު ކަމަށެވެ. އަދި އެ ހުށަހެޅުމުގައި އޭނާ އާއި ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ސޮއި ކުރެއްވި ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެއީ އެއްބަސްވުމެއް ކަމަށް ނުދެކޭ ކަމަށާއި ގޮނޑިތައް ބަހާނެ ގޮތަކާ މެދު ވެސް އެއްބަސްނުވާ ކަމަށް ހަސަން ވިދާޅުވި އެވެ.
ރޭ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީއިން ކުރިމަތިލާން ޖެހޭނީ 35 ދާއިރާއަށް ކަމަށް އަދާލަތު ޕާޓީ އާައި ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޭ ކަމަށެވެ. ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އެމްޑީޕީއަށް ހައްގު މިންވަރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެއްބަސްވުމާ ހިލާފަށް އެމްޑީޕީއިން ވަނީ 61 ދާއިރާއަށް ކުރިމަތިލާން ބޭނުންވާ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ކޯލިޝަންގެ އެހެން ޕާޓީތަކަށް ހުށަހަޅާފަ އެވެ. ނަމަވެސް އެކަމާ އެއްބަސްވީ ހަމައެކަނި ޖުމްހޫރީ ޕާޓީއިންނެވެ. އެހެންވެ، ކޯލިޝަންއާއެކު މަޖިލިސް އިންތިހާބުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމައި، ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ފާސްކޮށްފަ އެވެ. އެގޮތަށް ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ވެސް ރައީސް ނަޝީދެވެ.