(12 ޖުލައި 2018 އާ ގުޅޭ)
ނިމްރާ ނިންމައިގެން ހުރީ މިޢުވާނާ އެއްގޮތަކަށް ވެސް ބައްދަލުނުކޮށް ވާން އޮތް ގޮތެއް އޮތިއްޔާ އެގޮތެއް ޚިޔާރުކުރާށެވެ. ހޮޓެލްގެ ރިސެޕްޝަނާ ހަމައަށް އޭނާއަށް އާދެވުނަސް އެއަށްވުރެ އެތެރެއަކަށް އޭނާއަށް ނުވަދެވޭނޭކަމުގެ ޔަގީންކަން ނިމްރާއަށް އޮތެވެ. މިވަގުތައް ހިތްހަމަޖައްސާލަން ބޭނުންވީ އެ ހަޤީޤަތް ޤަބޫލުކޮށްލައިގެންނެވެ.
ޚިޔާލުތަކަށް ގެއްލިފައި އިން ނިމްރާ ސިއްސައިގެން ދިޔައީ އޭނާގެ ފޯނުގެ ރިންގުވި އަޑަށެވެ. އަވަހަށް ފޯނަށް ޖަވާބު ދިނުމާއެކު އިވިގެންދިޔައީ އަރްސަލްގެ އަޑެވެ. މީޓިންއަކަށް އޭނާއާއި ރާދިންއާއެކު އައުމަށް އަރްސަލް އެދުނެވެ. ހުރިހާ މަސައްކަތެއް ހުއްޓާލައިފައި ނިމްރާ ތެދުވީ އެހެންވެއެވެ. އީވާއަށް ބަލާލާފައި މީޓިންއަކަށް ކަމަށް ދަނީ ބުނެލިއެވެ.
"އީވާ ގެއަށް ނުދަންތަ؟" މީޓިން ނިންމާފައި ކެބިންއަށް އައިސް ވަން ނިމްރާއަށް މަސައްކަތުގައި އުޅޭ އީވާ ފެނުމާއެކު ބުނެލެވުނީ ހައިރާންވެފައެވެ.
"ނިމް އައީމަ ދާންވެގެން މަޑުކޮށްލީ... އެހާ ބައިވަރު ފައިލް ކުރަން ވެސް އެބަހުރި" ކޮފީ މޭޒުމަތީ ހުޅުވާފައި އޮތް ފައިލާއި އޭގެ ކައިރީ ހުރި ކަރުދާސް ބޮނޑިވަރަށް އިވާ އިޝާރާތްކޮށްލިއެވެ.
"މިހާރު ފަހެއް ވެސް ޖަހައިފިއެއްނު... އެހާ އިރަށް ނުނިމެއްޖެއްޔާ ދެން މާދަމާއަށް ބަހައްޓާފައި އީވާ ގެއަށް ދިޔަޔަސް އޯކޭ، ފަހަރެއްގައި މިއަދު ވީހެން އަހަރެން ލަސްވެދާނެ، އަހަރެން އަންނަންދެން އީވާ މަޑުނުކުރިޔަސް އޯކޭވާނެ އިނގޭ" ނިމްރާ އައިސް އޭނާ މަސައްކަތް ކުރާ މޭޒުދޮށުގައި އިށީނެވެ.
"ނިމް ގެއަށް ނުދަންތަ؟" ނިމްރާ މަސައްކަތައް އެނބުރިލީހެން ހީވެ އީވާ އަހާލިއެވެ.
"އިރުކޮޅަކުން މި ދަނީ... އީވާ ކިހާ ހިސާބަކު އުޅެނީ، އެކަނި ހިނގާފަތަ ދަނީ" މޭޒުމަތި ތަރުތީބުކޮށް ދާންވެގެން އަތްދަބަސް ނެގި އީވާއަށް ބަލަން އިނދެ ނިމްރާ އަހާލިއެވެ.
"ބައްޕަ އަންނާނެ ބަލާ... މި ހޮޓެލްއަށް ކުރިމަތިލެވުނީ ވެސް އެހާވަރުން" އީވާ ދެފަރާތައް ބޯހޫރާލައިފައި ހިނިތުންވެލިއެވެ.
"ބައްޕަގެ ނުރުހުމުގައިތަ ވޯކްކުރަން އައީ" ނިމްރާ އަހާލިއެވެ.
"އެހެނެއްނޫން، ހޮޓެލްދާއިރާގައި މަސައްކަތްކުރަން ބޭނުންވަންޏާ ބައްޕަ އެދުނީ އީވާގެ އަންކަލްއެއްގެ ހޮޓެލްގައި މަސައްކަތްކުރަން އެކަމަކު އެގޮތް އީވާ ބޭނުމެއްނޫން، އަންކަލްއާ ގުޅުމެއް އޮވެގެން ޖޮބު ހަމަޖެހުނުކަން އެނގޭނެ ތަނުގައި މަސައްކަތްކުރާ އެހެން ސްޓާފުންނަށް، އަނެއްކޮޅުން އަންކަލްއާ ހެދި ނޯންނާނެ އަޅުގަނޑަށް ދިމާއަކަށް ފިޔަވަޅެއް ވެސް އެޅޭކަށް، އެކަހަލަ ސްޕެޝަލް ޓްރީޓްމެންޓެއް ބޭނުމެއްނޫން... އައި ލަވް ވޯކިން ހިއާ... ނިމްއަކީ ވަރަށް ރަނގަޅު ބޮސްއެއް، އަންހެން ބޮސްއެއްގެ ދަށުން މަސައްކަތްކުރަން ލިބުމަކީ ވެސް ތަފާތު އެކްސްޕީރިއެންސެއް" އީވާ ފޯނުން މެސެޖެއް ކޮށްލުމަށްފަހު ދައްކަމުންދިޔަ ވާހަކައާއެކު ނިމްރާއާ ހަތަރުކަޅި ހަމަކޮށްލާ ހިނިތުންވެލިއެވެ.
"ޔޯ ތިންކިންގް އިޒް ވެރީ މެޗުއާ... އެކްސްޕީރިއެންސާއެއްވަރަށް ނޮލެޖް ވެސް އެއީ މުހިންމު އެއްޗެއް، ލާން ފްރޮމް އެވްރިޑޭ، ޔޫ އާ ސްޓިލް ވެރީ ޔަންގް... ކުރިއަށް ދާނޭ ބައިވަރު ފުރުޞަތުތައް އިރާދަކުރެއްވިއްޔާ ލިބޭނެ، ޖަސްޓް ސްޓޭ ސްޓްރޯންގް، އަންހެންކުއްޖަކަށް ވިޔަސް މިހާރު ވަޒީފާގެ މައިދާނުގައި ނުވާނެކަމެއް ނޯންނާނެ" ނިމްރާ ބޮޑުވައި އިނގިލި އަރުވާލަމުން ނިކަން ބޮޑަށް ހިނިތުންވެލިއެވެ. އީވާ ވެސް ހީނލާފައި ބޯޖަހާލީއެވެ.
"ކޮބާ ނުނިމޭ" އަރްސަލް ލެޕްޓޮޕް ނިއްވާލައިފައި ރާދިންއާ ދިމާއަށް ބަލާލިއެވެ.
"މި ނިމެނީ... އިރުއިރުކޮޅާ ތިހެން އަހަންޏާ ވެސް ނުނިންމޭނެ ދޯ... ލީވް މީ ފޯ ޓޫ ސެކެންޑްސް، ދާންވީނު ނިމްގެ ބޯހާސްކުރުވަން" ރާދިން ކުރަން އިން މަސައްކަތާ ނަޒަރު ވަކިކޮށްނުލާ ބުނެލިއެވެ. އަރްސަލް ލުއި ގޮތަކަށް ހީނލި އަޑުއިވުނެވެ.
"ރާދު!... ބުނޭ ދޯ ޓްރުތް އިޒް ބިޓާއޭ... އެކަމަކު ހަޤީޤަތް އެނގުމުން ލިބޭ ހިތްހަމަޖެހުން ވެސް ބޮޑޭ، އެކަން މިހާރު އެނގިއްޖެ... އަހަރެން ދެ ލޯ މަރައިގެން ހުރެ ވެސް އިތުބާރުކުރަން ކެރޭވަރުގެ މީހެއް ތީ، ރާދު! މިސްއަންޑަސްޓޭންޑްވެފައި މިހާ ދުވަހު ހުރެވުނީ އަހަންނަށް... ބައްޕައާ ވާހަކަދައްކާލުމުން ހުރިހާކަމެއް އޮޅުންފިލައިފި... ބައްޕަ ހުރިހާ ކަމަކަށް ކެތްކުރި ގޮތަށް އަހަންނަށް އެފަދަ ކަމަކަށް ކެތެއްނުކުރެވުނީސްކަން ޔަގީން، އަހަރެން... އަހަރެން ހަޤީޤަތުގައި ބައްޕަދެކެ ލޯބިނުވަނީކީނޫން، އައި ވޯޒް ހާޓް... ބަދަލުގައި ބައްޕައަށް ވެސް ހާޓްކުރަން ބޭނުންވީ" އަރްސަލްގެ ވާހަކަތައް ރާދިން އިނީ ކަނުލާ އަހާށެވެ.
"އަދިވެސްތަ؟ މި ބުނީ އަދިވެސް ބައްޕައަށް ހާޓްކުރަން ބޭނުންވޭހޭ" ރާދިން އަހާލިއެވެ.
"ނޫން! ނޮޓް އެނީ މޯ... އައި ރިގްރެޓް އެވްރިތިންގް... އެކަމަކު އެހެން އެވީ ވެސް ސަބަބުތަކަކާ ހެދި، ނޫންތަ ރާދު... މިހާރު އަސްލު ހުރިހާކަމެއް އެނގުނީމަ އަހަރެން ލަދުގަންނަނީ ބައްޕައާ ކުރިމަތިލާން، ހިތަށް އަރަނީ ބައްޕަ ހާދަ ހިތްވަރުކޮށްފައޭ އެ ހުރިހާ ވާހަކައެއް އަހަންނަށް އެ ކިޔައިދިނީ، އައި ޕުޝްޑް ހިމް ޓޫ ފާ... ބައްޕައާ ބައްދަލުކޮށް ދައްކާނޭ ވާހަކައެއް އަހަންނަކަށް ނޭނގޭ، އުމުރުގެ ބޮޑުބައި ހޭދަވެގެން މި ދިޔައީ ރުޅިއާއި ނަފުރަތުގައި، އެކަން ނިމުމަކަށް އައުމުން ދެން ކަންތައްކުރާނޭ ގޮތެއް ނޭނގިފައި މިހުންނަނީ" ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން އަރްސަލް ފުން ނޭވާއެއްލިއެވެ.
"ގޯސްކޮށް ކަމެއް ކުރެވިއްޖެކަން އެނގުމުން ދެން އަވަސްވެގަންނަންވީ މަޢާފަށް އެދެން، ބައްޕައާ ވާހަކަދައްކަން ރީޒަންއެއް ބޭނުމެއްނުވޭ، އަހަރެމެންގެ ބައްޕައަކީ ވަރަށް އަންޑަސްޓޭންޑިންގް ބައްޕައެއް، ހުރިހާ ކުދީންގެ ގޮތް ބައްޕައަށް އެނގޭ، އެ ބައްޕަ އަރްސަލް ބަލައިގަންނާނެ އަރްސަލްގެ ގޮތުގައި، ހަމައެކަނި ބޭނުންވަނީ އަރްސަލް އެ ބައްޕައާއެކު އެބަހުރިކަން އަންގާލުން، ޑޯންޓް ޔޫ ތިންކް އިޓްސް ޓައިމް، ބައްޕައާ ބައްދަލުކޮށް މަޢާފަށް އެދެން" ރާދިން ހިނިތުންވެލިއެވެ.
"ރާދު އަހަންނާއެކު ހުންނާނަންތަ؟ އިޓް ވިލް ބީ އަ ގްރޭޓް ހެލްޕް... ދެ މީހުން އެކުގައި ދާން އަހަރެން ބޭނުންވަނީ" ރާދިންއަށް ބަލަން އިނދެ އަރްސަލް ބުނެލިއެވެ. އެއާއެކު ރާދިން ބޯޖަހާލިއެވެ.
"އޯކޭ، މިކަން ވެސް ނިމުނީމި، ލެޓްސް ގޯ... އައި ހޭވް ޓު ފައިންޑް މައި ޑާލިންގް، ހޭވް ޓު ތޭންކް ހާ، ދި ޑެވިލް އިޒް ބިކަމިން މޯ ހިއުމަން ނައު" ރާދިން މޭޒު ދޮށުން ތެދުވިއެވެ. އަރްސަލް އައިސް ރާދިންގެ ކޮނޑުގައި ޖަހައި ކޮށްޕާލިއެވެ. ދެ ޒުވާނުން ހީނގަތީ އެއްފަހަރާއެވެ.
* * * * *
ހަފްތާ ބަންދާ ދިމާކޮށް ބިލާލުއާ ބައްދަލުކުރަން ރާދިން ނިންމިއެވެ. އެހެންވެ ހުކުރު ދުވަހު ހަވީރު އެ މީހުން އުޅޭ އެޕާޓްމެންޓަށް އައުމަށް ބިލާލަށް ދަޢުވަތުދޭން ރާދިން ޚިޔާލު ދިނުމުން އެކަމާ އަރްސަލް ދެކޮޅެއް ނުހެދިއެވެ. ބިލާލު އުޅޭ ގެއަށް ދިއުމަށްވުރެ މިވަގުތަށް އިހަށް އެގޮތް އަރްސަލްއަށް ކަމުދިޔައީއެވެ. ބިލާލަށް ގުޅީ ވެސް ރާދިންއެވެ.
ހަވީރު ހަތަރެއް ޖަހަންވާއިރަށް ދެ ޒުވާނުން އެކުގައި ސައިތައްޔާރުކޮށްފިއެވެ. އިމާރާތުގެ އެންމެ ތިރީގައި ހުންނަ ރެސްޓޯރެންޓުން ތަފާތު ބާވަތްތައް ގެނެސްގެންނެވެ. ރާދިން ހަމަޖެހިފައި ހުއްޓަސް އަރްސަލް ފެންނަނީ ހިސާބަކަށް ހާސްވެފައި ހުރިހެންނެވެ. ބިލާލާ ކުރިމަތިލާން ބޭނުންވިޔަސް އޭނާ ހީކުރިހާ ފަސޭހަކަމަކަށް އެކަން ނުވިއެވެ. ސިކުނޑީގައި އަބަދުމެ އޮންނަނީ ބައްޕަ ގާތުން މަޢާފަށް އެދޭނޭ ގޮތެކެވެ. ފުރަތަމަ ބުނާނީ ކީކޭކަމެވެ. ބައްޕައަކާ ކުރިމަތިލާން އޭނާ ނޫނީ އެހާ ހާސްވެ ކަންބޮޑުވާ ދަރިއަކު ހުންނާނޭ ހެނެއް ހިޔެއްނުވެއެވެ. ބޮޑު އިމްތިހާނެއް ހަދަން ގޮސް އިނުމެކޭ ތަފާތެއްނެތެވެ. ވިސްނުމުގެ ތެރެއަށް އަރްސަލް ގެއްލިފައި އިންދާ ރާދިންއަށް ފޯނެއް އައުމުން އޭނާއަށް ބަލާލިއެވެ. ވާހަކަދެއްކި ގޮތުން ބިލާލު އައީކަން އަރްސަލްއަށް އެނގުނެވެ.
"ބައްޕަ އެ އައީ... އަންނާނަން ގޮވައިގެން" ސޯފާއިން ތެދުވި ރާދިން ބުނެލިއެވެ. އަރްސަލް ހަމައެކަނި ބޯޖަހާލީއެވެ.
ރާދިން އެޕާޓްމެންޓުން ނުކުތުމުން އަރްސަލް ނުކުތީ ސިޓިންރޫމުގައި ހުރި ބެލްކަންޏެވެ. މަތީގައި ހުރެ ތިރިއަށް ބަލާލުމުން މަގުމަތި އޮތީ ފެންނާށެވެ. ބިލާލު އާންމުކޮށް އުޅޭ ކަޅުކުލައިގެ ކާރު ތިރީގައި އޮތެވެ. ބިލާލު ކާރުން ފައިބާ ކާރުކައިރީ މަޑުކޮށްލި ތަން އަރްސަލް ދުށްޓެވެ. ވަށައިގެން ބިލާލު ބަލާލުމާއެކު އިމާރާތުގެ މައްޗަށް ބަލާލިއެވެ. އެހިނދު އަރްސަލް އަވަހަށް ފަހަތަށް ޖެހިލީ ބިލާލުގެ ނަޒަރުގައި އަޅައިނުގަނެ ފޮރުވިގަތުމަށެވެ. އިރުކޮޅަކު އެހެން ހުރެފައި ތިރިއަށް އަރްސަލް ބަލާލިއެވެ. އޭރު ރާދިންއާއެކު ބިލާލު ގޭތެރެއަށް ވަންނަން އަންނަނީއެވެ.
"ޝިޓް!... ވައި އޭމް އައި ގެޓިން ދިސް ނާވަސް... ބައްޕައާ އަލަށް ދިމާވެގެން އުޅޭހެން ހީވަނީ" އަރްސަލް އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ.
"ރުޅި އައުމާއި އަނެކާގެ ކުށްދެއްކުމަކީ ދާދި ފަސޭހަކަމެއް، އެކަމަކު ރުޅި އަންނަ މީހާގެ ކުށެއްނެތްކަން އެނގުމުން އޭނާއާ ކުރިމަތިލުމަކީ ފަސޭހަކަމެއްނޫން، އެއީ އިންސާނީ ޠަބީޢަތް... ތިމާއަށް ވެސް ކުށްކުރެވިދާނޭކަން ޤަބޫލުކުރާކަށް ބޭނުމެއްނުވާނެ، އަބަދުވެސް އެހެން މީހުންނަށް ކުރެވޭ ކުށް ފެންނާނީ... ދެކޮޅުވެރިކަމާއި ހަސަދައާއި ބަދަލުހިފުމަށް ނިމުމެއްނާންނަނީ އެހެންވެ، އެކަމަކު ކުށެއްކުރެވުމުން އަމިއްލައަށް އެކަން ބަލައިގަނެވޭނީ ވަރަށް ހިތްވަރުގަދަ މީހުންނަށް" އަމިއްލައަށް އަރްސަލް ދެއްކި ވާހަކަތަކަށް އޭނާގެ ޟަމީރު ޖަވާބުދިން ފަދައެވެ. މަޑުމަޑުން އޭނާއަށް ބޯޖަހާލެވުނެވެ. ބައްޕަދެކެ ރުޅިއައިސްފައި ހުރުމުގެ މާނައެއް މިހާރަކު ނެތެވެ.
"ކޮބާ އަރްސަލް" ބެލްކަނީގައި ހުރި އަރްސަލްއަށް ބިލާލުގެ އަޑުއިވުނެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައި ބެލްކަނިން ސިޓިންރޫމަށް ނުކުތެވެ. ޖީންސުގެ ދެފަރާތު އަރިމަތީ ޖީބަށް ދެއަތްތިލަ ކޮއްޕައިލައިގެން ހުރެއެވެ.
"އަރްސަލް!... ކިހިނެއްތަ؟" އަރްސަލް ފެނުމުން ބިލާލަށް ހުއްޓެވުނެވެ.
"ރަނގަޅު... ސައިބޯންވީނު" ކުޑަ އަޅައިގަތުމަކާއެކު އަރްސަލް ބުނެލިއެވެ. ބިލާލު ބަދަލުކޮށްލި ހިނިތުންވުމުން މިފަހަރު އަރްސަލްއަށް ވެސް ހިނިތުންވެވުނެވެ.
"އަވަހަށް ހިނގާ ސައިބޯން، ބައްޕަ ވަރަށް ބަނޑުހައިވެފައި ހުރީ... ދަރިފުޅުމެން އަތުން ކާއެއްޗެއް ނުލިބޭތާ ކޮންދުވަހެއް" ހިނިއައިސްފައި ހުރި ބިލާލު ބުނެލިއެވެ. އަދި އަރްސަލްއަށް އިޝާރާތްކޮށްލީ އޭނާގެ ގާތަށް އައުމަށެވެ.
"އިށީނދޭ ބައްޕާ، ސައިތަ ކޮފީތަ މިގަޑީގައި ބައްޕަ ބޭނުމީ" ރާދިން ކާމޭޒުދޮށުގައި ހުރެފައި ބުނެލިއެވެ. އޭރު އޭނާ މަތިޖަހާފައި ހުރި ތަށިތަކުން މަތިތައް ނަގަނީއެވެ.
"ދަރިފުޅުމެން ދިން ކޮންމެ އެއްޗެއް ކައިގެން ބޮއެގެން މިއަދު ދާނީ" ބިލާލަށް ލިބިފައިވާ އުފާވެރިކަން އޭނާގެ މޫނުން ފާޅުވޭވޭ ހުއްޓެވެ.
ބިލާލުއާއެކު ކާމޭޒުދޮށުގައި ސައިބޯން އަރްސަލްއާއި ރާދިން އިށީނެވެ. ސައިކުރިއަށް ދިޔައިރު އެކި ވާހަކަތައް ބިލާލު ދެއްކިއެވެ. ދެ ފިރިހެނުން އުޅުނެއްކަމަކު އެޕާޓްމެންޓުން ފެންނަ ސާފުތާހިރުކަން ބިލާލު ފާހަގަކުރިއެވެ. ކެއުމުގެ ކަންތައްތައް ދެ ޒުވާނުން ކުރިއަށް ގެންދަނީ ކިހިނެއްތޯ ބިލާލު ސުވާލުކުރިއެވެ.
"އަޅުގަނޑު ދޭތެރެއަކުން ކާއެއްޗެހި ތައްޔާރުކުރަނީ... އަރްސަލް ކައިރިއެއްނުވާނެ އުނދުނަކާ" ރާދިން ހެވިފައި އިނދެ ބުނެލިއެވެ. އަރްސަލްއަށް ބަލާލާފައި ބިލާލު ވެސް ހީނލިއެވެ.
"ދަރިފުޅު އެކަނި އުޅެންޏާ ނުކައި ދޯ އުޅޭނީ" ބިލާލު ބުނެލިއެވެ.
"އޭރުން އޯޑަރުކުރާނީ" އަރްސަލް ހީނލާފައި ބުނެލިއެވެ.
"ކޮބާ ބައްޕާ... އަޅުގަނޑު ބުނީމެއްނު، އޭނާ ލައްވާ ކާއެއްޗެއް ތައްޔާރެއްނުކުރެވޭނެ، ބިހެއް ތަޅާލަން ކީއްކުރަން ނޫޑުލިސްކޮޅެއް ހަދާލަން ވެސް އަރްސަލްއަށް ނޭނގޭނެ" ރާދިން އިތުރަށް ދިމާކޮށްލިއެވެ.
"ރާދު ތިހުރީނު، އަހަންނަށް ނޭނގުނީމަ ދަނީ ރާދު ގާތަށޭ" އަރްސަލް ބުނެލިއެވެ. ބިލާލުގެ ހުނުމުގެ އަޑު ގަދަވިއެވެ.
ހެމުންހެމުން ބިލާލުގެ އަތްތިލަ އިން ދެ ލޯ ފޮރުވާލިއެވެ. ދެން އިވުނީ ބިލާލު ނޭފަތް އެތެރެއަށް ދަމާލިއަޑެވެ. ރާދިންއާއި އަރްސަލް އެކަކުއެނެކަކަށް ބަލާލީ ކަންބޮޑުވެފައެވެ. ބިލާލުގެ ކޮނޑުގައި ދެފަރާތުން ދެ ފިރިހެން ދަރީން އަތްޖައްސާލިއެވެ. އެހިނދު ދެ ލޯ ފުހެލަމުން ބިލާލު އިސްއުފުލައި ދެ ކުދީންނަށް ބަލާލިއެވެ.
"އުފަލުން... ބައްޕަ ހިތަށް އެރީ މީ ހަމަ ހަޤީޤަތެއްބާއޭ، ނޫނީ ފެންނަ ހުވަފެނަކީ ބާއޭ... ހާދަ ދުވަހެއްވެއްޖެޔޭ ދަރިފުޅުމެން ދެ ކުދީންނާއެކު މިގޮތަށް އެއްމޭޒުދޮށުގައި ތިބެ ވާހަކަދައްކާލަން ބައްޕަ ބޭނުންވެފައި ހުންނަތާ، މިއަދު މި ދެލޮލުން އައީ އުފާވެރިކަމުގެ ކަރުނަ... އަރްސަލްއާއި ރާދިންނާއެކު ބައްޕައަށް ބައިވެރިވެވުމުން ﷲއަށް ޝުކުރުވެރިވަން، މަރުވުމުގެ ކުރީން ހުރިހާ ކުދީން އަހަރެންގެ ގާތުގައި ތިބުމަށް އެދެވުނު... އެ ދުޢާ މިއަދު އިޖާބަކުރައްވައިފިކަން ޔަގީން... އަރްސަލް! ބައްޕަ އެދެނީ ދަރިފުޅާއި ރާދިން ވަކިން އުޅުމަށްވުރެ ބައްޕަ ގާތަށް ބަދަލުވާން، އެއްފުރާޅެއްގެ ދަށުގައި ބައްޕައަށް ފެންނަ ހިސާބުގައި ތި ދެ ކުދީން ތިބުމަށް، ދަރިފުޅުމެންނަށް އެއްވެސް ކަމަކަށް ދައްޗެއްނުވާނެ، އަރްސަލް، ބައްޕަގެ މި އެދުން ފުރިހަމަކޮށްދޭނަންތަ؟ ދަރިފުޅުމެންގެ ފިރިހެންކޮއްކޮއަކު އެބަހުރި... އޭނާއަށް ދަރިފުޅުމެންގެ އަޅާލުމާއި އެއްބާރުލުން ބޭނުންވޭ، ރަނގަޅު މަގު އެ ކޮއްކޮއަށް ދައްކައިދީ ޒިންމާދާރު ޒުވާނަކަށް އޭނާ ހަދަން ދަރިފުޅުމެންގެ އެހީތެރިކަން ބައްޕައަށް ބޭނުންވޭ، ހަލަފްއަށް ނަމޫނާ ދައްކަން ތިބީ ތި ދެކުދީން" ބިލާލު ވަކިވަކިން ދެ ޒުވާނުންނަށް ބަލާލިއެވެ.
"އަޅުގަނޑަށް ބައްޕަ މަޢާފު..." އަރްސަލް ބުނަން އުޅުނު އެއްޗެއް ބިލާލު ހުއްޓުވިއެވެ.
"ދަރިފުޅު އެއްވެސް ކުށެއްނުކުރޭ... އެއީ ހަމައެކަނި އަރާފައި އޮތް އޮޅުމެއް، އަރްސަލްއާއި ރާދިން ދެކެ ވެސް ބައްޕަ ލޯބިވޭ، ތި ދެ ކުދީން ބައްޕައާއެކު ގެއަށް ބަދަލުވާންވީނު" ބިލާލު ބުނެލިއެވެ.
"ދައްތަ ރުހޭނެތަ؟ މިހާ ދުވަހު އަޅުގަނޑުމެން ދުރުގައި ތިބެފައި ގެއަށް ދިއުމުން އުނދަގޫނުވާނެތަ" އަރްސަލް މަޑުމަޑުން ބުންޏެވެ. އެއާއެކު އޭނާގެ ބޮލުގައި ބިލާލު އިނގިލިޖައްސާ ކޮށްޕާލިއެވެ.
"ބައްޕަ ބުނި އެއްޗެއް އަރްސަލް އަޑެއް ނާހަން ދޯ... ޝަރުމީނު ހުރީ ކެތްތެރިކަން ކުޑަވެފައި ތި ދެ ކުދީން ގެއަށް ނައިސްގެން، ބައްޕައާ ކިތަންމެ ފަހަރަކު ދެބަސްވާނެ ބައްޕައޭ ހުންނަނީ ތި ދެކުދީން ގެއަށް ގެންނަން ނޫޅެ، އަރްސަލް، ރާދިން، އެއީ މިހާރު ތި ކުދީންގެ ވެސް މަންމަ، އެ މަންމަގެ އުފަލަކީ ހުރިހާ ކުދީން އެކުގައި ދިރިއުޅުން، ބައްޕައަށްވުރެ ބޮޑަށް އެ މަންމަ ތި ކުދީންދެކެ ލޯބިވާކަން ޔަގީން، އެނބުރި ގެއަށް އަތުވެއްޖެނަމަ އެ މަންމައަށް ލިބިފައިވާ ވަރަށް ބޮޑު ހިތްދަތިކަމެއް ފިލައިގެން ދާނެ، އެ ގެއަށް އާރޯކަންވެރިވެ އަލުން ދިރުން ލިބޭނެ... އަރްސަލް! ދަރިފުޅު ބުނެދީބަލަ އެ މަންމައާއި މި ބައްޕައާ ދެ މީހުންނާމެދު ރުހެންޏާ، ހަމަގައިމު ވެސް ދަރިފުޅުމެން ޓަކައި ހޯދާދެވުނު އެންމެ ރަނގަޅު މަންމަ އެއީ" އަރްސަލްގެ ކޮނޑުގައި ބިލާލު ފިރުމާލިއެވެ. އޭނާއަށް މުހިންމީ އަރްސަލްގެ ހިތުގައިވާ އެއްޗެކެވެ. މިހާ ދުވަހު އޭނާ މަޑުކުރީ ވެސް އެ ދަރިފުޅުގެ ރުހުން ލިބެންދެނެވެ.
"ކުޑަ ދުވަސްކޮޅެއް އަޅުގަނޑަށް ދީ... އަޅުގަނޑު ނުރުހޭތީއެއްނޫން މިހެން ބުނީ، އިޓްސް އަ ބިގް ޗޭންޖް، އެކަމަކު ބައްޕާ ގާތުގައި ދިރިއުޅެން ދާނަން، އައި ޕްރޮމިސް" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ. ދަރިފުޅުގެ ބުރަކަށީގައި ބިލާލު ފިރުމާލީ އޭނާ އުންމީދުކުރި ޖަވާބު އަރްސަލް ދިނީމައެވެ.
* * * * *
ހަފްތާބަންދު ނިމި މަސައްކަތައް އެނބުރި ނިމްރާ ނުކުތެވެ. ބަންދުތެރޭ ކުރާނޭ މާބޮޑުކަމެއް ނެތުމުން ނިމްރާ އޮފީހަށް ނުކުމެ އީވާ ފައިލްކުރަން ފަށާފައި ހުރި އިންވޮއިސްތަކާއި އެހެނިހެން ލިޔުންތައް ފައިލްކޮށް ނިންމާލިއެވެ. އޭގެ އިތުރުން އިވެންޓް މެނޭޖްކުރުމާ ބެހޭ ގޮތުން މަޢުލޫމާތު އެއްކުރިއެވެ. ހޮޓެލްގެ ފަރާތުން ކުރަންޖެހޭނެ ކަންކަން ނިމްރާ ނޯޓުކޮށްފައި ބެހެއްޓިއެވެ. މަސައްކަތުގައި ބުރަކޮށް އުޅެނިކޮށް މެންދުރުވީ ފަހުން ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލުމުން ވަނުމުގެ ހުއްދަ ދިނީ އީވާއެވެ. އެއާއެކު ދޮރުހުޅާލާފައި އެތެރެއަށް ވަންތަން ފެނުނީ ހަލަފްއެވެ.
"ވަޓް އާ ޔޫ ޑުއިންގް ހިއާ" ހަލަފް ފެނުމާއެކު ނިމްރާ ބުނީ ތަންކޮޅެއް ބާރަށެވެ. އީވާ ހުރީ ވާނުވާ ނޭނގިފައެވެ. އޭނާ ކުއްލިއަކަށް ހަލަފްގެ އަތުގައި ހިފެހެއްޓިއެވެ.
"ހާއި ބިއުޓިފުލް!... ޔޫ ލައިކް މީ" އީވާގެ އަތުގައި އަތްބާއްވާލަމުން ހަލަފް ދެބުމަ އަރުވާލީ ހިނިއައިސްފައި ހުރެއެވެ. އީވާ ބިރުން ދެއަތް ފޮޅާލާ ދުރަށް ޖެހިލިއެވެ.
"އިޒް ހީ ދި ވަން... ދެޓް ސްޓޯކ..." އީވާ ކަންބޮޑުވެފައި ނިމްރާއަށް ބަލާލަމުން ބުނަން އުޅުނެވެ. އެހެންނަމަވެސް ނިމްރާ ނިކަން ބާރަށް އީވާއަށް ގޮވާލުމުން އޭނާ ހުއްޓުން އެރިއެވެ.
"އަރްސަލްއާއި ރާދުގެ ބްރަދާ އެއީ" ނިމްރާ އަވަސްއަވަހަށް ބުނެލިއެވެ. އީވާ އަޖައިބުވެ އަންތަރީސްވެފައި ހުރި މީހަކުހެން ހަލަފްއަށް ބަލާލިއެވެ.
"މަދިރިއެއް ވަދެދާނެ އަނގަޔަށް" އީވާގެ ކުޑަކޮށް ހުޅުވިފައި ހުރި އަނގަ ދަތްދޮޅީގައި ހިފާ ލައްޕާލަމުން ހަލަފް ބުނެލިއެވެ.
"ރެޑް! އައި މިސްޑް ޔޫ... ރާދުބެ ބުނި މިގަޑީގައި ބްރޭކްއޭ... ހިނގާބާ ލަންޗަށް، އަހަރެން ކޮބާތޯ ވެސް ރެޑް ބަލާނުލާ، ވަރަށް ހެއްވާ، މިހާރު އަހަރެން މަތިން ހަނދާންނެތުނީ ދޯ" ހަލަފް އައިސް ނިމްރާގެ މޭޒު ކުރިމަތީ ހުއްޓެމުން ބުނެލިއެވެ.
"އޮފީސް ގަޑިއޭ މީ... އަރްސަލްއަށް އެނގިއްޖެއްޔާ ބޮމެއް އަޅާނޭކަން އެނގެއެއްނު، އެހެންނޫނަސް ކިހިނެއް މިހިސާބަށް އައީ" ނިމްރާ ދަތްތަކަށް ބާރުކޮށްލަމުން ބުނެލިއެވެ.
"އައި ހޭވް މައި ޗާމްސް... ރެޑްއަށް އެނގެއެއްނު އަހަރެންގެ ހެންޑްސަމްކަން، ނައު ކަމޯން ލެޓްސް ގޯ، ބްރޭކް ގަޑި ބަލާފައި މި އައީ ވެސް ރެޑްއާ މީޓުކުރަންވެގެން، އަސްލު މި އޮފީސް ވެސް ބަލާލާ ހިތުން... ވަރަށް ސަޅި އިނގޭ، ވަރަށް ބޮސް ވައްތަރުޖަހާ ރެޑް ތިހެން އިންނައިރު، އެކަމަކު ބުނަން ވަރަށް ސެކްސީ ބޮސްއެއްހެން ހީވަނީ" ހަލަފް އެއްލޯ މަރާލަމުން ހީނގަތެވެ. ނިމްރާ ދެފަރާތަށް ބޯހޫރުވާލަމުން ތެދުވިއެވެ.
"ހިނގާ ދާން" ނިމްރާ ބުނެލިއެވެ.
"ލެޓްސް ޓޭކް ދިސް ބިއުޓީ ވިތް އަސް" ރަކިވެފައި ހުރިހެން އީވާ ހުއްޓާ އޭނާއަށް ބަލާލާފައި ހަލަފް ބުނެލިއެވެ.
"ހަލަފް ދޭންޖެހޭނީ، އެހެންވީމަ ޔޫ އިންވައިޓް ހާ" ނިމްރާ ބުނެލިއެވެ.
"އައި ޑޯންޓް މައިންޑް، ވިލް ޔޫ ޖޮއިން އަސް ބިއުޓިފުލް، ޕްލީޒް" ހަލަފް ކުރުނީސްކުރާ ފަދައަކުން އީވާއަށް ކުރިމަތިލާ ގުދުވެލިއެވެ. އެއާއެކު އީވާ ކުޑަކޮށް ހީނލިއެވެ. ގުދަށް އޮވެ ހަލަފް ބޯ އަރިކޮށް އީވާއަށް ބަލާލުމުން އޭނާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
"އޯކޭ ލޭޑީސް... ފޮލޯ ދިސް ހެންޑްސަމް" ހަލަފް ބުނެލިއެވެ.
"ސްޓޮޕް ފްލާޓިން ވިތް ހާ" ހަލަފްގެ ގައިގާ ނިމްރާ ޖަހާލިއެވެ. އެ ދެ މީހުން އުޅޭގޮތް ފެނިފައި އީވާ ހުރީ ހީނލަހީނލައެވެ. އަރްސަލްއާއި ރާދިންގެ ކޮއްކޮއެއް ހުންނަކަން އީވާއަށް އެނގުނީ އަދިކިރިޔާއެވެ. އޭނާއަށް ވެސް ފާހަގަވީ އަރްސަލްއާއި ރާދިންގެ މިޒާޖާއި ޠަބީޢަތް ހުންނަ ގޮތާއި ހަލަފްއާ ވަރަށް ތަފާތުކަމެވެ.
ހޮޓެލްގެ ރެސްޓޯރެންޓް ތެރެއަށް ވަދެގެން އައި ނިމްރާއަށް ހުއްޓުން އެރީ މޭޒު ދޮށުގައި އިން ޒުވާނަކު ފެނިފައެވެ. ފުރަގަހުން ފެނުނެއްކަމަކު އެއީ ކާކުކަން ނިމްރާގެ ޟަމީރު ދެނެގަތް ކަހަލައެވެ. ހާސްކަންވެރިވެގެން ދިއުމާއެކު ނިމްރާއަށް ވަގުތުން ހިފަހައްޓާލެވުނީ ހަލަފްގެ އަތުގައެވެ.
"އައި ތިންކް އިޓްސް ޓޫ ކްރައުޑެޑް... އޮފީހުގައި ތިބެގެން ކާނީ، އޭރުން ހަމަޖެހިލައިގެން ތިބެވޭނީ، ނޯބޮޑީ ވިލް ޑިސްޓާބް އަސް ދެއާ" ނިމްރާ ގަދަކަމުން ހިނިތުންވެލިއެވެ. ހަލަފްއަށް އެގޮތް ވެސް ކަމުދިޔައެވެ. އޭނާ އެއްބަސްވުމުން ނިމްރާ އަވަސްވީ ރެސްޓޯރެންޓްއިން ނުކުންނާށެވެ.
މޭޒު ދޮށުގައި އިނދެފައި މިޢުވާނު ތެދުވީ އޭނާ ގެނައި ކޮފީތަށި ހުސްވީމައެވެ. އެވަގުތު ރެސްޓޯރެންޓުގެ ދޮރުން ނުކުތް އަންހެންކުއްޖާގެ ރަތްކުލައިގެ އިސްތަށިގަނޑު މިޢުވާނުގެ ލޮލުގައި އަޅައިގަތެވެ. ހަލުވިކޮށް އޭނާ ނުކުތްއިރު ޕްރައިވެޓް އެލެވޭޓާއަށް އެ އަންހެންކުއްޖާއާއި އިތުރު އަންހެންކުއްޖަކާއި ފިރިހެނަކާއެކު ވަންނަނީއެވެ.
"ނިމްރާ... ނިމްރާ" ދުވަމުން އައި މިޢުވާނު ގޮވާލިއެވެ. އެހެންނަމަވެސް އޭނާއަށް އައިސް އެލެވޭޓާ ކުރިމަތީ ހުއްޓެވެންވާއިރަށް ދޮރުލެއްޕިއްޖެއެވެ. ވަކި ބަޔަކަށް ޚާއްޞަކުރެވިފައި ހުރި އެލެވޭޓާއެއްކަން މިޢުވާނަށް އެނގުނީ އޭނާ އެ އެލެވޭޓާއަށް އަރަންވެގެން އުޅުމުންނެވެ.
"ޝިޓް" މުއްކަވާލި ކަނާއަތުން ފާރުގައި މިޢުވާނަށް ޖަހާލެވުނެވެ.
"އަހަންނާ ބައްދަލުކުރަން އަންނަން ޖެހޭނީ" މިޢުވާނު ހިތްހަމަނުޖެހިފައި ހުރެ އަމިއްލައަށް ބުނެލިއެވެ. އޭނާ އެ ރެސްޓޯރެންޓަށް އައީ ހޮޓެލްގެ ސްޓާފަކަށް އުޅޭ އޭނާގެ ރަޙުމަތްތެރިއެއްގެ އެހީގައެވެ. ބޭނުމަކަށްވީ ނިމްރާއާ ބައްދަލުކުރުމެވެ. އޭނާ މަސައްކަތްކުރާ ހިސާބަށް ގެންގޮސްދޭން އެކުވެރިޔާ އުޒުރުވެރިވީއެވެ. ނިމްރާއަކީ ވެރިއެއްކަމާއި އެގޮތަށް އޭނާ އެކަން ކޮށްފިނަމަ އޭނާގެ ވަޒީފާ ގެއްލިދާނެކަމަށް ބިރުގަތީއެވެ. އެހެންވެ އޭނާ ވެސް މިޢުވާނަށް ލަފާ ދިނީ އެޕޮއިންމެންޓެއް ހެއްދުމަށެވެ. އެގޮތަށް ހޮޓެލަށް އަންނަ ކޮންމެ މީހަކާ ވެރިންނާ ބައްދަލެއް ނުވެވޭނެކަމެވެ.
އެންމެން ބޭނުންކުރުމަށް ހުރި އެލެވޭޓާއަށް މިޢުވާނު އެރިއެވެ. ނިމްރާގެ އޮފީސް ހުންނަ ހިސާބެއް ވެސް އޭނާއަށް އޮޅުން ނުފިލިއެވެ. އަނެއްކޮޅުން ހޮޓެލްގެ ކޮންމެ ދިމާއެއްގައި ހުންނަނީ ކެމެރާ ހަރުކޮށްފައެވެ. ސްޓާފުންނަށް ވެސް ވަދެވެނީ އެމީހުން ބޭނުންކުރާ ފާސް ދައްކައިގެންނެވެ. އެހެންވެ މިޢުވާނު ވިސްނީ ނިމްރާ އޭނާއާ ހަމައަށް އަންނާނޭވަރުގެ ކަމެއް ކުރުމަށެވެ. (ނުނިމޭ)