ފޭކު ކޯލް ތަކަށް ކަސްޓަމަރުން ހޭލުންތެރި ކުރުވަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ މަސައްކަތް ތަކެއް ފަށައިފި އެވެ.
ގައުމީ ބޭންކުން އަބަދު ވެސް ކުރަމުން ގެންދާ، މި މަސައްކަތް އިތުރަށް ވަރުގަދަ ކޮށްފައި މިވަނީ ބޭންކުގެ ކާޑުގެ ފަދަ ބައެއް ޕާސަނަލް މައުލޫމާތު ހޯދަން ބޭންކުގެ ނަމުގައި ކޯލްތައް ކުރާތީއެވެ. އެފަދަ ކޯލްތަކަށް ކަސްޓަމަރުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބޭންކުން މިހާރު ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން ނޫސްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުން ހޭލުންތެރި ކުރުވާނެ އެވެ.
"ސަމާލުވޭ، ކަސްޓަމަރުގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކް އޮފް މޯލްޑިވްސް އަކުން ނުގުޅާނެ" މި ނަމުގައި ކުރިއަށް ގެންދާ މި ފަހަރުގެ ކެމްޕޭންތަކާ ބެހޭ ގޮތުން ގައުމީ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ މިއީ ކޮންމެ އަހަރަކުވެސް ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.
"ބޭންކް އަކުން މޮބައިލް ނަމްބަރަކުން ނުގުޅާނެ. އީ-މެއިލް އަކުން ކާޑާއި އެކައުންޓުގެ މައުލޫމާތެއް ނާހާނެ. މި ކަންކަމަށް ވަރަށް ސަމާލުވާން ޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.
ބޭންކް އަކުން މޮބައިލް ނަމްބަރަކުން ނުގުޅާނެ. އީ-މެއިލް އަކުން ކާޑާއި އެކައުންޓުގެ މައުލޫމާތެއް ނާހާނެ. މި ކަންކަމަށް ވަރަށް ސަމާލުވާން ޖެހޭބީއެމްއެލް އޮފިޝަލް
ބޭންކުން އާއްމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފަށާފައިވާއިރު، ގިނަ ބައެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފުލުންނަށް ދަނީ ހުށަހަޅަމުންނެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މި ފަދަ ގިނަ މައްސަލަތަކުގައި އެތަށް ބިލިއަން ޑޮލަރެއްގެ ގެއްލުންވަމުންދެ އެވެ.