ޕްރިޔާންކާ ޗޯޕްރާ

ފިލްމެއްގެ ފައިދާއިން ހިއްސާ ލިބޭނެ ފުރަތަމަ ބޮލީވުޑްގެ ބަތަލާއަކަށް ޕްރިޔަންކާ

ބޮލީވުޑްގެ ބަތަލާއިންނަށް ބަލާއިރު މިހާރު އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ބަތަލާއަކަށް ވާނީ ޕްރިޔަންކާ ޗޯޕްރާ އެވެ. ބޮލީވުޑްގެ އިތުރުން އޭނާ ވަނީ ހޮލީވުޑްގައިވެސް ފައިތި ސާބިތުކޮށްލާފަ އެވެ. ހޮލީވުޑް ސީރީޒްއަކާއި ދެ ފިލްމެއްގައި އޭނާ މަސައްކަތްކުރި އެވެ.

ހޮލީވުޑްގައި ގާތްގަނޑަކަށް ތިން އަހަރު ވަންދެން މަސައްކަތްކުރުމަށްފަހު ޕްރިޔަންކާ މިހާރު ވަނީ އެނބުރި ބޮލީވުޑް ފިލްމެއްގެ މަސައްކަތް އައިސްފަ އެވެ. ބޮލީވުޑްގެ ބޮޑު ދެ ފިލްމެއް މިހާރު އޭނާގެ އަތުގައި އެބަ އޮތެވެ. އެއީ ސަލްމާން ޚާންގެ ފިލްމު "ބާރަތު" އާއި ސޮނާލީ ބޯސްގެ "ދި ސްކައި އިޒް ޕިންކް" އެވެ.

އިންޑިއާގެ މުމްބާއީގެ ހަބަރުތައް ގެނެސްދޭ މިޑްޑޭއިން ރިޕޯޓުކުރި ގޮތުގައި "ދި ސްކައި އިޒް ޕިންކް" ފިލްމަށް ލިބޭ ފައިދާގެ ހިއްސާ ޕްރިޔަންކާއަށްވެސް ލިބޭނެ އެވެ. މިއާއެކު ޕްރިޔަންކާ ވެގެންދާނީ ފިލްމެއްގެ ފައިދާއިން ހިއްސާ ލިބޭނެ ބޮލީވުޑްގެ ފުރަތަމަ ބަތަލާއަށެވެ. މި ފިލްމުގެ އުފެއްދުންތެރިންނާއެކު ޕްރިޔަންކާ މިހާރު މިކަމުގެ ޑީލް ހަދަމުން އަންނަ ކަމަށްވެ އެވެ.

ބޮލީވުޑްގެ ފިލްމުތަކަށް ލިބޭ ފައިދާއިން އާންމުކޮށް ހިއްސާ ލިބެނީ ހަމައެކަނި ބޮލީވުޑްގެ ސުޕަސްޓާރު ބަތަލުންނަށެވެ. އޭގެ ތެރޭގައި ސަލްމާން ޚާން، އާމިރް ޚާން، ޝާހުރުކް ޚާން އަދި އަކްޝޭ ކުމާރްފަދަ އެކްޓަރުން ހިމެނެ އެވެ. ބަތަލާއިންނަށް ހަމައެކަނި ދެނީ އެމީހުން ފިލްމު ކުޅުމަށް އެއްބަސްވާ އުޖޫރަ އެވެ.

"ދި ސްކައި އިޒް ޕިންކް" އަކީ އައިޝާ ޗައުދަރީ ކިޔާ ވާހަކަދެއްކުންތެރިކަމަށް މޮޅު ކުއްޖެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. އައިޝާއަކީ ވަރަށް އާންމު ނޫން ސިކުނޑީގެ އައިބު ކަމަކާއެކު އުފަންވި ކުއްޖެކެވެ. އައިޝާގެ ރޯލު ކުޅޭނީ ޒައިރާ ކަމަށްވެ އެވެ. އަދި ޕްރިޔަންކާއެކު އެކްޓަރު ފަރްހާން އަޚްތަރު ފެނިގެންދާނީ ޒައިރާގެ މައިންބަފައިންގެ ރޯލުން ކަމަށްވެ އެވެ.