ޕްރިޔާ ޕްރަކާޝް ވާރިއާ

ބޮޑު އަގެއްގައި ޕްރިޔާ އިޝްތިހާރެއް ކުޅެނީ

ބްރޭންޑެއްގެ އިޝްތިހާރު ކުޅުމަށް މަލަޔާލަމް އެކްޓްރެސް ޕްރިޔާ ޕްރަކާޝް ވާރިއާ ހެދި ޑީލްއަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ދަމައިގެންފަ އެވެ.

ޕްރިޔާ މަޝްހޫރުވީ އޭނާ ކުޅުނު ފުރަތަމަ ފިލްމު "އޯރޫ އަދާރް ލަވް" ގެ ލަވައެއްގައި ކަތިނަޒަރަކުން ފިރިހެން ކުއްޖަކާ ދިމާލަށް ބަލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމަށްފަހު އެވެ. މި ވީޑިއޯ އާންމުވުމާއެކު ޕްރިޔާއަށް ސަޕޯޓުކުރާ މީހުންނާއި ފޯލޯކުރާ މީހުންގެ އަދަދުވެސް ވަނީ ގިނަވެފަ އެވެ.

އެ ފިލްމު ރިލީޒްވުމުގެ ކުރިން ޕްރިޔާއަށް މިހާރުވެސް ވަނީ ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއްވެސް ލިބިފަ އެވެ. އޭނާއަށް މިފަހަރު ލިބުނީ ބްރޭންޑެއްގެ އިޝްތިހާރު ކުޅުމުގެ ފުރުސަތެވެ. މިއީ އޭނާ އިޝްތިހާރެއް ކުޅޭނެ ފުރަތަމަ ފަހަރަށްވާއިރު، މި އިޝްތިހާރު ކުޅުމަށް އޭނާއަށް އެއް ކްރޯޑު ރުޕީސް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނު މުމްބާއީގެ އޭނާ ވަނީ މި އިޝްތިހާރު ޝޫޓުވެސްކޮށްފަ އެވެ. މި އިޝްތިހާރު ނެގި ސަރަހައްދުވެސް މުޅި އެ ދުވަހު އޮތީ ބަންދުކޮށްފައި ކަމަށްވެ އެވެ. މީޑިއާތަކުން ބުނާގޮތުގައި މި އިޝްތިހާރު ކުޅުމަށް ޕްރިޔާއަށް ދޭން ނިންމާފައިވާ އަދަދަކީ އާންމުކޮށް އާ މީހަކަށް އިޝްތިހާރެއް ކުޅުމަށް ދޭ އަދަދަށްވުރެ ބޮޑު އަދަދެކެވެ.

އޮމަރް ލުލޫ ޑައިރެކްޓުކުރި ޕްރިޔާގެ ފުރަތަމަ ފިލްމު "އޯރޫ އަދާރް ލަވް" ރިލީޒްކުރާނީ އަންނަ ސެޕްޓެމްބަރު މަހު 14 ގަ އެވެ. ހައި ސުކޫލް ލަވް ސްޓޯރީއެއް ގެނެސްދޭ މި ފިލްމުގައި ޕްރިޔާއާއެކު މުހިންމު ރޯލުތަކުން ނޫރީން ޝަރީފު އަދި ރޯޝަން އަބްދުލް ރަހޫފް އަދި ޝިޔާދު ޝާޖަހަން ފެނިގެންދާނެ އެވެ.