ބޮލީވުޑް

ދެވަނަ ފިލްމަށް ޕްރިޔާ ތައްޔާރު!

މަލަޔާލަމް އެކްޓްރެސް ޕްރިޔާ ޕްރަކާޝް ވާރިއާ ބޮލީވުޑަށް ނުކުންނާނެ ކަމާމެދު ގިނަ ބަޔަކު ޝައްކު ކުރި ނަމަވެސް، މިހާރު އޭނާ ވަނީ ދެވަނަ ފިލްމަށް ސޮއި ކޮށްފަ އެވެ.

ފިލްމު "އޯރޫ އަދާރް ލަވް" ގެ ލަވައެއްގައި ފިރިހެން ކުއްޖަކާ ދިމާލަށް ބަލާލައި ލޯ މާރާލި ގޮތަކުން، އެއް ދުވަހުން މަޝްހޫރުކަން ލިބުނު ޕްރިޔާ އެންމެ ފަހުން ފެނުނީ، "ސްރީދޭވީ ބަންގްލާ" އިންނެވެ.

ފަހުގެ ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި، ޕްރިޔާ ވަނީ ބޮލީވުޑުގައި އޭނާގެ ދެވަނަ ފިލްމު "ލަވް ހެކާސް" ކުޅެން ސޮއި ކޮށްފަ އެވެ.

މި ފިލްމާ ގުޅޭގޮތުން ޕްރިޔާ ވަނީ އަމިއްލަ އަށް ވެސް މައުލޫމާތު ދީފަ އެވެ. ޕްރިޔާ ބުނި ގޮތުގައިި، މި ފިލްމަކީ ސައިބާ ކްރައިމް އާއި އޭގެ ސަބަބުން ދިމާވާ ކަންތައް ތަކެއްގެ މަައްޗަށް ބިނާކޮށް ހަގީގީ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު، މަޔަންކް ޕްރަކާޝް ސްރިވަސްތަވާ މި ފިލްމާ ބެހޭގޮތުން ބުނީ، ސައިބާ ކްރައިމް ފަދަ ކަންކަމާ ގުޅޭ މަައުލޫމާތު ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ފަރާތްތަކަށް ނޭނގޭ ކަމަށާއި "ލަވް ހެކާސް" މި ފިލްމުގައި އެކަންކަން ދައްކުވައިދޭނެ ކަމަށެވެ.

މި ފިލްމު ނެރޭނެ ދުވަހަކާއި ކާސްޓުންގެ މައުލޫމާތު އަދި އިއުލާނެއް ނުކުރެ އެވެ.

ޕްރިޔާ އެންމެ ފަހުން ކުޅެފައިވާ ފިލްމު "ސްރީދޭވީ ބަންގްލާ" މިހާރު ވަނީ ކޯޓުގަ އެވެ. ބޮލީވުޑްގެ ކުރީގެ ތަރި ސްރީދޭވީގެ ފިރިމީހާ އަދި ޑައިރެކްޓަރު ބޮނީ ކަޕޫރު ވަނީ ފިލްމުގައި ބޭނުންކޮށްފައިވާ ނަމަކީ ސްރީދޭވީ އަށް ބޭނުންކޮށްފައިވާ ނަމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި، އެ ފިލްމަކީ ސްރީދޭވީގެ މަރު ދައްކުވައިދޭ ފިލްމެއް ކަމަށް ތުހުމަތު ކުރެ އެވެ.