ހަބަރު

ގެއްލުނު މީހާ ވައިގެ މަގުން ހޯދަން ފަށައިފި

Jul 16, 2018

މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލުނު މީހާ، ވައިގެ މަގުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މިއަދު ފަށައިފި އެވެ.

ފ. ބިލެއްދޫ، އެ މީހާ ކަނޑަށް ވެއްޓި ގެއްލިފައި ވަނީ މިދިޔަ ހުކުރު ދުވަހު އދ. ވިލަމެންދޫ ރިސޯޓް ކައިރިއަށް ދޯންޏެއްގައި ފާނަ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށެވެ. އެ ދުވަހުގެ މެންދުރު ފަހުން ފެށިގެން އެމްއެންޑީއެފުން އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލުނު މީހާ ހޯދަން އެމްއެންޑީއެފުން ވައިގެ މަގުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ވައިގެ މަގުން ބެލުމަށް ބޭނުން ކުރާނީ އެއާޓެކްސީއެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ އޭރިއާގެ އޮއެވަރަށް ބަލައިގެން ކަނޑުގެ ސާފޭސް ބެލުމާއި ޑިއިވް ކޮށްގެން އޭރިއާ ބަލަމުންދާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފާއި ޕޮލިހުން ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންދަން ލިބެން ހުރި ހުރިހާ ވަސާލަތެއް ބޭނުން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލުނު މިހާ ހޯދަން ވައިގެ މަގުން މަސައްކަތް މިއަދު ފަށާފައިވާއިރު، އިއްޔެ ވަނީ އޭނާ ހޯދުމަށް އެމްއެންޑީއެފުން ރޮބޮޓްގެ ބޭނުން ކުރަންވެސް ފަށާފަ އެވެ.

އޭނާ ކަނޑަށް ވެއްޓުނު އިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓްލޫނެކެވެ.