ދުނިޔެ

ޕާކިސްތާނުގައި ބޮމުގެ ހަމަލާތައް އިތުރުވެ، މަރުގެ އަަދަދު 158 އަށް

ކުރިއަށް އޮތް ޕާކިސްތާނުގެ އާންމު އިންތިހާބާއި ގުޅިގެން އެ ގައުމުގައި ދެމުންދާ ތަފާތު ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 158 އަށް އަރައިފި އެވެ. އިންތިހާބާއި ގުޅިގެން އެ ގައުމުގައި ފާއިތުވި ހަ ހަފްތާގެ ތެރޭގައި މެދުކެނޑުމެއް ނެތި ދަނީ ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 670 އަށް އަރާފައިވާއިރު، މިހާތަނަށް 120 ހަމަލާއެއް އެ ގައުމުގެ އެކި ސަރައްހަދުތަކުގައި ދީފައިވެ އެވެ.

މިއަދުވެސް ވަނީ ޕެޝާވަރުގައި ޖާނުން ފިދާވެގެން ހަމާލާއެއް ދީފަ އެވެ. އެ ހަމަލާގައި ޕާކިސްތާނުގެ ނުފޫޒުގަދަ ސިޔާސީ ލީޑަރެއް ކަމަށްވާ ހާރޫން ބިލޫރް ވަނީ މަރާލަފާ އެެވެ. އެ ހަމަލާގައި އިތުރު 19 މީހުން މަރުވިއިރު، 69 މީހުން ވަނީ ޒަހަމްވެފަ އެވެ.

މި ހަމަލާތަކުގެ ފަހަތުގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ވިސްނުމުގެ ދެ ޖަމާއަތް ކަމުގައިވާ އައިސިސް އާއި ތަލިބާނު ވާކަމަށް އެ ދެ ޖަމާއަތުން ވެސް ވަނީ އެއްބަސްވެފަ އެވެ.

މީގެ ތެރެެއިން އެންމެ ނުރައްކާތެރި ހަމަލާއެއް ދީފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ބީއޭޕީއިން ހުކުރު ދުވަހު ޕާކިސްތާނުގެ ރަށެއް ކަމަށްވާ ދިރްގަރްހުގައި ބޭއްވި ކެމްޕެއިން ރެލީއެއްގެ ތެރޭގައި ޖާނުން ފިދާވެގެން މީހަކު ވަނީ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި އެކަނިވެސް 149 މީހުން ވަނީ މަރުވެފަ އެވެ.

އެ ހަމަލާއަކީ 2008 ވަނަ އަހަރު އެ ގައުމުގެ ރަށެއް ކަމަށްވާ ކަރްސަޒްއަށް ދިން ބޮމުގެ ހަމާލާއާއި ޕެޝާވަރްގެ ސުކޫލަކަށް 2014 ގައި ދިން ހަމަލާއަށްފަހު މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.