ކުޅިވަރު

ތިން އަހަރަށްފަހު ލަބާންގެ ފުރަތަމަ މެޗު މިއަދު

މޭޑޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލަށް ލުމަށް ފަހު، ކުޅުމާ ދުރުގައި ހުރި ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް މިއަދު ފުރަތަމަ މެޗަށް ނިކުންނަން ތައްޔާރު ވެއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ހަވީރު ފ. ނިލަންދުއާ ދެކޮޅަށް ގްރީން ސްޓްރީޓްގެ ކުޅޭ މެޗުގެ، ފުރަތަމަ 11 އިން، އެ ޓީމުގެ ކޯޗް އަލީ ސުޒޭން ވަނީ ލަބާން އަށް ފުރުސަތު ދީފަ އެވެ. މިއަދުގެ މެޗު ވެގެންދާނީ، 2015 ވަނަ އަހަރު އޭޕްރީލްގެ ފަހުން ގައުމީ ފުޓްބޯޅަ ދަނޑުގައި އޭނާ ކުޅޭ ފުރަތަމަ މެޗެވެ.

އެ އަހަރުގެ ސީޒަން އޭނާ ފެށީ، ކުލަބު އީގަލްސްއިންނެވެ. މޭ ޑޭގެ މުޒާހަރާގައި ހަމަނުޖެހުން ހިންގުމުން ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންދިޔައީ މާފަންނު ޓާފް ދަނޑުގައި އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ.

މި އަހަރު ޖޫން ޓްރާންސްފާ ޕީރިއަޑްގައި ލަބާން ވަނީ ގްރީން ސްޓްރީޓަށް ސޮއި ކޮށްފަ އެވެ. އޭރު އެ ކުލަބުން ބުނީ ކުރީގެ ފޯމަށް އައުމަށް ލަބާންއަށް ވަގުތު ބޭނުންވާ ކަމަށާއި އޭނާ ދަނޑަށް ނިކުންނާނީ ސެޕްޓެމްބަރު މަހު ކަމަށެވެ.

"ޕްރެކްޓިހުގައި އޭނާ ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން، އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ އަވަހަށް އޭނާ ދަނީ ކުރި އެރުން ހޯދަމުން، އެހެންވެ ކަންނޭންގެ ކޯޗް އޭނާ އަށް ފުރުސަތު ދޭން ނިންމީ." ގްރީންގެ ބޯޑް މެންބަރު މީކާއީލް 'އަވަސް' އަށް ބުންޏެވެ.

ލަބާން، ވިދާލީ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާޓުގައި ދަރުމަވަންތަ ސްކޫލް ޓީމުންނެވެ.