ގައުމީ ފުޓްބޯޅް ޓީމް

ކޭމްޕް ކުރަން ޓީމު މެލޭޝިއާއަށް، ލީގަށް ބޮޑު ބްރޭކެއް

ވޯލްޑް ކަޕް އަދި އޭޝިއަން ކޮލިފިކޭޝަން އަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުން މާލެ އާއި މެލޭޝިއާގައި ޓްރޭނިން އަށް ކޭމްޕް ކުރުމަށް ހަމަޖައްސައި ދިވެހި ޕްރިމިއާ ލީގް ގިނަ ދުވަސްތަކަކަށް މެދު ކަނޑާލަން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން މިއަދު އާންމު ކުރި ލީގްގެ އާ ޝެޑިއުލްގައި ވަނީ، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުޅޭ މެޗަތަކަށް ފަހު 37 ދުވަހަށް ލީގް މެދުކަނޑާލުމަށެވެ. އެންމެ ފުރަތަމަ ނެރުނު ޝެޑިއުލްގައި، އީދު ބަންދަށް ފަހު މިމަހު 16، 17 އަދި 21، 22 ގައިވެސް މެޗުތައް ކުޅުމަށް ހަމަޖެއްސި އެވެ.

މިއަދު އާންމު ކުރި ޝެޑިއުލްއާއެކު އެދުވަސްތަކުގައި ކުޅެން ހަމަޖެހިފައިވާ އަށް މެޗުގެ ތެރެއިން މި މަހު 16 އަދި 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެއްސި މެޗުތައް ދެން ކުޅޭނީ އަންނަ މަހު 18، އަދި 19 ގަ އެވެ. އަދި މިމަހު 21، 22 ގައި ކުޅެން ހަމަޖެއްސި މެޗުތައް ދެން ކުޅޭނީ އަންނަ މަހު 23 އަދި 24 ގަ އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ހިމެނެނީ ޗައިނާ، ސީރިއާ، ފިލިޕީންސް، އަދި ގުއާމް އާއެކު ގުރޫޕް އޭ ގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ގައުމީ ޓީމުން ނުކުންނާނީ ގުއާމް އާ ދެކޮޅަށް އެ ގައުމުގަ އެވެ.

ކޮލިފައިންގައި ރާއްޖޭގެ ޓާގެޓެއްގެ ގޮތުގައި އެފްއޭއެމުން ހަމަޖައްސާފައި ވަނީ 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.

"ގައުމީ ކޯޗަށްވެސް އަންގާފައި ވާނީ ކޮލިފައިންގައި ނަތީޖާތައް ރަނގަޅު ކުރަން ލާޒިމު ކަމަށް." ބައްސާމް ވިދާޅުވި އެވެ.

މި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ލީގް ބުރޭކް ވީ ނަމަވެސް ގައުމީ ޓީމު ޕްރެކްޓިސް ފަށާނެ ތާރީހެއް އަދި މެލޭޝިއާއަށް ޓްރެއިނިން ކޭމްޕް ދިއުމަށް ހަމަޖެހިފައިވާ ތާރީހެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ މެޗުތައް

ސެޕްޓެމްބަރު ފަހެއް: ގުއާމް - ދިވެހިރާއްޖެ
ސެޕްޓެމްބަރު 10: ދިވެހިރާއްޖެ - ޗައިނާ
އޮކްޓޯބަރު 10: ސީރިއާ - ދިވެހިރާއްޖެ
ނޮވެމްބަރު 14: ދިވެހިރާއްޖެ - ފިލިޕީންސް
ނޮވެމްބަރު 19: ދިވެހިރާއްޖެ - ގުއާމް
މާޗް 26 2020: ޗައިނާ - ދިވެހިރާއްޖެ
މާޗް 31، 2020: ދިވެހިރާއްޖެ - ސީރިއާ
ޖޫން ނުވައެއް: ފިލިޕީންސް - ދިވެހިރާއްޖެ