ކުޅިވަރު

ދަނޑު ހަލާކުވެއްޖެ، ފުޓްބޯޅަ އާއިލާގެ ފާޑުކިޔުން ސަރުކާރަށް

ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ހާލަތު އޮތީ ވަރަށް ދަތި ހާލުގަ އެވެ. ރާއްޖޭގެ މިހާރު ބިނާ ކޮށްފައިވާ ކުޅިވަރުގެ އިމާރާތްތަކަކީ މީގެ 20 ނުވަތަ 25 އަހަރު ކުރިން ބިނާ ކޮށްފައި ހުރި ތަންތަނެވެ. ބައެއް ތަންތަން ވިރާނާވެ ކުޅިވަރުތައް މަގުމަތިވާ ހާލަތަށް ދާން ޖެހުނެވެ. ޓީޓީ އެސޯސިއޭޝަނަށް މުބާރާތްތައް ކުރިއަށް ގެންދާނެ ހޯލެއް މިހާރަކު ނެތެވެ. ބަހައިގެން ވިޔަސް ފަޅިކޮށްގެން ވިޔަސް ބޭނުން ކުރަން ހުރި ތަނަކީ މާފަންނު ކޮޅުގައި ހުރި ޒުވާންނުންގެ މަރުކަޒުގެ އިންޑޯ ހޯލެވެ. މިހާރު ހަތަރު ކުޅިވަރަކުން ބޭނުންކުރަމުންދާ މުޅި ރާއްޖޭގައިވެސް ހުރި ހަމައެކަނި ތަނެވެ.

މިއަދު މިދައްކަނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ދަނޑުގެ ވިނަގަނޑު ހަލާކު ވުމުން ރާއްޖޭގެ ލީގް މެދުކަނޑާލަން ޖެހުނު ވާހަކަ އެވެ. އިޖުތިމާއީ ހަރަކާތް ބާއްވަން ވިޔަސް، އަހަރީ ޝޯ ބާއްވަން ވިޔަސް ފުޓްބޯޅަ ކުޅެންވެސް އޮތްތަނަކީ ހަމައެކަނި އެތަނެވެ. ވަސީލަތައް އެހާ މަދެވެ. ނަމަވެސް ހިތާމައަކީ ސަރުކާރުން އަކަންކަމަށް ސަމާލުކަން ނުދެއްވުމެވެ. ދިވެހި ޕްރިމިއާ ލީގް މެދުކަނޑާލަން ޖެހުމުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތި ވާނެ ބަޔަކީ ލީގްގައި އަތޮޅުތަކުން ވާދަ ކުރާ ޓީމުތަކެވެ. ކުރިއަށް އޮތް ދޮޅުމަސް ހުސްކަންލަން ޖެހޭނީ ފުޓްބޮޅައިގެ ހަރަކާތެއްގައި ބައިވެރި ނުވެ އެވެ.

"ހަގީގަތުގައި މީގެ އުނދަގޫ އެންމެ ބޮޑަށް އުފުލަން ޖެހޭނެ ބަޔަކީ އަޅުގަނޑުމެން ހަތަރު ޓީމު،" ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަތޮޅު ތެރޭގެ ޓީމެއްގެ އޮފިޝަލަކު ބުންޏެވެ. "އަޅުގަނޑުމެން ކުރާނެ އެއްވެސް ކަމެއް ނެތް، އިތުރު ޚަރަދުތަކެއް ހިނގާނީ، ސަރުކާރު ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ހޯދަން އުފުލަން ޖެހޭ އުނދަގޫ އެހާ ބޮޑު، މިކަހަލަ ހާލެއްގައި އުޅޭއިރު އަދި ގިނަ ދުވަސްތަކަކަށް ލީގް މެދުކަނޑާލަން ޖެހުމުން މިއީ ވަރަށް ބޮޑު ގެއްލުމެއް."

ގަލޮޅު ދަނޑުގެ ބެލެނިވެރިކަން އޮންނަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށެވެ. އެ މިނިސްޓްރީއަށް ދަނޑު ރަނގަޅަށް ނުބެލެހެއްޓޭ ކަމުގެ ޝަކުވާ އަބަދުވެސް ފެންމަތިވެ އެވެ. އެއީ ދަނޑުގެ ވިނަގަނޑު އޮންނަ ކޮންޑިޝަންގެ ސަބަބުން ރަނގަޅު މެޗެއް ކުލެލެވެން ނޯންނާނެތީ އެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކޯޗުންގެ ޝަކުވާ އަބަދުވެސް އެންމެ ބޮޑަށް ފެންމަތި ކުރާ އެއް ކަމަކީ ދަނޑުގެ ވިނަގަނޑު އޮންނަ ހާލަތެވެ.

ގަލޮޅު ދަނޑުގެ ވިނަގަނޑަށް ފަރުވާއެއް ނެތް

"އަޅުގަނޑުވެސް ދިޔައިން މިއަދު ދަނޑު ބަލާލަން، އޮތް ގޮތް ފެނުނީމަ ލޮލުން ފެން އަންނަ ވަރުވި، ވަރަށް ޑިސަޕޮއިންޓް މަންޒަރެއް ފެނުނީ،" ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުންޏެވެ. "އެމީހުންނަށް ދަނޑުގެ ވިނަގަނޑުވެސް ރަނގަޅަށް ބެލެހެއްޓެނީކީ ނޫން، ދެން އަނެއްކާ ވިނަގަނޑަށް މިކަހަލަ ބޮޑު ގެއްލުމެއް ލިބުނީމަ ފުޓްބޯޅައަށް ލޯބި ކުރާ މިހެއްވިއްޔާ ދެރަ ވާނެ، އެއްފަހަރު [2015 ވަނަ އަހަރު] މި ދެރަ ލިބިގެން މުޅި ސީޒަނަށް އޭގެ އަސަރު ކޮށްފި، އެހެން ދިމާވީމަ އެކަމަށް ދެ ވަނަ ފަހަރު ވިސްނާލާނަމަވެސް ރަނގަޅު."

"ސަރުކާރަށް އިތުރު ސްޓޭޑިއަމްއެއް އެޅުނީކީ ނޫން، މިއޮތީ އިންތިހާބު ބޯމަތިވެފަ، މިކަހަލަ ކަންތައްތައް ކުރީމަ ފުޓްބޯޅައިގެ މީހުންގެ ތެރެއިން ސަރުކާރަށް ލިބެން ހުރި ވޯޓްތައްވެސް މަދުވާނެ، ވަރަށް ގަބޫލުކުރަން އުނދަގޫ މަންޒަރެއް ފެންނަނީ."

ރާއްޖޭގައި އިތުރު ސްޓޭޑިއަމްއެއް އެޅުމަށް ވާހަކަ ދެެކެވުނެވެ. އެއީ ގަތަރުގެ އެހީގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަން ވާހަކަ ދެކެވުނު ސްޓޭޑިއަމް އެވެ. އެ ސްޓޭޑިއަމްގެ ވާހަކަ ދެކެވިފައި ވަނިކޮށް ސަރުކާރުން ގަތަރާއެކު އޮންނަ ސިޔާސީ ގުޅުންތައް ކަނޑާލި އެވެ. ފުޓްބޯޅަ ސްޓޭޑިއަމްގެ މަޝްރޫ އޮތް ހިސާބެއްވެސް މިހާރު ނޭންގެ އެވެ.

ޓެކްނިކަލް ގެއްލުންތަކެއް ކުރިމަތި ވާނެ

ބައިނަލްއަގްވާމީ އެކި މުބާރާތްތަކުން ރަން މެޑަލް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ބާރު އަޅުއްވަ އެވެ. ކުރިއަށް މިއޮތީ ސާފް ޗެމްޕިއަންޝިޕެވެ. ދަނޑަށް މި ދިމާވި ގޮތުން ގައުމީ ޓީމުގެ ޕްރެކްޓިސް ފެށުން ލަސް ވެގެންދާނެ އެވެ. ލަސްވާ ކޮންމެ ދުވަހަކީ ޓީމަުގެ ކުރިއެރުމަށް ކުރިމަތި ވާނެ ބޮޑު ގެންޖެހުމެކެވެ. ރާއްޖެ ފިޔަވައި ސަރހައްދުގެ އެހެން ގައުމުތަކުން ތައްޔާރީތަށް ފަށައިފި އެވެ. ރާއްޖޭގެ މިއޮތީ ގައުމީ ޓީމު ޕްރެކްޓިސް ކުރަން އޮތް ދަނޑު ހަލާކު ވެފަ އެވެ.

ކުރިން ހަމަޖެހިފައި ނެތް ބްރޭކެއް ލީގަށް އައުމަކީ، ލީގްގައި ވާދަ ކުރާ ޓީމުތަކަށް ކުރިމަތިވާނެ ބޮޑު މައްސަލައެކެވެ. ލީގްގައި ބްރޭކް ގިނަވެގެން އެ މައްސަލަ ޓީމުގެ ކުޅުންތެރިންނަށް ކުރިމަތިވާ ވާހަކަ އަކީ އަބަދުވެސް ދައްކާ ވާހަކައެކެވެ. ކުޅުންތެރިންގެ ފިޓްނަސް އެއްވަރެއްގައި ނުހިފެހެއްޓޭތީ އެވެ. ލީގަށް މި އައި ކުއްލި ބްރޭކުން އެ މައްސަލަ އިތުރަށް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ގައުމީ ޓީމަށް ގިނަ އަދަދެއްގެ ކުޅުންތެރިން ފޮނުވާ ކުލަބުތަކަށް އެ މައްސަލަ ދިމާ ނުވެދާނެ އެވެ. މި މިއްސަލަ ދިމާވާނީ ގައުމީ ޓީމުން ކުޅުންތެރިންނަށް ޖާގަ ނުލިބޭ ޓީމުތަކަށެވެ. ގަލޮޅު ދަނޑަކީ ރާއްޖގެ ފުޓްބޮޅައިގައި އޮތް ހަމަ އެކަނި ހިތެވެ. އެތަނަށް ލިބޭ ކޮންމެ ގެއްލުމަކާއެކު އޭގެ އަސަރު ފުޓްބޯޅައަށް ލޯބި ކުރާ މީހުންނަށް ކުރާނެ އެވެ. ވަސީލަތްތަކުގެ ދަތި ކަމާ ހުރެ، އެފްއޭއެމް އާއި ސަރުކާރުން މިކަމާ ވިސްނަން ޖެހެ އެވެ.