ހަބަރު

އޮޕެކް ފަންޑުން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

އޮޕްކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓުން 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ)ގެ ލޯނެއް ރާއްޖެއަށް ދީފި އެވެ.

ހައުސިން މިނިސްޓްރީ އާއި އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އޮޕެކް ފަންޑުން ރާއްޖެއަށް 40 މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ލޯނު ތިން ދާއިރާއަކަށް ހޭދަ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ލޯނު ބޭނުން ކުރާނީ އެންވާރަމަންޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ ދަށުން އޮންނަ ރީޖަނަލް އެއާޕޯޓުގެ މެންޑޭޓުގައި ހުންނަ ދާއިރާތަކަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓަކީ ޒަމާނުއްސުރެ ރާއްޖެއަށް ވަރަށް އެހީތައް ވަމުން އަންނަ ފަންޑިން އެޖަންސީއެއް، އަދި ވޭތުވެ ދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އެންވާރަމަންޓް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ފެނާއި ނަރުދަމާގެ ދާއިރާއަށް ވެސް ވަރަށް މުހިންމު ސްކީމްތަކަށް އެ ބޭފުޅުން ވަނީ ފަންޑު ކުރައްވާފައި،" ތޯރިގު ވިދާޅުވި އެވެ.

އޮޕެކް އިން ދިން 40 މިލިއަން ޑޮލަރު ހަރަދު ކުރާނެ ގޮތުގެ ތަފްސީލު ދެއްވަމުން ތޯރިގު ވިދާޅުވީ އެ ފައިސާ ހަރަދު ކުރާނީ ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކަށް ކަމަށެވެ. އެގޮތުން ހދ އަތޮޅުން ނެއްލާދޫއާ، ނޭކުރެންދޫ އަދި މަކުނުދޫގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރާނެ ކަމަށާއި ށ. ވާދޫއާ، ފިޔޯރީ އަދި ބ. ދަރަވަންދޫއާ ކެންދޫގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ. އަދި އައްޑޫ މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެންވާރަމަންޓް މިނިސްޓްރީ އިން ޖުމުލަ 19.5 މިލިއަން ޑޮލަރުގެ މަސަައްކަތް ކުރާނެ ކަމަށާއި އެ މަޝްރޫއުތަކުގެ އަމާލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން ރީޖަނަލް އެއާޕޯޓުން އެ ބަޖެޓުން ފައިސާ ހަރަދު ކުރަނީ ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން އެ ފަންޑުން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލަމުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޮޕެޑް އިން ދިން ފައިސާ ހައުސިން މިނިސްޓްރީ އިން ހަރަދު ކުރާނީ އެކި ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތަށް ކަމަށާއި އެކަމަށް 13.5 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށެވެ. އެގޮތުން ގއ. ކޮލަމާފުއްޓާއި ގދ. ހޯޑެއްދޫ އަދި އައްޑޫ ސީޓީ މަރަދޫފޭދޫގެ ބަނދަރު ހެދުން ހިމެނޭ ކަމަށާއި ބ. ކުޑަރިކިލުއާ ދޮނފަނު އަދި ކިހާދޫ ބަނދަރު ވެސް ފަނޑުގެ ތެރެއިން ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިދާރީ ކަންކަން ނިންމުމަށް ފަހު އަމަލީ މަސައްކަތް މި އަހަަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ރާއްޖެއަށް އެކި ކަހަލަ ދަތި ކުރުމުގެ ފިޔަވަޅުތަކާއި އެކި ކަހަލަ ބަދުނާމު ކުރުމުގެ ކަންކަން އެކި ފަރާތްތަކުން ކުރިމަތި ކުރަމުންދާ އިރުގައި ވެސް ތަރައްގީއަށް އެކުވެރި ޖަމާއަތްތަކުންނާއި ދައުލަތްތަކުން އެހީވާކަމުގެ މިސާލެއް ފެނިގެން މިދަނީ،" މުއިއްޒު ވިދާޅުވި އެވެ.