ހަބަރު

އީޔޫގެ ނިންމުމަށް މަރުހަބާ، އިހުލާސްތެރި މަޝްވަރާއަށް ތައްޔާރު: އެމްޑީޕީ

ރާއްޖޭގެ ވެރިންގެ މައްޗަށް ފިޔަވަޅު އެޅޭނެ އުސޫލުތައް ކަނޑައަޅައި ޔޫރަޕިއަން ޔޫނިއަން، އީޔޫއިން މިއަދު ފާސްކުރި ފްރޭމް ވޯކަށް މަރުހަބާ ކިޔާ ކަމަށާއި އީޔޫއިން އެދޭ ފަދަ އިހުލާސްތެރި މަޝްވަރާތަކެއް ކުރުމަށް ސަރުކާރާއެކު އެއްމޭޒެއްގެ ދޮށަށް ދިޔުމަށް ތައްޔާރު ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އިން ބުނެފި އެވެ.

އީޔޫގެ ޕޮލިސީ ލެވަލްގެ ކަންކަން ނިންމާ އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލް ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށް އަދި ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ނިންމައި، ފިޔަވަޅު އެޅޭނެ އުސޫލެއް ވަނީ ކަނޑައަޅައިފަ އެވެ.

މި ނިންމުމާއެކު، ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ވަކި ވަކި ފަރުދުންނާއި ކުންފުނިތަކުން އީޔޫގެ ގައުމުތަކުގައި ހުރި މުދަލާއި އެކައުންޓުތައް ހިފެހެއްޓުމާއި، އެމީހުންނަށް އީޔޫ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ފިޔަވަޅު އެޅުމަށް މިހާރު އީޔޫއަށް ހުރަހެއް ނޯންނާނެ އެވެ. އަދި އީޔޫ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގައި މިހާރު އޮތީ ޑިމޮކްރަޓިކް އުސޫލުތަކެއް ނޫން ކަމަށާއި ބާރުތައް ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ، އީޔޫގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި ސަރުކާރާއެކު މަޝްވަރާއަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި މަޝްވަރާތައް އަމާޒުކުރަންވާނީ އީޔޫއިން ސަރުކާރަށް ކުރަން ކަނޑައަޅާފައިވާ ކަންކަމާ ގުޅޭގޮތުންނާއި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމާއި ގުޅޭގޮތުން ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އަދި ސަރުކާރާ އެކު މަޝްވަރާ ކުރާނީ އެޖެންޑާއެއް އޮވެގެން އަދި މަޝްވަރާގައި އެއްބަސްވާ ކަންކަން ހާސިލްކުރާނެ ޓައިމްލައިނެއް ވެސް އޮވެގެން ބޭރުގެ މިނިވަން ފަރާތެއް މެދުވެރިއެއްގެ ގޮތުގައި ބައިވެރިކޮށްގެން ކަމަށެވެ.

އެމްޑީޕީން ބުނީ، މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލައި ހުރިހާ ޕާޓީތަކަކަށްވެސް އެޕާޓީތަކުން އެދޭ ކެނޑިޑޭޓެއް ނެރުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި ނުފޫޒުން އެއްކިބާވެފައިވާ އަދުލު އިންސާފުގެ ނިޒާމަކާއި ރައްޔިތުންގެ މަޖިލީހެއް ގާއިމް ކުރުމަށާއި އިލެކްޝަން ކޮމިޝަނަށް އަލުން މެންބަރުން އައްޔަން ކުރުމަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެމްޑީޕީން ދެކޭ ކަމަށް ވެސް އެ ޕާޓީއިން ބުންޏެވެ.

އެމްޑީޕީން އިތުރަށް ބުނީ، ރައީސް އަބުދުﷲ ޔާމީނަށް ލިބިފައިވާ ފަހު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާނެކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރެވޭނެ ކެނޑިޑޭޓުން އަންނަ އޮގަސްޓްމަހު އިއުލާން ކުރާއިރު އެކަމަށް ވަރަށް ބޮޑަށް އީޔޫއިން ބަލާނެ ކަމަށްވެސް ގަބޫލު ކުރާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.