ކުޅިވަރު

މިސްބެގެ ހެޓުރިކުން ގްރީންއަށް ބޮޑު މޮޅެއް، ފެހެންދޫ ފުރަތަމަ މޮޅު

އަބްދުﷲ މިސްބާހް (މިސްބެ) ހެދި ހެޓްރިކާއެކު ފ. ނިލަންދޫގެ މައްޗަށް ގްރީން ސްޓްރީޓުން 6-0 ގެ ނަތީޖާއަކުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ގްރީންގެ މިހާރުގެ ކޯޗް އަލީ ސުޒޭން، މާޒިޔާގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރިއިރު އޭނާ ވަނީ މާޒިޔާގެ ޓީމުން މިސްބާހްއަށް ފުރުސަތު ދީފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ޕްރީ ސީޒަން ޓްރެއިނިން ފެށުމުގެ ކުރިން، މާޒިޔާގެ ޓްރެޔަލް އަށް އައިސް ޓްރެޔަލްއިން ފާހަގަ ވުމުން، ސުޒޭން ވަނީ މިސްބާހްއަށް މާޒިޔާގެ ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ. އަދި އެ އަހަރު މާޒިޔާގެ އޭއެފްސީ ކަޕް ސްކޮޑުންވެސް މިސްބާހުއަށް ފުރުސަތު ދިނެވެ.

އޭނާ ބޮޑަށް ކުޅުނީ މާޒިޔާގެ ޔޫތު ޓީމުގައެވެ. ޔޫތު ޗެމްޕިއަންޝިޕް 2016 ގައި، އޭނާ ވަނީ މާޒިޔާގެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އޭނާގެ ފޯމު އެއްވަރެއްގައި ނުހިފެހެއްޓުނެވެ. ދެން އޭނާ ފެނިގެން ދިޔައީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި ށ. މިލަންދޫ ޓީމުންނެވެ. އެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެވެ. މިލަންދޫގައި އޭނާގެ އެންމެ ހާއްސަ މެޗަކަށްވީ މާޒިޔާ ކޮޅަށް ދެ ލަނޑު ޖެހި މެޗެވެ.

މިއަދު ހަވީރު، ނިލަންދުއާ ދެކޮޅަށް ހެދި ހެޓްރިކަކީ ސީނިއާ ކެރިއާގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓްތެރޭގައި ގްރީންއިން ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ.

ފުރަތަމަ ލަނޑު މެޗު ފެށިގެން އަށް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮލޭންޑް ރަސަލް އެވެ. ގްރީންގެ ދެ ވަނަ ލަނޑު މިސްބާހް ކާމިޔާބު ކުރީ 15 ވަނަ މިނެޓްގައެވެ. ތިން ވަނަ ލަނޑު ރަސެލް ކާމިޔާބު ކުރީ 23 ވަނަ މިނެޓްގައެވެ. ހަތަރު ވަނަ ލަނޑު މިސްބާޙް ކާމިޔާބު ކުރީ 27 ވަނަ މިނެޓްގައެވެ.

ގްރީންގެ ފަސް ވަނަ ލަނޑު އަލީ ނަސޫހް ރަޝީދު ކާމިޔާބު ކުރީ، 85 ވަނަ މިނެޓްގައެވެ. މިސްބާޙް ހެޓްރިކް ހެދީ 92 ވަނަ މިނެޓްގައެވެ.

ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލި، ބ. ފެހެންދޫ ވަނީ، ލީގްގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދާފަ އެވެ. ތ. ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗު ފެހެންދޫ ކާމިޔާބު ކުރީ 1-0 ންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ނިޒާމް އެވެ.